މުޣަލް އެމްޕަޔަރ- 5

Loading

Facebook
Twitter
WhatsApp

http://sandhaanu.today/12695/  އާއި ގުޅޭ..

ގުޖުރާތާއި ބަންގާޅު ފަތަހަކުރެއްވުން:

ގުޖުރާތާއި ބަންގާޅަކީ ބައިނަލް އަގްވާމީ ވިޔަފާރިއަށް ވަރަށް މުހިންމު ސަރަހައްދުތަކެކެވެ. އެހެންކަމުން އެސަރަހައްދުތައް ބާރުގެ ދަށަށްގެނައުމަކީ ލަސްކުރެވެން ނެތްކަމެކެވެ. އަދި ގުޖުރާތަކީ ފަހަކަށްއައިސް މުޣަލް ރަސްކަމުގެ ދަރުބާރުން ވަކިވެގެންދާ އިދިކޮޅު ފިކުރުގެ މީހުން ފިލާތިބޭ ތަނަކަށްވެސް އޮތީ ވެފައެވެ. އަދި ދާއޫދު ކައްރާނީގެ ދަށުން ޙަރަކާތްތެރި ވަމުންގެންދާ ބިހާރީންނާއި އަފްޣާނުންގެ ފަރާތުން ލިބެމުންދާ އުނދަގޫތައްވެސް އޮތީ ޙައްލުކުރަންޖެހޭ މައްސަލައަކަށް ވެފައެވެ.

ގުޖުރާތަށް ދިން ދެވަނަ ޙަމަލާގައި އެސަރަހައްދު ފަތަހަ ކުރެވިއްޖެއެވެ. އެއީ 1573 ވަނައަހަރުގައެވެ. އެ ކާމިޔާބީ ފާހަގަ ކުރުމުގެގޮތުން ފާތިޙްޕޫރް ސިކްރީގައި ބުލަންދް ދަރްވާޒާ ( އުސް ދޮރާށި ) ބިނާކުރެއްވިއެވެ.

ގުޖުރާތު ފަތަހަކުރެވުމުން އަކްބަރު ރަސްކަން ކަނޑުގެ އައްސޭރިއަށް ވާސިލުވެވުނީއެވެ. އަކްބަރް ރަސްގެފާނަށް ދިމާވި ޕޯޗްގީޒުންގެ ކުރިމަތިލުން ތަކުގައި އެމީހުން ދީނާއި އާދަކާދައާ މެދު ވިސްނަން ޖެހިވަޑައިގަތެވެ. ހަމައެއާއެކު މި ފަތަހަކުރެވުނު ސަރަހައްދުގެ ސަބަބުން ބައިނަލް އަގްވާމީ ވިޔަފާރިއަށް ހުޅުވުނު އިތުރު ދޮރާމެދު ރަސްގެފާނު ހުންނެވީ ހިތްޕުޅު ހަމަޖެހިފައެވެ.

1574 ގައި ޕަޓްނާ އާއި 1576 ގައި ބަންގާޅުވެސް އޮތީ ރަސްކަމުގެ ބާރުދަށަސް ގެނެވިފައެވެ. ގަބީލާތަކުގެ ބައެއް ބޮޑުންގެ ދުއްތުރާކުރުން ކުޑަ ދުވަސްކޮޅަކަށް ދޭތެރެ ދޭތެރޭން މެދުވެރިވިއެވެ. އެހެނަސް ދުވަސްކޮޅެއްފަހުން ބިހާރުގެ ގަވަރނަރ މަންސިންގ ގެ ބާރުގެދަށަށް އޮރިއްސާ ސަރަޙައްދު އައުމުން އަކްބަރުގެ ރަސްކަން އިރުމައްޗަށްވެސް ފުޅާވެގެން ދިޔައީއެވެ. ރަސްގެފާނު ދެން އެންމެ އިސްކަމެއް ދެއްވީ ހުޅަނގު އުތުރު ބޯޑަރުތައް ކޮންޓްރޯލް ކުރެއްވުމަށެވެ. ކާބުލް އާއި ކަންދަހާރު އަދި ގަޒްނީ އަކީ މަރުކަޒީ އަދި ހުޅަނގު އޭޝިއާގެ ވިޔަފާރި ފުޅާކުރުމަށްޓަކައި އެންމެ މުހިންމު ސަރަހައްދުތަކެވެ. އަދި ސިފައިންނަށް ބޭނުންވާ އަސްތައް ލިބެން އަންނަނީވެސް މިސަރަހައްދުންނެވެ. އެހެންކަމުން މި ސަރަހައްދުތައް އަތުން ގެއްލިގެންނުދާނެ ހުރިހާ ރޭވުންތަކެއް 1580 އިން 1590 އާ ދެމެދު ގާއިމްކުރެއްވިއެވެ. ގަވަރނަރ މިރްޒާ ޙަކީމް އަވަހާރަވުމާގުޅިގެން އުޒުބަކުންގެ ލަޝްކަރުތަކުގެ ނުރައްކާ ބޮޑުވުމުން ސީދާ ރަސްގެފާނުގެ ބާރުގެ ދަށަށް ކާބުލް ގެނެވުނެވެ. އަދި ރަސްގެފާނުގެ ބާރުހުރި މިންވަރު ފާޅުގައި ދައްކާލުމުގެ ގޮތުން ލަޝްކަރުތައް ކަޝްމީރާއި ސިންދު އަދި ބަލޫޗިސްތާނުގެ ޝަހަރުތަކާއި އެތަންތަނާއި ގުޅިފައިވާ އަވަށްތަކުގައި ޕެރޭޑްކޮށް ހެދިއެވެ.

އަދި 1595 ވަނައަހަރު ސަފާވިދުންގެ އުނދަގުލުން ކަންދަހާރު ސަލާމަތްކުރެއްވިއެވެ. އެހިސާބުން ހުޅަނގު އުތުރު ސަރަޙައްދީރޮނގު އަކްބަރު ރަސްގެފާނުގެ ބާރުގެ ދަށަށް ގެނެސް ނިމުނީއެވެ.

އިރުމަތީ ބިތުން ބަންގާޅާއި އޮރިއްސާއާއި އަދި ކޮޗީބިހާރު އޮތީ މަންސިންގ ގެ ބާރުގެ ދަށުގައި އަކްބަރު ރަސްކަމުގެ ބައެއްކަމުގައި ހަމަޖައްސާފައެވެ. އަދި އުތުރުގެ ސަރަހައްދުތަކެއް ކަމުގައިވާ އާސިރްގަރް އާއި ކަތިއާވަރް ފަތަޙަކޮށް އަޙުމަދު ނަގަރު ގައި އޮތް ނިޒާމް ޝާހީގެ ރަސްކަމުގެ ބާރުހިނގާ ސަރަޙައްދެއްގެ ގޮތުގައި ހަމަޖެހުމުން އުތުރުއިންޑިއާއާއި ގުޖުރާތު އަކްބަރު ރަސްކަމުގެ ބައެއްކަމުގައި ކަށަވަރުވީއެވެ.

1605 ވަނައަހަރު އޮކްޓޯބަރުގައި އަކްބަރު ރަސްގެފާނު އަވަހާރަވީއިރު މުޣަލް އެމްޕަޔަރގެ ރަސްކަން އޮތީ ގޯދާވަރީ ކޯރުގެ އުތުރުގެ ހުރިހާ ސަރަހައްދެއްގައި ގާއިމްވެފައެވެ. ހަމައެކަނި އަސްތިސްނާއަކީ މަރުކަޒީ އިންޑިއާގެ ގޮންދުވާނާ އާއި އައްސާމެވެ. އަކްބަރު ރަސްގެފާނުގެ މިލިޓަރީ ކާމިޔާބީ ތަކަށްވުރެން އެ ރަސްގެފާނުގެ ފުރިހަމަ އިދާރީ ހިންގުމުގެ ނިޒާމާއި ސިޔާސަތުގެ ހަރުދަނާކަން އެއީ 150 އަހަރުވަންދެން އެ އެރަސްކަން ދެމިއޮތުމުގެ ހަގީގަތެވެ.

އަކްބަރް ރަސްގެފާނުގެ މަރްކަޒީ ސަރުކާރުގައި ހިމެނުނީ ހަތަރު މަޙްކަމާއެކެވެ. އެއިން ކޮންމެ މަޙްކަމާއަކަށް ވަޒީރަކު އަންޔަންކޮށްފައި ހުރެއެވެ. އެބޭފުޅުންގެ ވަޒީފާ ބަޔާނަކީ ވަރަށް ތަފްސީލުކޮށް ލިޔެވި ބަޔާންކުރެވިފައި އޮންނަ އެއްޗެކެވެ. ވަޒީރުން އައްޔަންކުރުމާއި ވަކިކުރުމަކީ ސީދާ އަކްބަރް ރަސްގެފާނުގެ ބާރު ދަށުގައި އޮންނަ ކަމެކެވެ. އަކްބަރު ރަސްގެފާނުގެ ހަތަރު މަޙްކަމާ ބެހިފައިވާގޮތަކީ: ޕްރައިމް މިނިސްޓަރ ( ވަކީލް )، ފިނޭންސް މިނިސްޓަރ ( ދީވާން )، ޕޭމާސްޓަރ ޖެނެރަލް ( މީރް ބަޚްޝީ )، ޗީފް ޖަސްޓިސް އަދި ދީނީ ކަންތަކާބެހޭ ވަޒީރު ( ސަދްރަލް ސުދޫރް ) އެވެ.

އަކްބަރް ރަސްގެފާނުގެ ރަސްކަން ހިންގެވީ ފަނަރަ ސަރަހައްދަކަށް ބަހާލައިގެންނެވެ.

އެއީ، ﷲ އާބާދު، އާގްރާ، އާޔޯދްޔާ، އަޖްމަރް، އަޙުމަދުއާބާދު، ބިހާރު، ބަންގާޅު، ދިއްލީ، ކާބުލް، ލާހޯރް، މުލްޓަން، މަލްކާ، އޮހަންދޭޝް، ބެރާރް އަދި އަޙުމަދުނަގަރް އެވެ. ކަޝްމީރާއި ކަންދަހާރް އޮތީ ކާބުލްއަށް ނިސްބަތްވާ ދެ އަވަށެއްގެ ގޮތުގައެވެ. ސިންދު ހަމަޖެހިފައިއޮތީ މުލްޓަންގެ އަވަށެއްގެގޮތުގައެވެ، އަދި އޮރިއްސާ އޮތީ ބަންގާޅުގެ ދަށުގައެވެ. ސަރަހައްދުތައް ބަހާލާފައިއޮތީ އޭރިއާ އާއި ލިބޭ އާމްދަނީ ހަމަހަމަވާގޮތަކަށް ނޫނެވެ. އެހެންނަމަވެސް ކޮންމެ ސަރަޙައްދަކަށްވެސް ގަވަރނަރަކާއި ފައިސާގެ ކަންތައްތައް ބަލަހައްޓަވާ އިސް ވެރިިއަކާއި މިލިޓަރީ ކޮމާންޑަރަކާއި، ދީނީ ކަންތައްތަކާބެހޭ ވެރިޔަކާއި އަދި ޙާކިމަކު ޢައްޔަންކޮށްފާހުރެއެވެ.

އޭގެ އިތުރުން މަރުކަޒީ ސަރުކާރަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ބަޔަކު ހަމަޖައްސާފައި ތިބެއެވެ. އެ ބޭފުޅުންގެ މަސްއޫލިއްޔަތުތައް ބައްސަވާފައިވަނީ އެއްވެސް ވަރަކަށް ފުށޫ ނާރާގޮތަށް މިނިވަންކަމާއެކު ކުރެވޭގޮތަށެވެ. މިއީ އެ ރަސްކަމުގެ ވަރަށް ފާހަގަކުރެވޭ ސިފައެކެވެ.

ސަރުކާރު ހިންގުމުގެ ފަސޭހައަކަށްޓަކައި ކޮންމެ ސަރަޙައްދެއްވެސް އޮންނަނީ އަވަށްތަކަކަށް ބަހާލާފައެވެ. އަދި ކޮންމެ އަވަށަކަށް ޚާއްސަކުރެވިފައިވާ ފަވްޖިދާރަކު ( މިލިޓަރީ އޮފިސަރަކު ) ހުރެއެވެ. އޭނާގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ކަލެކްޓަރގެ މަސައްކަތްވެސް ހިމެނެއެވެ. އަދި ފަނޑިޔާރަކާއި ފުލުހުންނާއި ކޮޓްވާލަކާއި ( ކޮޓްވާލުންނަކީ ފެނާ ނަރުދަމާގެ ކަންތައްތަކުގައި އިސްކޮށް ހުންނަ ވެރިޔާއެވެ). އަދި ޚަޒާންދާރަކާއި ހެޑް ކްލާކެއްވެސް ހަމަޖައްސާފައި ހުރެއެވެ.

ސަރަޙައްދުތަކުގައި ހިމެނޭ އަވަށްތައް ހިންގަމުން ގެންދަނީ މިނިވަންކަމާއެކު ޙަރަކާތްތެރިވާ ކައުންސިލަކުންނެވެ. އަމަންއަމާން ބެލެހެއްޓުމަށްޓަކައި ފުލުހުން ތިބެއެވެ.

މުޣަލް ރަސްކަމުގެ މުހިންމު ޢިއްޒަތްތެރިން ބެހިފައިވާގޮތް:

މުޣަލްރަސްކަމުގެ ފުރަމަ ތިރީސް އަހަރުދުވަހުގެ ތެރޭގައި އެ ރަސްކަން ވަރަށްބޮޑަށް ފުޅާކުރެވިގެން ދިޔައެވެ. ރަސްކަމުގެ މުޅި ނިޒާމް ރޭވިފައިއޮތީ ރަސްގެފާނުގެ ވަށައިގެން އެނބުރޭ ގޮތަށެވެ. ހުރިހާ ދިމާއެއްގައިވެސް ކަންކަން ހިނގަމުން ދާގޮތް ރަސްކަމުގެ ދަރުބާރަށް އެނގޭގޮތުގެ މަތީންނެވެ. ރަސްކަމުގެ ބައިވެރިން ކަމުގައިވާ މަރުކަޒީ އޭޝިއާއަށް ނިސްބަތްކުރެވޭ ޢިއްޒްތްތެރިންގެ އިސްސަފުގައި ތިބީ ޓާރކޯ-މޮންގޯލް ގެ ޢިއްޒަތްތެރިންނެވެ.

ރަސްކަމުގެ މުޅި އަމާޒަކަށްވެފައިއޮތީ ވަށައިގެން އޮތް އުދުވާނީ ސަރަޙައްދުތަކުގެ ބާރު ކަނޑުވާލުމާއެކު އިތުރު ސަރަޙައްދުތަކުގެ ބައިވެރިވުން ޝައުގުވެރި ކުރުވާގޮތަށް ކަންތައްތައް ރޭވުމެވެ. އެ ރޭވުމުގެ ދަށުން އީރާނުގެ ބައެއް ޢިއްޒަތްތެރިންވެސް އަކްބަރް ރަސްކަމުގައި ބައިވެރި ކުރެއްވިއެވެ. ރަސްކަމުން ދެކޭގޮތުގައި އެއީ ރަސްކަމަށްލިބުނު މުހިންމު ބައިވެރިއެކެވެ.

ނުނިމޭ….

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް