ގޭގެއިން އުކާލާ ކުނި އެޕާޓްމަންޓާ ހަމައަށް ގޮސް ކުނި ނަގާގޮތަށް ހަމަޖައްސަން ނިންމާފައިވާ ކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯ އިން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އެކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވާ ގޭބީސީތަކުގެ ކުނިތައް މިމަހުގެ 15 އިން ފެށިގެން ކުރިއެކޭ ވެސް އެއްގޮތައް ކޮންމެ އެޕާޓްމަންޓަކާއި ހަމައަށް ވެމްކޯގެ މުވައްޒަފުން ގޮސް ކުނި ނަގުމަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އާދަމް ވިދާޅުވީ ކުނި ނަގަން ރަޖިސްޓްރީ ނުކުރާ ގިނަ އަދަދެއްގެ ގޭބީސީތައް އެބަހުރި ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެ ކުންފުނިން ބުނީ ވެމްކޯގެ މުވައްޒަފުން ކުނިނެގުމަށް ހަރަކާތްތެރިވަމުންދާނީ ރޭގަނޑު 8:00 އާއި 11:00އާ ދެމެދުއެވެ.
އެ ގަޑިތަކުގައި ކުނި ނެގުމަށް އިމާރާތްތަކަށް ވަދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ވެސް އެކުންފުނިންވަނީ އެދިފައެވެ
ވެމްކޯއިން ބުނީ މިއަދުން ފެށިގެން ވެމްކޯއިން ގޭބީސީތަކަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ރަޖިސްޓާ ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ވެރިފަރާތުގެ ނަމުގައި ކަމަށެވެ.
ވެމްކޯއިން ބުނީ ކޮންމެ ގޭބީސީއަކުން ދުވަހު ކުނީގެ ގޮތުގައި އުކައިދޭނީ އެ މިންގަނޑަށް ފެތޭ 40 ލީޓަރު ސައިޒްގެ ތިން ޑަސްބިން ކޮތަޅުގެ ކުނި ނުވަތަ ކަޅު ޑަސްބިން ކޮތަޅުގެ 120 ލީޓަރުގެ ކުނި ކަމަށެވެ.