ރައްޔިތުންގެ މަޖިލިސް ކުރާ ގެއަކީ ސުވަރުގެއެއް ނޫން!

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގައި ދައްކާ ވާހަކައަކުން ކުށްވެރި ނުވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ވެސް ވެދާނެއެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކަން އެގޮތަށް އޮންނާތީއެވެ.

ރައްޔިތުންގެ މަޖިލީހަކީ ގައުމު އިސްލާހުކުރުމުގެ މައި ތަނބެވެ. ގައުމުގެ އަމާން ކަން ހިމާޔަތް ކުރެވެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކުގެ ސަބަބުންނެވެ. ހަމައެހެންމެ ގައުމެއްގެ ތެރޭގައި ފިތުނައުފެދި ގައުމުގެ އަމާންކަން ގެއްލި ދަނީވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބައެއް ގާނޫނުތަކުގެ ސަބަބުން ކަމުގައި ދެންނެވިދާނެއެވެ.

ގައުމެއްގެ މައި ހުންގާނު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ގައުމުގެ މިސްރާބު ބަދަލު ކޮށްލުމުގެ މޭސްތިރިން ކަމުގައި ވީހިނދު އެ މެންބަރުންގެ އަޚުލާޤާއި ސުލޫކު ގެ ސަބަބުން ގައުމީ ނައު ފަރަށް އެރުންވެސް އޮންނާނީ ދާދި ގާތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ތަޅާފޮޅުމާއި ތަނުގެ މުދަލަލާއި ތަކެއްޗަށް ގެއްލުން ދޭ ބަޔަކަށް ވެގެން ނުވާނެއެވެ. މިފަދަ ހަޑި މުޑުދާރު ޢަމަލުތައް ގާނޫނު ހަދާ މަޖިލީހަށް، ރައްޔިތުން އަތްފުނާއަޅައިގެން ހޮވާފައި ތިބޭ ރައްޔިތުންގެ މަންދޫބުންގެ ކިބައިން ފެންނަން ފަށައިފިނަމަ އެގައުމެއްގެ އަޚުލާޤީ ފޭރާން އޮންނާނީ ވީދި، އޮރިޔާން ވެފައެވެ.

ރައްޔިތުންގެ މަޖިލިސް: މެންބަރުން އެހެން މީހުންގެ އަބުރާއި ކަރާމާތަށް ބައްލަވަންވާނެ

ރައްޔިތުންގެ މަޖީލީހުގައި ތިބެން ވާނީ އެހެން މީހުންގެ އަބުރާއި ކަރާމަތަށް އަރައިނުގަންނަ އަދި ދިވެހިބަހުގެ އަދަބިއްޔާތުގެ ތެރެއިން ހާމަ ކުރަން ބޭނުންވާ ވާހަކަތައް ވަކަރުގޭ ކުދިންގެއުޞޫލުން ބޭރުވެ، ހާމަކުރަން އެނގިވެވަޑައިގަންނާވާނޭ ފެންވަރުގެ ބޭފުޅުންނެވެ. ފާޑު ކިއުމުގައިވެސް ބަހުގެ ހަމަތަކާއި އެއްގޮތަށް ރީތި މައްދިވެހި ބަހުން އެވާހަކަ ބުނެލަން އެނގޭ ފެންވަރުގެ ބޭފުޅުންނެވެ.

ކުށްނުކުރެވޭ ހަމައެކަނި ތަނަކީ ސުވަރުގެއެވެ. އެނޫނީ ކުށްނުކުރެވޭ އެއްވެސް ތަނެއް ނުހުންނާނެއެވެ.

މަޖިލީހުގެ ގަވާޢިދު ހައްދަވަނީ މަޖިލީހުގެ މެންބަރުން އަމިއްލަ ފުޅަށެވެ. އެހެން ކަމަށް ވާއިރު އެ މުއައްސަސާއަށް ޚާއްޞަ ކުރެވިފައިވާ މެންބަރުން އެ މުއައްސަސާގެ ތެރޭގައި ކުރައްވާ ކުށްތަކަށް އަދަބު ނުލިބޭ ގޮތަށް ގަވާއިދު ހައްދަވައި ފާސްކުރުމަކީ ގަބޫލު ކުރަން ފަސޭހަ ކަމެއްނޫނެވެ. މަޖިލީހުގެ ތަޅަމުގައި އެކަކު އަނެކަކަށް އައުގުރާނަ ގޮވައި މައިބަފައި ގޮވައި އަބުރު ކަތިލެވޭ ފަދަ ދަށު ދަރަޖައެއްގައި ބަސްމޮށުން ތެރިކަން ހުރުމަކީ އަޑުއަހަން ވަރަށް ލަދުވެތި ވާނޭ ސަބަބެއް ކަމަށް ދެކެމެވެ.

މުސްލިމުންނަކީ މުޢާމަލާތް ކުރުމަގައި ވަކި މިންގަނޑު ތަކެއް ބޭނުންކުރަން ޖެހޭ ބަޔަކަށްވާން ޖެހެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ޢާންމުކޮށް ހުޅުވާލައިގެން ލައިވްކޮށް ދައްކާ ޖަލްސާ ތަކެއް ކަމަށް ވީހިނދު ޖަލްސާ ބައްލަވާ އަދި އަޑުއައްސަވާ ބޭފުޅުންނަށް ދަތްކުނޑި ވިކައި ބަލާލެވޭނެ ރީތި ހަމަހަމަ މިންގަޑުތަކަށް ޖަލްސާގައި ވާހަކަ ދައްކަވާ ބޭފުޅުންގެ ބަސްމޮށުންތެރިކަން ހުންނާން ޖެހެއެވެ.

މަޖިލީހަކީ އެކަކު އަނެކަކަށް ޖަދަލުކޮށް ޒުވާބު ކުރާ ތަނަކަށް ނުހައްދަވާށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ ހުށަހެޅޭ ކުއްލި މައްސަލަތަކާއި ހުށަހެޅޭ ބިލްތަކުގެ މައްޗަށް ވާހަކަދައްކަވައި ބަހުސް ކޮށް ފަހުބަސް އިއްވާ ތަނެވެ. އެތަނަކީ އަރާރުންވެ ޒުވާބުކޮށް އައުގުރާނަ ގޮވަން އޮންނަތަނެއް ނޫނެވެ. ހުށަހެޅޭ ބިލްތަކާއި މައްސަލަތަކުން ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއާ ހަމައަށް ވާޞިލް ވުމަށްޓަކާ މެނުވީ އެތަނުން އެހެންކަންތައް ކުރާތަން ފެނުމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.

ހުށަހެޅޭ ބިލްތަކާއި މައްސަލަތަކުން ރައްޔިތުންނަށް ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބަލައި އެކަންކަމާ މެދު ވާހަކަދައްކައި ބަހުސް ކުރުމުގެ ބަދަލުގައި ފެންނަމުން ދަނީ ޒުވާބު ކުރުމާއި އަރާރުން ވެ މީސްމީހުންގެ އަބުރު ކަތިލަމުންދާތަނެވެ. އެހެންކަމުން ފާސްކުރާ ގާނޫނަކުން ވާ އެއްވެސް ފައިދާ ނުފެނެއެވެ. ގާނޫނު އޮންނަނީ އޮންނަތާނގައެވެ. މީހުން އުޅެނީ އުޅޭނެ ގޮތަކަށެވެ.

 

Loading

One Response

  1. Thee rayyithunge majileeheh noon thee masmaarukeytu masmaarukeytuga lavaahalheykaa govaa nubai avaguraana thibunaa majileehugave onnanee ehennu vaanee evves thauleemeh sadhabeh ahulaageh egeybaeh noon mihaaru ethaathibee vakarugey kudhinnavureves ahulaagu dhahbaeh.

Leave a Reply to ާަަޖަމަލުhum Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް