ޖަޕާނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި ބައިވެރިވުމަށް އޮލިމްޕިކް ސިޓީއަށް ގޮސް ތިބި ކުޅުންތެރިން ނިދުމަށް ޖަޕާނުން އުފައްދާފައިވާ ހާއްސަ ކާޑުބޯޑު އެނދުތަކުގެ ވާހަކައަކީ ވަރަށް ގިނަ މީސްމީޑިޔާ ޕްލެޓްފޯމް ތަކުގައި ދެކެވެމުންދާ ވާހަކައެކެވެ. މި އެނދުތައް ފަރުމާކޮށްފައިވަނީ އެންމެ މީހަކަށް ނިދޭގޮތަށެވެ.
ދާދިފަހުން އިޒްރޭލުގެ ބޭސްބޯލް ކުޅުންތެރިޔާ، ބެން ވޭންގާ އޭނާގެ ޓިކްޓޮކް އެކައުންޓުގައި އާންމުކޮށްފައިވާ ވީޑިޔޯއަކާ ގުޅިގެން ޖަޕާނުގެ ރައްޔިތުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މި ވީޑީޔޯގައި އޭނާ ވަނީ އިޒްރޭލުގެ އެހެން ކުޅުންތެރިންނާ އެކު އެނދު މައްޗަށް އަރައި ފުންމާފައެވެ. އޭނާ މި ވީޑިޔޯ ނަގާފައި ވަނީ އެނދު ހަލާކުވަނީ ކިތައް މީހުން އެރުމުންތޯ ބެލުމުގެ ބަހަނާގައެވެ. މި ވީޑިޔޯއިން ފެންނަގޮތުގައި އިޒްރޭލުގެ ނުވަ ކުޅުންތެރިން އެއްފަހަރާ ކާޑުބޯޑު އެނދުމައްޗަށް އަރައި ފުންމަން ފަށައެވެ. އަދި އެނދު ހަލާކުކޮށްލުމަށް ފަހު އެހެން އެނދެއް ދޭންޖެހޭނެ ކަމަށް ވެސް އޭނާ ވީޑިޔޯ ނިންމާލަމުން ބުނެފައިވެއެވެ.
ޖަޕާނުގެ ރައްޔިތުން މި ކަން ސިފަކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ނާތަހުޒީބު އަމަލެއްގެ ގޮތުގައެވެ. އަދި މި ވީޑިޔޯއަށް މީސްމީޑިޔާގައި ގިނަބަޔަކު ދަނީ ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ.