'ދީނީ ހަރުކަށި' ފިކުރަކީ ކޮބައިކަމާއި އެކަމުގެ ސަބަބާއި އަދި އެކަމުގެ ހައްލުގެ މައްޗަށް ބަލައިލުން – 3

Loading

Facebook
Twitter
WhatsApp
maldives news

 http://sandhaanu.today/1132

http://sandhaanu.today/1253

މި ލިޔުމުގެ ފުރަތަމަ ބައިގައި އިސްލާމް ދީނުގައި ދީނުގެ މަފްހޫމަކީ ކޮބައިކަމާއި އެ މަފްހޫމުގެ މާނަ ދެނެގަތުމުގެ ގޮތުން ދެނެގަންނަން ޖެހޭނޭ ހަތަރު ލަފްޒެއްގެ މާނަ ބަޔާންކުރެވުނެވެ. ދީނާއި އިސްލާމާއި ޝަރީއަތާއި ފިގުހާއި މި ހަތަރު ލަފްޒުގެ މާނައެވެ. މީގެ ތެރެއިން ދީނާއި އިސްލާމުގެ މާނަ ގުޅެނީ، މާތްކަލާނގެއަށް އީމާންވެ، ހެޔޮކަންތައްތައްކޮށް، އަދި، ނުބައިކަންތައް ކުރުމުން ދުރުވެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމާކަން އެބައިގައި ބަޔާންކުރެވުނެވެ. ޝަރީއަތާއި ފިގުހުގެ މާނަ ގުޅެނީ ހެޔޮގަތަކީ ކޮބައިކަން ކަނޑައަޅާލުމާއި އެ ގޮތް ތަފްސީލީ ސިފައެއްގައި ބަޔާންކުރުމާކަން ވެސް ފުރަތަމަ ބައިގައި ބަޔާން ކުރެވުނެވެ.

މިލިޔުމުގެ ދެވަނަ ބައިގައި ޝަރީއަތުގެ ހުކުމްތައް ޖުމްލަ ގޮތެއްގައި ބެހިގެންވާ ދެބައިގެ މައްޗަށް ބަލާލެވުނެވެ. އިންސާނާގެ ފަރުދީ ހަޔާތާ ގުޅޭ ބަޔާއި އަދި މުޖުތަމައީ ކަންތައްތައް ހިންގުމާ ބެހޭ ބައެވެ. ހަނދާން އާކޮށްލުމުގެ ގޮތުން މި ދެބައިގެ ޚުލާސާއެއް ލިޔެލާނަމެވެ. ޝަރީއަތުގެ ތައުލީމާތުތަކުގެ ފުރަތަމަ ބައިގައި ހިމެނެނީ އަޅުކަންކަމާއި ހަލާލު-ހަރާން ކަންތަކެވެ. މިބައިގެ މަގުސަދަކީ ފަރުދީ އިސްލާހެވެ. އެކަން ކުރުމުގެ ޒިންމާ ނަގަން ޖެހެނީ ކޮންމެ މުއުމިނު ފަރުދެކެވެ. މިއީ ޝަރީއަތުގެ ޚާލިސް ’ދީނީ’ބައި ކަމުގައި ބެލެވެއެވެ. ތަނާއި ޒަމާނާ ގުޅުވައި މި ބަޔަކަށް ބަދަލެއް ނުގެނެވޭނެއެވެ. ޝަރީއަތުގެ ހުކުމްތަކުގެ ދެވަނަ ބައި ގުޅެނީ މުޖުތަމައު ހިންގުމާއެވެ. މި ބައިގައި ހިމެނޭ ހުކުމްތަކުގެ މަގުސަދަކީ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުކުރުމެވެ. މި ބައިގައި ހިމެނޭ ހުކުމްތައް އިބާރަތްކުރެވިފައިވަނީ އެ ހުކުމްތަކުގެ މަގުސަދުތަކުގެ މައްޗަށް ބާރު އެޅިގެންނެވެ. މިކަންކަން ހިންގާލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވަނީ ހާކިމާއަށެވެ. ނުވަތަ ހާކިމާ އައްޔަނުކުރާ ފަރާތަކަށެވެ. މިކަންކަން ހިންގުމުގެ ބާރު، އަމިއްލަ ފަރުދުންނަށް ލިބިގެން ނުވެއެވެ.

ދެން އިސްލާމީ ދީނީ ފިކުރު ހަރުކަށިވާ ސަބަބުތަކުގެ މައްޗަށް ބަލައިލާނަމެވެ.

އިސްލާމީ ދީނީ ހަރުކަށި ފިކުރުގެ ތައާރުފެއް

މި ހިސާބުން ’އިސްލާމީ ހަރުކަށި ފިކުރު‘ މި މަފްހޫމުގެ ތައާރުފެއް، ’އިސްލާމީ ހަރުކަށި ފިކުރަކީ‘ ކޮބައިކަން، ކަނޑައަޅާލަން ޖެހެއެވެ. އިލްމީ ދިރާސާތުތަކުގައި މި މަފްހޫމުގެ މާނަ ކަނޑައަޅާލެވެނީ މިފަދައިންނެވެ. ’އިސްލާމީ ހަރުކަށި ފިކުރަކީ’، އިސްލާން ދީނުގެ ފިކުރު ނޫން އެހެން ހުރިހާ ފިކުރަކީ ބާތިލު ފިކުރެއްކަމުގައި ދެކި، އެކަން މުޖުތަމައުގައި ގަދަކަމުން ހިންގާލަން އުޅުމެވެ.

މިތަނުގައި އިސްލާމީ ދީނުގެ ފިކުރޭ ބުނެ އިޝާރަތް ކުރެވެނީ އިސްލާމީ ޝަރީއަތުގެ އިލްމުގައި ބަޔާންކޮށްދެވިފައިވާ ފިކުރަށެވެ. މިތަނުގައި ދީން ބޭނުން ކުރެވިފައި މިވަނީ މިލިޔުމުގެ ފުރަތަމައިގައި ދީނުގެ މާނަ ބަޔާންކުރެވުނު އިރު ބަޔާންކުރި ޚާއްސަ މާނައިގައެއް ނޫނެވެ. މާތްކަލާނގެއަށް ކިޔަމަންގަނެ، މުއުމިނާ އެކަލާނގެއާ އުފައްދާ ގުޅުމުގެ މާނައިގައެއް ނޫނެވެ. ނަމަވެސް، ދީނުގެ އާންމު މާނައިގައެވެ. އިސްލާމީ ޝަރިއާތުގެ ހުރިހާ އުނގަންނައި ދިނުން އޭގެ ތަފްސީލާއި އެކު ހިމެނޭ އާންމު މާނައިގައެވެ. އާދެ، ’ރެލިޖަން’ގެ މާނާއިގައެވެ.

އިސްލާމީ ދީނީ ހަރުކަށު ފިކުރުގެ އަހުލުވެރިން ދެކޭ ގޮތުގައި އިސްލާމީ ޝަރީއަތުގެ ތަފްސީލު ބަޔާންކުރެވިފައި ވަނީ ކީރިތި ޤުރުއާނުގައްޔާއި ސުންނީ ހަދީސް ފޮތްތަކުގައްޔާއި އަދި އިމާމުވެރި، (އިމާމު އަބޫ ޙަނީފާ، އިމާމު މާލިކު، އިމާމު ޝާފިޢީ އަދި އިމާމު އަޙްމަދު އިބްނު ޙަންބަލް، މި) ފިގުހުވެރިންގެ މަޒްހަބީ ފިގުހު ފޮތްތަކުގައެވެ. އާދެ، ޙަނަފީ، މާލިކީ، ޝާފިއީ އަދި ޙަންބަލީ ފިގުހު ފޮތްތަކުގައެވެ. މިފަދަ ފިކުރުގެ އަހުލުވެރިންގެ ތެރޭގައި ވެސް، ’ހަރުކަށިވުމުގެ‘ ތަފާތު ދަރަޖަތަކެއް ވެއެވެ. މީގެ ތެރެއިން އެންމެ މަތީގައި ހިމެނެނީ، ޝަރީއަތުގެ އިލްމު ބަޔާންކުރެވިފައިވަނީ ކީރިތި ޤުރުއާނުގައްޔާއި އަދި ހަދީސް ފޮތްތަކުގައޭ ބުނެ، ފިގުހީ ފޮތްތަކަކީ ވެސް، ޝަރީއަތުގެ އިލްމު ދެނެގަތުމުގައި، އެ ފޮތްތައް، ބަލައި، އެ ފޮތްތަކަށް ކޮންމެހެން ރިއާޔަތްކުރަން ޖެހޭ ފޮތްތަކެއް ނޫންކަމަށް ދެކޭ މީހުންނެވެ. އަނެއް ބަޔަކީ، ފިގުހީ ފޮތްތަކުގައި ޝަރީއަތުގެ މައްސަލަތައް ވަކި ގޮތަކަށް ނިންމާފާވާ އިރު، އެ ނިންމުން، ކީރިތި ޤުރުއާނުގެ، ނޫނީ ހަދީސްތަކުގެ ނައްސުތަކުގެ (ޓެކްސްޓުތަކުގެ) ބޭރުފުށުގެ މާނައާއި ފުށުއަރާ ނަމަ، މި ބޭރުފުށުގެ މާނައަށް އިސްކަންދޭ މީހުންނެވެ. ތިން ވަނަ ބަޔަކީ ޝަރީއަތުގެ އިލްމުގެ އެންމެ ފަހުގެ ނިންމުމަކީ ފިގުހު ފޮތްތަކުގައި ނިންމާފާވާ ގޮތް ކަމުގައި ދެކޭ މީހުންނެވެ.

މުޖުތަމައުގައި އިސްލާމީ ޝަރީއަތް ހިންގާލުމާ ބެހޭ ގޮތުން ވެސް، މި ތިން ބައި މީހުންގެ ތެރޭގައި ވެސް ތަފާތުތަކެއް ވެއެވެ. މީގެ ތެރެއިން، އެއް ބަޔަކީ، މިކަންކަމީ، މައިގަނޑު ގޮތެއްގައި، ހަމައެކަނި ގަބޫލުކުރުންތަކެއްގެ ގޮތުގައި ދެކޭ ބަޔެކެވެ. އެމީހުން ގަބޫލުކުރާ ގޮތް ހަގީގަތަކަށް ވުމަށް އެދި ތިބި ކަމުގައި ވިޔަސް، ބާރުގެ ބޭނުން ކޮށްގެން، މުޖުތަމުގައި، އެމީހުން މާނަކުރާ ގޮތަށް، ޝަރީއަތުގެ އިލްމު ހިންގާލާކަށް އެމީހުން ބޭނުމެއް ނުވެއެވެ. އަނެއްބައި މީހުންނަކީ، ތަނުގެ ގާނޫނުތަކާއި ގަވާއިދުތަކަކީ، އެމީހުންގެ ނަޒަރުގައި، އިސްލާމީ ޝަރީއަތާއި ޚިލާފު އެއްޗެހި ކަމަށް ދެކި، އިސްލާމީ ޝަރީއަތް އަމިއްލައަށް މާނަކޮށް، އެ ގޮތްތައް، ހިންގާލަން އުޅޭ މީހުންނެވެ. ނަމަވެސް، މި ގޮތް ގަބޫލުކުރާ އެންމެންނަކީ، ހުރިހާ ވަގުތެއްގައި ބާރުގެ ބޭނުންކޮށްގެން، ޝަރީއަތުގެ ހުކުމްތައް އެމީހުން މާނަކުރާ ގޮތަކަށް ހިންގާލަން އުޅޭ މީހުންނެއް ވެސް ނޫނެވެ. ޝައްކެތް ނެތް ގޮތުގައި، އެފަދަ މީހުން ވެސް މި ބައިގެ ތެރޭގައި ހިމެނެއެވެ. މީގެ އެއް މިސާލަކީ އައިސިސް (އިރާގާއި ޝާމުކަރައިގެ އިސްލާމީ ދައުލަތް) މި ޖަމާއަތުގެ މީހުންނެވެ. މީގެ ތެރޭގައި ހިމެނޭ އަނެއްބައި މީހުންނަކީ، ކައިވެންޏާ ބެހޭ ފަދަ ބައެއް ކަހަލަ ހުކުމްތައް، އިސްލާމީ ޝަރީއަތް، އެމީހުން އަމިއްލައަށް މާނަކުރާ ގޮތަކަށް، އެ ގޮތް ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވެ، ފުށުއެރި ކަމުގައި ވިޔަސް، ހިންގާލާ މީހުންނެވެ. މިސާލަކަށް، ގާނޫނުތަކުގައި ކައިވެނިކުރުމުގެ އެންމެ ހަގު އުމުރަކީ އަށާރަ އަހަރު ކަމުގައި ކަނޑައެޅިފައި އޮތަސް، މިއާ ޚިލާފަށް، އެއަށް ވުރެ ހަގު އުމުރުގައި ވެސް، ގާނޫނާއި ގަވާއިދުގެ އޮނިގަނޑުން ބޭރުން، އެބަހީ އަމިއްލަ ’ގާޒީންނާއި‘ އަމިއްލަ ’ހެކިން‘ ބައިތިއްބައިގެން، ކައިވެނީގެ ރަސްމުތައް އަމިއްލައަށް ނިންމާލާ މީހުންނެވެ. ޝައްކެތް ނެތް ގޮތުގައި މި ފަދަ މީސް މީހުން ރާއްޖޭގައި ވެސް އުޅެއެވެ. މީގެ ހެކި، މިފަދަ މީސް މީހުން ހިންގާ ފޭސްބުކް ފަދަ ޚަބަރު ފަތުރާ އިޖުތިމާއީ ވަސީލަތްތަކުގެ ސަފްހާތަކުން، ފެންނާނެއެވެ.

މި ވާހަކަ ކޮޅުން، ’އިސްލާމީ ހަރުކަށި ފިކުރޭ‘ ބުނެ އިޝާރަތްކުރާ މާނަ، ކޮންމެވެސް ވަރަކަށް ނަމަވެސް، ސާފުވެދާނެ ކަމަށް އުއްމީދުކުރަމެވެ. މިފިކުރުގެ މާނައިގެ ޚުލާސާއަކީ، އިސްލާމީ ޝަރިއަތުގެ ހުކުމްތައް، ބައެއް ފަހަރު، ކީރިތި ޤުރުއާނާއި ހަދީސްގެ ނައްސު (ޓެކްސްޓު) ތަކުގެ ބޭރުފުށުގެ މާނައަށް ބަލައި، އޭގެ މާނަ އަމިއްލައަށް ކަނޑައަޅައި، އަދި އަނެއް ބައިފަހަރު، ފިގުހުގައި މި ނައްސުތައް މާނަކުރެވިފައި ހުރި ގޮތަށް ބަލައި، އެމީހުން މާނަކުރާ ގޮތަކީ ހަމަ އެކަނި ރަނގަޅު ގޮތް ކަމަށް ދެކި، އެހެން ހުރިހާ ގޮތްތަކަކީ، އެއީ، އެހެން މުސްލިމުން އިސްލާމީ ޝަރިއަތް މާނަކުރާ ގޮތް ކަމުގައި ވިޔަސް، ނޫނީ މުސްލިމު ނޫން އެހެން މީހުންގެ ދީނާ ނުގެޅޭ، ޑިމޮކުރަސީ، ދައުލަތް ތަމްވީލުކުރުމުގެ ނިޒާމު، ޓެކްސްގެ ނިޒާމު، ރައުސްމާލިއްޔަތު މައްޗަށް ބިނާވާ އިގުތިސާދު، ފަދަ ފިކުރު ވިޔަސް، މިހުރިހާ ފިކުރަކީ  ވެސް ބާތިލު ފިކުރުކަމުގައި ދެކި، އެމީހުން ގަބޫލުކުރާ ގޮތް ހިންގާލަން އެދޭ، ނުވަތަ އަމިއްލައަށް ހިންގާލަން އުޅޭ މީހުންގެ ފިކުރެވެ. މިފިކުރަށް އިސްލާމް ދީނުގެ ތައުލީމާތުގެ ހަރުކަށި ފިކުރޭ ނުވަތަ އިސްލާމީ ޝަރީއަތުގެ ހަރުކަށި ފިކުރޭ‘ ކިޔިދާނެއެވެ. މި ފިކުރަށް އިޝާރަތްކޮށް ދެން، މި ލިޔުމުގައި، ތިރީގައި ބޭނުންކުރެވޭނީ ’އިސްލާމީ ދީނީ ހަރުކަށި ފިކުރު‘ މި އިބާރާތެވެ.

އިސްލާމީ ޝަރީއަތުގެ ފިކުރު ހަރުކަށިވުމުގެ ސަބަބުތައް

އިސްލާމީ ދީނީ ހަރުކަށި ފިކުރުގެ ސަބަބުތަކުގެ މައްޗަށް ބަލާލާއިރު، މައިގަނޑު ދެ ކަމެއްގެ ތެރޭގައި މިސަބަބުތައް ޖަމާކޮށްލެވިދާނެއެވެ. ފުރަތަމަ ކަން ގުޅެނީ އިސްލާމް ދީނުގެ ތައުލީމާތުތައް، މިޒަމާނުގައި ހިންގާލާނީ ކިހިނެއްކަން ބަޔާންކުރުމާއެވެ. މިޒަމާނޭ ބުނެ، އިޝާރަތް މިކުރަނީ ހަދާސަތު، ނޫނީ އަސްރާނިއްޔަތު އާދެ، މޮޑާނިޓީ، މި މައްސަލައާއެވެ. ހަދާސަތުގެ މަފްހޫމު ގުޅެނީ މީލާދީ ސަނަތުން 17ވަނަ ގަރުން ފެށިގެން އަންނަމުން ދިޔަ ބޮޑު ބަދަލާއެވެ. ސިނާއަތުގެ އިންގިލާބާއި އަދި ތަންވީރީ ފިކުރުގެ ހަރާކާތްތަކުގެ ސަބަބުންނެވެ. ސިނާއަތުގެ އިންގިލާބުގެ ސަބަބުން، އަތުން ފައިން ކުރަމުން އައި މަސައްކަތްތައް މެޝީނުތަކުގެ ޒަރީއާއިން ކުރެވެން ފެށިއެވެ. މީގެ ސަބަބުން، ގަނޑުކޮށް، ގިނައަދަދަކަށް މުދާ އުފެއްދެން މެދުވެރިވިއެވެ. ހަމަ އެހެންމެ، މި އިންގިލާބުގެ ސަބަބުން، އަމިއްލަ، ނުވަތަ ގައުމެއްގެ، ބޭނުންތައް ފުއްދުމުގެ މައްޗަށް އުފެއްދުންތެރިކަން، މައިގަނޑު ގޮތެއްގައި، ބިނާވެފައި އޮތް އިގުތިސާދު، ރައުސްމާލީ، ބާޒާރީ އިގުތިސާދަކަށް (ކެޕިޓަލިސްޓް މާކެޓް އިކޮނޮމީ އަކަށް) ބަދަލުވެގެން ދިޔައެވެ. ފައިސާގެ މަފްހޫމު ވެސް ބަދަލުވެގެން ދިޔައެވެ. އޭގެ ޒާތަށް ބަލައި، ފައިސާގެ އަގު ކަނޑައެޅުމުގެ ބަދަލުގައި، ތަނެއްގެ އިގުތިސާދުގެ ބާރާއި، މުދާ އުފެއްދުމާއި، ވަޒީފާ ލިބުމުގެ ފުރުސަތާއި އެއްޗެހީގެ އަގުމައްޗަށް ދިޔުން ފަދަ ބާޒާރީ އާމިލުތަކުގެ (މާކެޓް ފެކްޓާސްގެ) މައްޗަށް ބަލައި ފައިސާގެ އަގު ކަނޑައަޅާލެވުމެވެ. ތަންވީރީ ފިކުރުގެ ސަބަބުން، އާ ޚިޔާލުތައް އާންމުގެ ތެރެއަށް ތައާރުފު ވިއެވެ. މީގެ ތެރޭގައި، ވެރިކަމުގެ ނިޒާމު އޮންނަން ޖެހޭނީ ކިހިނެއް ކަމާއި، ރައްޔިތުންނަށް ލިބިދޭން ޖެހޭ ހައްގާއި އެމީހުންގެ މަސްއޫލިއްޔަތާއި ވެރިންނާ އެމީހުންގެ ދެމެދުގައި އޮންނަ ގުޅުމަކީ ކޮބައިކަމާ، އިންސާނީ ހައްގުތަކަކީ ކޮބައި ކަމާއި، ދެޖިންސުގެ ދެމެދުގެ ހަމަހަމަކަމާއި، މިފަދަ ކަންކަމާ ބެހޭ ގޮތުން ޚިޔާލުތައް ފާޅުކުރެވުނެވެ. ކޮންމެ އަކަސް، ސިނާއީ އިންގިލާބާއި ތަންވީރީ ފިކުރުގެ ޚިޔާލުތައް، ދުނިޔެއަށް ހަދާސަތު، އާދެ ކުރިން ދެކިފައި ނުވާ މުޅިން އާ އަސްރެއް، ޒަމާނެއް، ގެނުވިއެވެ.

ސިނާއީ އިންގިލާބާއި ތަންވީރީ ފިކުރު ދުނިޔެއަށް ގެނައި އާޒަމާނާ މުސްލިމުން ވެސް ކުރިމަތިލާން ޖެހުނެވެ. ސިނާއީ އިންގިލާބާއި ތަންވީރީ ފިކުރުގެ ފައިދާ މުސްލިމުން ވެސް ލިބިގަތެވެ. މިސާލަކަށް ދަތުރު ފަތުރުކުރުމުގައެވެ. އެކިއެކި ޖަނަވާރުތަކުގެ ބަދަލުގައި ކާރާއި ބަހާއި ޓުރޭމާއި ރޭލު ދަތުރުކުރަން ބޭނުންކުރެމުވެ. ރިޔަލު ދޯންޏައި އޮޑީގެ ބަދަލުގައި އާގުބޯޓާއި އިންޖީނު އެޅި ބޯޓު ފަހަރު ބޭނުންކުރުމެވެ. މަތިންދާބޯޓު ބޭނުންކޮށް ވައިގެ މަގުން ދަތުރުކުރުމެވެ. މީގެ އިތުރުން އެހެން ދާއިރާތަކުގައި، ސިނާއީ އިންގިލާބާއި ތަންވީރީ ފިކުރުގެ ކުރިއެރުން ގެނުވި ފަސޭހަތައް ވެސް މުސްލިމު ބަލައިގަތެވެ.

މި ބޮޑު ބަދަލު އައި ކަމުގައި ވިޔަސް، އިސްލާމީ ޝަރީއަތުގެ ތައުލީމާތުތައް މި ބޮޑު ބަދަލަށް ފެތޭ ގޮތަށް ކާމިޔާބީއާއެކު ހަމަޖެއްސޭ ގޮތެއް ނުވެއެވެ. އިސްލާމީ ފިގުހު ބިނާވެފައި އޮތީ ހަދާސަތުގެ ކުރީގެ ޒަމާނުގެ (ޕްރީ-މޮޑާނިޓީގައި) ކަންތައްތައް ކުރަމުން އައި ގޮތުގެ ތަސައްވުރުގެ މައްޗަށެވެ. މިކަން ދެނެގަނެ، އިހުގެ އުސޫލުތަކަކީ ކޮބައިކަން ފާހަގަކޮށް އެ އުސޫލުތަކުގެ މައްޗަށް އަލުން އާ ސިފައެއް ދިނުމުގެ މަސައްކަތެއް، ކާމިޔާބީ، ގޮތެއްގައި މުސްލިމުންނަކަށް އަދި ކުރެވިފައެއް ނެތެވެ. މި މަސައްކަތް 18ވަނަ ގަރުނުގައި މުސްލިމުންގެ މެދުގައި ކުރެވެން ފެށުނެވެ. ނަމަވެސް، އެކަމަށް މުސްލިމު ގައުމުތަކުގައި މާ ބޮޑު ތަރުހީބެއް ނުލިބެއެވެ. މީގެ އިތުރު ތަފްސީލު، ފަހުން، އިސްލާމީ ދީނީ ހަރުކަށި ފިކުރުގެ ހައްލުގެ ވާހަކަ ދެއްކޭއިރު ގެނެވޭނެއެވެ. މިތާގައި ފާހަގަކޮށްލަން ބޭނުންވަނީ އިސްލާމީ ދީނީ ހަރުކަށި ފިކުރު ފެތުރުމުގެ މައިގަނޑު އެއް ސަބަބަކީ، އިސްލާމީ ޝަރީއަތުގެ ތައުލީމާތުތައް، ހަދާސަތު ނުވަތަ މޮޑާނިޓީ އާދެ، ސަތާރަވަނަ ގަރުނާއި އަށާރަވަނަ ގަރުނާ ހަމައިން ފެށިގެން ދުނިޔެއަށް ތައާރުފުވެގެން ދިޔަ އާޒަމާނާއި، އިސްލާމީ ޝަރީއަތުގެ އަލީގައި، އެ ޝަރީއަތުގެ ތައުލީމާތުތައް ފިގުހުގައި ބަޔާންކުރެވިފައިވާ ބަޔާންކުރުމަށް ގެންނަން ޖެހެނީ ކޮން ބަދަލުތަކެއްކަން ކަނޑައަޅައި މިއާޒަމާނާ ގުޅޭ އާ ފިގުހެއް އަދި އުފެއްދިފައި ނުވާތީއެވެ. މީގެ އިތުރު ތަފްސީލު ފަހުން ގެނެވޭނެއެވެ.

އިސްލާމީ ހަރުކަށި ފިކުރު ފެތުރުމުގެ ދެވަނަ ސަބަބު ގުޅެނީ ސިޔާސަތާއެވެ. އިސްލާމީ ގައުމުތަކުގެ ސިޔާސީ ނިޒާމާއެވެ. ސިޔާސީ ނިޒާމުތަކުން ގަސްދުކުރެވޭ ހަގީގީ ފައިދާ އާންމުންނަށް ނުލިބުމާއެވެ. ތަރައްގީގެ ނަމުގައި އެތަކެއް އަހަރުތަކެއް ވޭތުވީއިރުވެސް، އެމީހުންގެ އާންމު ދިރިއުޅުމުގެ ހާލާތަށް، ހެޔޮ ބަދަލެއް ނައުމާއެވެ.

އިސްލާމީ ގައުމުތަކުގައި އޮތް ސިޔާސީ ނިޒާމުތަކަކީ އިސްލާމީ އަގުތަކަކާއި އުސޫލުތަކެއްގެ މައްޗަށް ބިނާވެގެން އޮތް ނިޒާމުތަކެއް ނޫނެވެ. މިތަނުގައި ސިޔާސީ ނިޒާމެ ބުނެ އިޝާރަތް މިކުރަނީ ތަނެއްގެ ޖަމާއީ ހަޔާތް ބިނާވެ، ހަމަޖެހިފައި އޮންނަ ގޮތަށެވެ. އިސްލާމީ ސިޔާސީ ނިޒާމެއްގެ މައިގަނޑު ދެ އަސްލަކީ ހަމަހަމަކަމާއި ވެރިކަމުގައި ރައްޔިތުން ބައިވެރިކުރުމެވެ. މި އަސްލަށް ތަފާތު ސޫރަތައް ގެނެވި ތަފާތު ނަން ކިޔިދާނެއެވެ. ޚިލާފަތޭ ޖުމްހޫރިއްޔަތޭ، ޑިމޮކުރަސީއޭ ކިޔިދާނެއެވެ. މައްސަލައަކީ ނަމުގެ މައްސަލައެއް ނޫނެވެ. ކަމުގެ މައްސަލައެވެ. ކޮންމެ ސިފައެއްގައި ވެރިކަމުގެ ނިޒާމު އޮތްކަމުގައި ވިޔަސް، މަތީގައި ބުނެދިޔަ ދެއަސްލަށް ހުރުމަތްތެރިކޮށް ހިތަން ޖެހެއެވެ.

މި ނަންގަތް ދެ އަސްލުގެ ތެރެއިން ފުރަތަމަ އަސްލުގެ މައްޗަށް ބަލާލަމާ ހެއްޔެވެ. ހަމަހަމަކުމުގެ އަސްލަށް އަމަލީ ސިފަ ލިބެނީ ކިހިނެއް ހެއްޔެވެ؟ އެކަން ފެނިގެންދަނީ ތަނުގެ މުއްސަނދިކަން ރައްޔިތުންގެ މެދުގައި އަދުލުވެރި ގޮތެއްގައި ބެހިގެންދާނޭ ނިޒާމެއް ގާއިމުކުރެވިގެންނެވެ. މިފަދަ ނިޒާމެއް އޮވެއްޖެ ނަމަ، ރައްޔިތުންގެ އަސާސީ ބޭނުންތައް އޮންނާނީ ފުދިފައެވެ. ކެއުން ބުއިން، އުނުއަނުން، ބޯހިޔާކުރުން، ތައުލީމާއި ސިއްހީ ޚިދުމަތް ލިބުން، މިކަން ހަމަޖެހިފައި އޮތުމެވެ. މުސްލިމު ގައުމުތަކުގެ މުޖުތަމާތަކަށް ބަލާލާއިރު، އާންމު ގޮތެއްގައި މިކަންކަން އެންމެނަށް، ސަލާން ނުޖަހައި، އަބުރުވެރި ގޮތެއްގައި، ފުއްދެން އޮންނަ ތަނެއް ނުފެނެއެވެ. ތަނުގެ މުއްސަނދިކަން އޮންނަނީ މަދު ބައެއްގެ މުށުތެރެއަށް ލެވި، އެމީހުންގެ މުށްކަވާލެވިފައެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ބަލާލިޔަސް މި ހަގީގަތް ފެންނާނެއެވެ. މިސާލަކަށް ރާއްޖޭގެ ގިނަ ރަށްރަކެއް ވަނީ ތަނުގެ މަދު ބައެއްގެ މިލްކިއްޔާތަކަށްވެ، ނުވަތަ ބޭރު ބަޔަކަށް ވިއްކާލެވިފައިވާ ކަހަލަ ގޮތަކަށެވެ. ތަނުގެ އާންމު ރައްޔިތުންނަށް އެ ރަށްތަކުން ލިބެންޖެހޭ ފައިދާ ނުލިބޭ ގޮތަކަށެވެ. އެންމެ ކުޑަވެގެން، އެތަންތަނުގެ ވަޒީފާގައި ސަތޭކައަކުން ދިވެހި ތިރީސް މީހުން ނޫޅެއެވެ. މިއީ ނިޒާމުގެ މައްސަލައެކެވެ. ސަރުކާރުގެ ސިޔާސަތު ކަނޑައަޅާލުމުގެ މައްސަލައެކެވެ.

ދެން، އަދުލު އިންސާފުގެ މައްޗަށް ނަޒަރު ހިންގާލާށެވެ. މިކަމުގެ ހަގީގަތް ދެނެގަތުމައްޓަކައި މާދުރަށްދާކަށް ނުޖެހެއެވެ. ރާއްޖެއަށް ނަޒަރު ހިންގާލާށެވެ. އަދި މިސުއާލުކޮށްލާށެވެ. ރާއްޖޭގައި އޮތީ އަދުލު އިންސާފުގެ ހެޔޮ ނިޒާމެއް ހެއްޔެވެ؟ ނަޒާހަތްތެރި މަދު ބަޔަކު އެ ނިޒާމުގެ ދަށުގައި މަސައްކަތް ކުރިކަމުގައި ވިޔަސް، މުޅި ނިޒާމުހެން އޮތީ ފަސާދަވެފައޭ ބުނުން އެއީ ހަގީގަތާ ޚިލާފުކަމަކަށް ނުވާނެއެވެ. އެހެން ބުނެވެން އޮތީ ކީއްވެ ހެއްޔެވެ؟

އެންމެ ފުރަތަމަ ރާއްޖޭގައި އޮތް އަދުލު އިންސާފުގެ ނިޒާމަކީ މުސްތަގިއްލު ނިޒާމެއް ނޫނެވެ. އިހުގައި ވެސް އަދި، މިހާރުވެސް، ތަހުގީގުތަކާއި ޝަރީއަތްކުރުމަށް، ވެރިކަމުގެ ބާރުތަކުން ނުފޫޒު ފޯރުވެއެވެ. މީގެ ދެތިން ހެކި ނަންގަނެލާނަމެވެ. އަދުލު އިންސާފުގެ ނިޒާމުގެ މަގާމުތަކަށް ބޭފުޅުން އިސްކޮށް ވަކިކުރުމަށް ސަރުކާރުގެ ނުފޫޒު އޮންނަކަމީ ވަންހަނާ ވެގެންވާ ކަމެއް ނޫނެވެ. މިފަދައިން ކަންތައް އޮންނައިރު، އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަބައެއްގެ އެންމެ މުހިއްމު މަގުސަދަކަށް ވެފައި އޮންނަނީ ވަޒީފައިގައި ދެމިހުރެވޭނޭ ގޮތެއް ހެދުމެވެ. އެކަމަށް އޮންނަ އެންމެ މުހިއްމު ވަސީލަތަކީ ސަރުކާރު ރުއްސުމެވެ. ސަރުކާރު ރުހޭ ގޮތަކަށް ހުކުމްތައް ކުރުމެވެ.

އެއިރެއްގައި އޮންނަ ސަރުކާރެއް ބޭނުންވާ ގޮތަކަށް ހުކުމްތައް ނުކުރާ ފަނޑިޔާރުން ވަކިކުރުމަކީ އެންމެންވެސް ދަންނަކަމެކެވެ. ބަލަން ބޭނުން މީހަކަށް ނޫސްތަކުން މީގެ ހެކި ފެންނާނެއެވެ.  އިހުގެ އުއްތަމަ ފަނޑިޔާރަކާ އަށްޑިހައިގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ކުރެވުނު ބަސްދީގަތުމެއްގައި އޭނާ ވިދާޅުވިއެވެ. ބައެއް ކަހަލަ މައްސަލަތައް، ޚާއްސަކޮށް ސިޔާސީ މައްސަލަތައް، ނިންމާލެވެނީ ސަރުކާރުން އަންގާ ގޮތަށެވެ. މި ބަސްދީ ގަތުން ޝާއިއު ކުރެވުނީ، އަޅުގަނޑު ހަނދާންވާ ގޮތުގައި، ހުކުރު ނޫހުގައެވެ. ދެވަނަ ހެއްކަކީ ދާދި ފަހުން ކުރިމަތިވި ކެންޏާގެ އަންހެން ކަނބަލުގެ މައްސަލަ އެ ބަލަން ފެށުނު ގޮތާ ދިމާއިދި ކޮޅަށް އެނބުރިގެން ދިޔައީ ’މަތިން އައި ފޯނުކޯލެއްގެ‘ ސަބަބުންކަން ނޫސްތަކުގައި ކުރެވުނު ރިޕޯޓުތަކެވެ.

އަދުލު އިންސާފުގެ ނިޒާމަށް ބާރު ފޯރުވެނީ ހަމައެކަނި ސަރުކާރަކަށް ނޫނެވެ. ފައިސާހުރި ކޮންމެ މީހަކު، އެމީހެއްގެ މައްސަލަ، އެމީހަކު ބޭނުން ގޮތަކަށް ނިންމާލަން އެދޭ ނަމަ، އެފުރުސަތު އެފަދަ ފައިސާވެރިންނަށް އޮވެއެވެ. މީގެ ގިނަ ހަގީގީ މިސާލުތައް އެބަ ހުއްޓެވެ. ގާޒީން މީސްމީހުންނަށް ފޯނުކޮށް، ނުވަތަ މެދުވެރިއެއް މެދުވެރިކޮށް، މިވެނި އަދަދަކަށް ފައިސާ ދިނުމުން މައްސަލަތައް ނިންމާލެވޭނޭ ބުނެފަ ހުރި މިސާލުތަކެވެ. އަދި އެބުނާ ގޮތަށް މައްސަލަތައް ނިމުނު ގަޒިއްޔާތަކުގެ މިސާލުތަކެވެ. މި ވާހަކަތައް ލިޔުމުގެ ބޭނުމަކީ ވަކި ބަޔަކު ފަޟީހަތްކުރުން ނޫންކަމުން، އޭގެ ތަފްސީލަށް ދިޔުމުގެ ބޭނުމެއް ނެތެވެ. މިއީ ހަގީގަތުގައި ކަން އޮތްގޮތްކަން، ހިތާމައާއެކު، ގިނަ ބަޔަކު ފާހަގަކުރާނެހެން ހީވެއެވެ. މިވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކަން އޮތް ގޮތް ބަޔާންކުރެވޭތޯ ބެލުމެވެ. ކަން އޮތްގޮތް ފާހަގަ ނުކުރެވި، ކަމެއް އިސްލާހު ނުކުރެވޭނެތީއެވެ.

ކުރީގައި ނަންގަނެވުނު، ގައުމެއްގެ މުޖުތަމައުގެ ބޮޑު ބައެއްގެ އަސާސީ ބޭނުންތައް ފުއްދައިދޭ ސިޔާސީ ނިޒާމެއް އެ ގައުމުގައި ނެތިފައި، އަދި މީގެ އިތުރުން، އެ ގައުމުގެ އަދުލު އިންސާފުގެ ނިޒާމު ފަސާދަވެއްޖެ ނަމަ، ތަފާތު ފިކުރުތައް އެތަނުގައ އުފެދެން މެދުވެރިވާނެއެވެ. ރާއްޖެ ފަދަ، މުސްލިމު ގައުމުތަކުގައި، މުއްސަނދިކަން، މަދު ބައެއްގެ މުށުތެރެއަށް ލެވި، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދާނުދެވޭ ބޭއިންސާފުވެރި ސިޔާސީ ނިޒާތަމުތައް އޮވެފައި، އަދި އެތަންތަނުގައި އަދުލުވެރިކަން ހަމަހަމަ ގޮތެއްގައި ހިންގާލެވޭނެ ފަދަ ނަޒާހަތްތެރި އަދުލު އިންސާފުގެ ނިޒާމެއް ނެތުމުން، އެންމެ ފަސޭހައިން، އެފަދަ ގައުމުތަކުގައި އުފެދެން ދިމާވަނީ ދީނީ ހަރުކަށި ކަމުގެ ފިކުރެވެ. ހުރިހާ ކަމެއް، އިސްލާމީ ޝަރީއަތް، ފިގުހުގައި އެކަން ކަނޑައެޅިފައިވާ ގޮތުގެ މަތިން، ނުވަތަ އެފަދަ ފިކުރުގެ ބަޔަކު މާނަކުރާ ގޮތަކަށް ހިންގާލުމުން، މުޖުތަމައުގެ ހުރިހާ ނުބަޔަކަށް ހައްލު ލިބިގެންދާނޭ ކަމަށް މިފިކުރުގެ މީހުން ބުނެއެވެ. މިއީ އަދި އެކަންވާނޭ ގޮތެއް ނޫންކަން، ފެންނަން އޮތް އިރުވެސް މެއެވެ. ސައުދީ އަރަބިއްޔާއިންނާއި އަދި އަފްޣާނިސްތާނުގައި ހިންގާލެވުނު ތާލިބާނުންގެ ދެއަހަރެއްހާ ދުވަހުގެ ވެރިކަމުންނެވެ.

އާދެ، އިސްލާމީ ދީނީ ހަރުކަށި ފިކުރު އުފެދެން ދިމާވާ މައިގަނޑު ދެކަންތައް، ދީނީ ސަބަބާއި ސިޔާސީ ސަބަބު، ޖުމްލަ ގޮތެއްގައި، މިނަންގަނެވުނީއެވެ. ދެން މިކަމުގެ ބައެއް އިތުރު ތަފްސީލުގެ މައްޗަށް، ދެން އަންނަ ބައިގައި، އިރާދަކުރެއްވިއްޔާ، ބަލާލެވޭނެއެވެ.

news article

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް