މުޣަލް އެމްޕަޔަރ-6

Loading

Facebook
Twitter
WhatsApp

http://sandhaanu.today/12858/ އާއި ގުޅޭ…

އިންޑިއާއަށް ނިސްބަތްކުރެވޭ އިތުރު ޢިއްޒަތްތެރިން ރަސްކަމުގެ ދަރުބާރަށް ގެނައުމަކީ ވެސް އަކްބަރް ރަސްގެފާނު ވަރށްބޮޑަށް ގެންގުޅުއްވި ވިސްނުންފުޅެކެވެ. އިންޑިއާއަށް ނިސްބަތް ކުރެވޭ އަފްޣާނުންނަކީ އަކްބަރްގެ ރަސްކަމަށްއޮތް ކޮންމެވެސް ވަރެއްގެ ބިރެކެވެ.

އެހެންކަމުން އެމީހުން ތިބެނީ ބާރު ނުހިންގޭ ހިސާބަށް ދުރުކޮށްފައެވެ. އެގޮތުން މިލިޓަރީ އަދި ސިވިލް ވަޒީފާތައް ދިނުމުގައި ބުޚާރީ ސައްޔިދުންނާއި އިންޑިއާގެ މުސްލިމުންނަށް އިސްކަންދެމުން ގެންދިޔައެވެ. އެހެންނަމަވެސް ހިންދޫ ރާޖްޕުތު ލީޑަރުންނަށް ރަސްކަމުގެ ޚާއްސުންގެ ތެރެއިން ގިނަ ފުރުސަތުތަކެއް ލިބެމުންދިޔަކަން ފާހަގަކުރެވެއެވެ. މިއީ އިންޑޯ-އިސްލާމްގެ ތާރީޚުގައި މުޅިން އާކަމަކަށް ނުވިޔަސް މުޣަލް ރަސްކަމުގައި ތަނުގެ އަހުލުވެރިންނަށް ކަނޑައެޅުނު ސިޔާސަތުގެ އުސޫލެއްކަމުގައި ބެލެވެއެވެ. މިގޮތުން ރާޖްޕުތުންނަށައި އެމީހުންގެ ދަރިންގެ ދަރިންނަށް ދާންދެން ސަރުކާރުގެ އިސްމަގާމުތަކާއި މުސާރައާއި އިނާޔަތްތައް ކަށަވަރު ކުރެވިގެން ދިއައެވެ. އަދި އެމީހުންގެ ދީނީ އަގީދާގެ ރައްކާތެރި ކަންވެސް އޮތީ ކަށަވަރު ކޮށްދީފައެވެ. އޭގެ އިތުރުން އެމީހުންނަށް ކުރިއްސުރެން ލިބިފައިވާ މިލްކިއްޔާތުތައް އެގޮތުގައި ދެމެހެއްޓުމާއި އަދި ސަރުކާރަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު އަދާކުރުމުގެގޮތުން އެހެނިހެން ސަރަހައްދު ތަކުންވެސް މިލްކިއްޔާތު ލިބުމާއި ދެމެހެއްޓުމުގެ މަގު އޮތީފަހިކޮށްދީފައެވެ.

އޭގެ ބަދަލެއްގެ ގޮތުގައި މަދަނީ އަދި މިލިޓަރީ ގޮތުން ސަރުކާރަށް އެއްބައިވަންތަކަން ދިނުން ލާޒިމު ކޮށްފައެވެ. އަދި ރަސްކަމުގެ ތެރޭން ރާޖްޕުތުންގެ އަންހެން ދަރިންނާ އިންނަން އެދޭ ޚާއްސުންނަށް އެކަމުގެ ހުއްދަވެސް ލިބެން ޖެހެއެވެ. އަދި އެމީހުންނަކީ އެއްވެސް ޙާލެއްގައި ވެރިން ނޫންކަމަށާއި އެމީހުންގެ ބެލުމުގެ ދަށުގައިވަނީ އަމާނާތެއް ކަމާއި މުޣަލް ރަސްކަމާއި އެރަސްކަމުގެ ބާރުތައް އެންމެފުރިހަމަ މާނައިގާ ގަބޫލުކުރަން ޖެހެއެވެ. މިގޮތަށް ހަމަޖެހުމުން ރާޖްޕުތުންގެ ބެލުމުގެދަށުގައިއޮތް އެތައް ބައިވަރު ހަނގުރާމަ ވެރިންނާއި އަވަށްތަކެއްވެސް ރަސްކަމުގެ ބާރުގެ ދަށަށް ގެނެވުނީއެވެ.

މުޣަލް ރަސްކަމުގެ ތެރޭގައި ހިމެނޭ ޚާއްސަ އިއްޒަތްތެރިންގެ ތެރޭގައި ހިމެނެނީ މަރުކަޒީ އޭޝިއާއަށް ނިސްބަތްކުރެވޭ ތުރާނީންނާއި އީރާނީންނާއި އިންޑިއާގެ މުސްލިމުންނާއި ރާޖުޕުތުންނެވެ. ތަފާތު އެތައް ނަސްލަކާއި އަގީދާއަކާއި އާދަކާދައެއްގެ އަހުލުވެރިން އެއް ރަސްކަމެއްގެ ބާރުގެދަށުގައި ދެމެހެއްޓުމަށްޓަކައި އެކުލަވާލެވުނު ސިޔާސަތަކީ ތާރީޚީ ސަފްޙާތަކުން ޙާސިލުކުރެވުނު ގިނަގުނަ އިބްރަތް ތަކަކާއެކު އެކަށައެޅުނު ސިޔާސަތެކެވެ.

އޭގެތެރޭން ވަކި ޖަމާއަތަކަށް ޚާއްސަ ބާރުތަކެއް ނުވަތަ އިމްތިޔާޒުތަކެއް ނުލިބޭނެގޮތަށް އެކަށައެޅުނު ސިޔާސަތެކެވެ. އަދި އެއްވެސް ޖަމާޢަތަކަށް ރަސްކަމުގެ ބާރުތަކާ ޖަދަލުކުރެވިދާނެ މަގުތައް މުޅިން ބަންދުކޮށްފާއޮތް ސިޔާސަތެކެވެ.

ކުރީ ޒަމާނުގައި ދިއްލީގެ ސުލްތާނުންނާއި މޮންގޯލްއަށް ނިސްބަތް ކުރެވޭ ވެރިން ސިފައިންގެ ސަފުތައް އިންތިޒާމުކުރަން ބޭނުންކުރި ޑެސިމަލް އުސޫލު ބޭނުންކޮށްގެން ސިފައިންގެ ލަޝްކަރުތަކާއި މަދަނީ އިދާރާތަކުގެ އިސް މަގާމުތަކަށް މީހުން ހަމަޖެއްސުމުގެ ގަވައިދެއް ކަނޑައެޅިއެވެ. އެގޮތުން 10 ސިފައިންގެ ކޮމާންޑަރުންނާއި 5000 ސިފައިންގެ ކޮމާންޑަރުންނާ ދޭތެރޭ އަދަދުތަކަށް ކޮމާންޑަރުން އިސްކުރާނެގޮތް ކަނޑައެޅިއެވެ.

އެހުރިހާސިފައިންގެ ކޮމާންޑަރ އިން ޗީފެއް ކަނޑައެޅުއްވިއެވެ. މި ހުރިހާ އިންތިޒާމު ތަކަކާއެކުގައިވެސް އެންމެފަހުގެ އޯޑަރ ނަގަންޖެހެނީ ސީދާ އަކްބަރ ރަސްގެފާނުގެ ދަރުބާރުންނެވެ. ސިފައިންގެ މަގާމުތަކުގައި ތިބޭ މީހުންނަށް އެމީހެއްގެ މަގާމާއި އެކަށީގެންވާގޮތެއްގައި އާމްދަނީ ލިބޭނެގޮތް ހަމަޖެހިފައިވަނީ އެމީހަކު ވަޒީފާއަދާކުރާ ސަރަޙައްދަކުން ރަސްގެފާނަށް ރިޒާވް ކޮށްފައިހުންނަ ބިންތަކުން އެހެން އެއްވެސްމީހަކަށް މިލްކު ނުކުރެވޭ ގޮތަށް ވަގުތީ ގޮތުން ދީފައިހުންނަ ބިމުގެ ވަސީލަތުންނެވެ.

ސިފައިންގެ ވަޒީފާ އަދާކުރާ މީހުންނަށް އެމީހެއްގެ މަގާމާއި ގުޅޭގޮތުން ލިބިފާހުންނަން ޖެހޭ އިނާޔަތްތަކާއި އަސްފަދަ ސަވާރީތައް އެމީހުންނަށް ބަރާބަރަށް ލިބިލިބި ހުރޭތޯ ޚާއްސަ ގޮތެއްގައި ރަސްގެފާނު ބައްލަވަމުން ގެންދަވައެވެ.

ޓެކްސް ނެގުމުގައި ޙަރަކާތްތެރިވާ މީހުން ޓެކްސް ދައްކަންޖެހޭ މީހުންއަތުން ޓެކްސް ނެގުމަށްފަހު ފައިސާގެ މުޢާމަލާތުކުރަން ހުއްދަ ކުރެވިފައިވާ މީހުންގެ ޒަރީޢާއިން ރަސްކަމުގެ ދަރުބާރަށް އެ ފައިސާ ( މިހާރުގެ ގޮތަށްބުނާނަމަ ކޭޝް ޓްރާންސްފަރ ގެ އުސޫލުން) ފޮނުވާނީއެވެ. ނަގުދު ފައިސާ ފޮނުވުމަކީ ހުއްދަކަމެއްނޫނެވެ. އަކްބަރުގެ ރަސްކަމުގައި އެންމެ ފުރިހަމަގޮތެއްގައި އިންތިޒާމްކުރެވުނީ ޓެކްސް ނެގުމުގެ ކަންތައް ކަމުގައި ގަބޫލު ކުރަންޖެހެއެވެ. އެކަމުގައި އެރަސްގެފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރަންހުރީ ރަސްގެފާނު އެންމެ އިތުބާރު ހިންދޫ ވަޒީރެއްކަމުގައިވާ ތޮންޑަރމަލް އެވެ.

އަކްބަރު ރަސްގެފާނުގެ ޓެކްސް ނިޒާމަކީ ރައްޔިތުންނަށްވެސް ލުއިފަސޭހަ އަދި ސަރުކާރަށްވެސް ފައިދާކުރަނިވި ނިޒާމެކެވެ. މިކަންތައް ފުރިހަމަކޮށް ހިންގަން ފެށުމަށް ގާތްގަނޑަކަށް ވިއްސަކަށް އަހަރުދުވަސް ހޭދަވެގެން ދިޔައެވެ. 1580 ވަނައަހަރުގެ ތެރޭގައި ފާއިތުވެގެން ދިޔަ ދިހައަހަރުގެ ޓެކްސް ގެ ތަފްސީލުތައް ރަސްގެފާނަށް އެރުވުނެވެ. އޭގައި ތަފާތު ބާވަތްތަކުގެ އުފެއްދުންތެރި ކަމާއި އަގުތަކަށް އަންނަމުންދިޔަ ބަދަލާއި އަދި އެހެނިހެން މައުލޫމާތާއި ތަފްސީލު ތައްވެސް ބަޔާންކޮށްފާ ހުއްޓެވެ. އެ ތަފްސީލުތައް ލިބިވަޑައިގަތުމުން ދަނޑުވެރިކަމުގެ ތަފާތު ބާވަތްތަކަށް ޚާއްސަ ސަރަޙައްދުތައް ފާހަގަކުރައްވައި ދަނޑުބިންތައް ފާހަގަކުރުމާއި ދަނޑުވެރިކަން އިތުރަށް ތަރައްގީ ކުރެވޭނެ ގޮތްތައް ހޯދައި ހިންގަން ހަމަޖެއްސެވިއެވެ. ދަނޑުވެރިކަމުން ޓެކްސް ނަގަނީ އުފެއްދޭ ބާވަތްތަކުގެ މައްޗަށް ބިނާކޮށް ތިންބައިކުޅަ އެއްބައި ނުވަތަ ދެބައިކުޅަ އެއްބައިގެ ހަމައިންނެވެ. ދަނޑުވެރިންނަށް ޖެހެނީ އެމީހުންގެ އުފެއްދުންތައް ބާޒާރަށް ވިއްކުމަށްފަހު ލިބޭ އާމްދަނީން ޓެކްސް ދައްކާށެވެ. ޓެކްސް ދައްކަންޖެހެނީ ލޯލާރިންނެވެ. އަލަށް މިހަމަޖެހުނު ނިޒާމުގެ ސަބަބުން ވިޔަފާރިތަކަށް ދިރުންލިބި ރައްޔިތުންނަށް އިތުރު ތަނަވަސްކަން އިތުރުވަމުންދާން ފަށައިފިއެވެ.

ނުނިމޭ ……

 

Loading

One Response

  1. ރަސްކަމުގެ މަޖާ ނަގާ ބައިގަނޑާ ވެރިކަން ޙަވާލުވިހިސާބުން މުޣުލްގެ ވެރިކަންވެސް އަތަށްގޮވީދޯ

Leave a Reply to މޫސާ މުހައްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް