ނަޑެއްލާއަށް ފޮނުވި ބާ އެމްބިއުލާންސް ހަފްތާއަކަށް ވެސް ބޭނުމެއްނުކުރެވުނު

Loading

Facebook
Twitter
WhatsApp

 

ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގައި އެމްބިއުލާންސް އެއްނެތި ދެ އަހަރަށްވުރެ ގިނަ ދުވަސްވުމަށްފަހު، އެ މަރުކަޒަށް ގެންދިޔަ ބާ އެމްބިއުލާންސް ހަފްތާއެއް ނުވަނީސް ހަލާކުވެއްޖެ އެވެ.

ނަޑެއްލާގައި ކުރިން ގެންގުޅުނު އެމްބިއުލާސް ހަލާކުވެފައި އޮންނަތާ ދެއަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް މިދިޔަ އާދީއްތައިގައި އެރަށަށް ގެންދިޔަ އެމްބިއުލާންސް އޭގެ ތިންދުވަފަހުން މިދިޔަ ބުރާސްފަތި ދުވަހު ނުދުއްވުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އެމްބިއުލާންސް ދުއްވަން އުޅުމުން އެ ސްޓާޓެއް ނުކުރެވުނެއެވެ.

ސަރުކާރުން ދިން މި އެމްބިއުލާންސް އެރަށަށް ގެންދިޔައީވެސް އަމިއްލަ ފަރާތަކުންނެވެ. މިހާރު ބޭނުން ނުކުރެވޭ ހާލަތުގައި އޮތް މި އެމްބިއުލާންސް އަކީ ބޭނުންކޮށްފައި އޮތް ބާ ވެހިކަލެއް ކަމަށްވެއެވެ.

މި އެމްބިއުލާންސް އެރަށަށް ގެންދިޔަ އިރުވެސް ވަނީ ވަރަށް ބޮޑަށް ދަބަރުޖަހާ ހަލާކުވެފައި ކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

އެ  މީހާ ބުނީ އެމްބިއުލާންސް މަސައްކަތް ނުކުރުމާއި ގުޅިގެން ބަލިމީހުން އުފުލުމަށް އެ ރަށުގައި މިހާރު ބޭނުން ކުރަމުން އަންނަނީ ރަށު ޕިކަޕެއްގައި ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ހިނގި އެކްސިޑެންޓެއްގައި އެރަށުގެ އެމްބިއުލާންސަށް ލިބުނު ގެއްލުންތަކުގައި އެ ވެހިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އެއަށްފަހު، އެރަށަށަށް އެމްބިއުލާންސް އެއް ލިބުނީ އެމްބިއުލާންސް އެއް ނެތި ގިނަ ދުވަސްވުމާއި އަދި ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އެމްބިއުލާންސެއް ނެތި ދާ ދުވަސްތަކަކީ ދަތި އުދަގޫ ދުވަސްތަކަށްވުމުން ރަށުގެ ގިނަ ބަޔަކު އެކަމަށް އެދެމުންދަނިކޮށެވެ.

އެރަށުގައި 199  މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި 165 މީހަކު ވެއެވެ. މިރަށުން ކޮވިޑަށް ޕޮޒިޓިވްވެ ހާލު ސިރިއަސްވި ދެ މީހަކަށް ގއ. ވިލިގިލީ ކޮވިޑްފެސިލިޓީގަ އާއި ތިނަދޫ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ރަށްތަކަށް ފޮނުވާނީ އާ އެމްބިއުލާންސް ކަމެއް ނޫނީ ބާ އެމްބިއުލާންސް ކަމެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް