މުޣަލް އެމްޕަޔަރ-4

Loading

Facebook
Twitter
WhatsApp

http://sandhaanu.today/12373/  އާއި ގުޅޭ..

އަކްބަރު ރަސްގެފާނުގެ ރަސްކަން:

އަކްބަރގެ ވެރިކަން 1556 އިން 1605 އަށް ދެމިގެންދިޔައެވެ. އެހެނަސް ރަސްކަން ފެށިގެންދިޔައީ އުނދަގޫ މަޝްރަހެއްގައެވެ. ސޫރް ރަސްކަމުގައި ހިންދޫ ޖެނެރަލްއެއްގެ މަގާމުގައިހުރި ހެމޫގެ ދުއްތުރާތައް ދިއްލީއާއި އާގްރާއަށް އޮތީ ކުރިމަތިލާންޖެހިފައެވެ. ޢަދިލް ޝާހްއާއި މުޣަލްގެ ގަވަރނަރުން އުތުރު އިންޑިއާގެ ސަރަޙައްދުތަކުން ބޭރުކުރަމުން ގެންދިޔައެވެ. އަކްބަރު ރަސްގެފާނުގެ ބާރުގެ ދަށުގައިއޮތީ ފަންޖާބުގެ ވަރަށްކުޑަ ސަރަހައްދެކެވެ. އެ ސަރަހަޢްދުވެސް އޮތީ ސިކަންދަރ ސޫރް ގެ ދެބަސްވުމެއްގެ ތެރޭގައެވެ. އަދި ރަސްގެފާނުގެ އަރިސްބޭފުޅުންގެ ތެރޭގައިވެސް މަކަރުވެރިކަން އޮތީ މުގޫލާފައެވެ.

އެހެންކަމުން ކޮންމެގޮތެއް ހަދައިގެން ނަމަވެސް ހުރިހާ ސަރަޙައްދެއް ބާރުގެ ދަށަށްގެނެސް ރަސްކަމުގެ ހަރުދަނާ ހިންގުމުގެ ނިޒާމެއް ގާއިމް ކުރުންނޫން އެހެން ގޮތެއް އަކްބަރު ރަސްގެފާނަކަށް ނެތެވެ. މިކަންކަމުގައި 1560 އާއި ހަމަޔަށް އެ ރަސްގެފާނުގެ އެޑްވައިޒަރަކަށް ހުންނެވި ބައިރާމް ޚާންގެ އިޚްލާސްތެރި މަޝްވަރާ ލިބެމުން ދިޔައެވެ. ޕަނިޕެޓްއާއި ގްވާލިއޯރ އަދި ޖައުންޕޫރ ފަތަހަކުރެވުމުން އުތުރު އިންޑިއާގައި އަފްޣާނުންގެ ފަރާތުން އަންނަ ބިރުވެރިކަމަށް ނިމުމެއް ގެނެވުނީއެވެ.

ޚުލާސާގޮތެއްގައިބުނާނަމަ 1560 އާއި ހަމަޔަށް އަކްބަރު ރަސްގެފާނުގެ ރަސްކަން ކުރަމުންއައީ އެޑްވައިޒަރ ބައިރާމް ޚާނެވެ. އަދި އެއީ އިންޑިއާގެ ތާރީޚުގައި ވަރަށްގިނަ ގޮތްގޮތުން ފާހަގަކުރެވޭ ދުވަސްވަރެކެވެ. މުޅި ޕަންޖާބާއި އުތުރު ފަރާތުން ދިއްލީ ސަރަހައްދު މިހާރުގެގޮތުން ބުނާނަމަ އަންދާޕްރަދޭޝްއާއި އުއްތަރާންޗަލް އާއި އިރުމަތިން ޖައުންޕޫރ އަދި ހުޅަނގުން މުޅި ރާޖަސްތާނުގެ ސަރަހައްދުއޮތީ އަކްބަރު ރަސްގެފާނުގެ ބާރުގެ ދަށުގައެވެ.

އެހެންނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ރަސްކަމުގެ ދަރުބާރުގައި ރަސްގެފާނަށް އުނދަގޫވާވަރަށް ބައިރާމް ޚާންގެ ނުފޫޒު ގަދަވަމުން ދާން ފަށައިފިއެވެ. އެއީ އޭނާގެ މަންމަ ހަމީދާ ބޭގަމް ބާނޫ އާއި އޭނާގެ ކިރުމައިމީހާ މަހާމް އަނާގާ ގެ ރޭވުމުގެ ދަށުން ހިނގަމުން ދިޔަ ކަމެކެވެ. އެހެންކަމުން 1560 ވަނައަހަރު މާރޗް މަހުގެ ތެރޭގައި ރަސްކަމުގެ ދަރުބާރުން ބައިރަމްޚާން ވަކިކޮށްފިއެވެ. އަދި އޭގެފަހުން ރަސްގެފާނުގެ ހަތަރު ވަޒީރަކުވެސް ވަކިކުރިއެވެ. އެއަށްފަހު ވަރަށްފާހަގަކުރެވޭ ކާމިޔާބުތަކެއް ރަސްގެފާނު ޙާސިލު ކުރެއްވިއެވެ. އޭގެ ތެރޭގައި 1561 ވަނައަހަރު މެލްވާރ ފަތަހަކުރެއްމާއި ސަރަންގްޕޫރަށްގޮސް އެތާންގެ ވެރިޔަކަށް ބަހައްޓާފައިހުރި އާދަމް ޚާނުގެ ނުރަނގަޅު ގިނަ އަމަލުތަކަކަށް އަދަބުދިނުމާއި 1561 ނޮވެމްބަރު މަހުގެތެރޭގައި ޝަމްސުއްދީން މުޙަންމަދު އަތުގާޚާން ބޮޑުވަޒީރަކު ކަމުގައި އައްޔަން ކުރުމާއި ހުމާޔޫން ރަސްކަމާ އިދިކޮޅަށް ހަރަކާތްތެރި ވަމުންދިޔަ ޗުނާރ ސަރަހައްދު ފަތަހަކުރުން ހިމެނެއެވެ. އެއަށްފަހު 1562 ވަނައަހަރު އަމްބަރްގެ ރާޖާ ބަރްމާލްގެ އަންހެންދަރިފުޅު ރާޖްޖުޕުތުގެ ޕްރިންސަސް އާއި ކާއިވެނި ބައްލަވައިގަތުން އެންމެ ޚާއްސަ ކަމަކަށް ފާހަގަ ކުރެވުނެވެ.

އެކައިވެނީގެ ސަބަބުން މުޣަލުންނާއި ރާޖްޕުތުންގެ އެއްބައެއްވަންތަކަން ވަރުގަދަވެގެންދިޔައެވެ. ނަތީޖާއެއްގެގޮތުން ރާޖަސްތާނުގެ މާރތާ ސަރަހައްދުވެސް އަކްބަރުގެ ބާރުގެދަށަށް ގެނެވިއްޖެއެވެ. އެހާހިސާބުން ހުމާޔޫންގެ ވެރިކަމުގެ ދަށުގައި ކުރިންއޮތް ހުރިހާ ސަރަހައްދެއް އަކްބަރުގެ ބާރުގެ ދަށަށް ގެނެވިއްޖެއެވެ.

1562 ވަނައަހަރުގެ ޖޫންމަސް އަންނަންވާއިރަށް މަހާމް އަނާގާ އާއި އޭނަގެ ދަރި އާދަމް ޚާނާއި އަދިވެސް ބައެއް އެހެން ޚާއިނުންނާއެކު ގަނޑުވަރުތެރޭގައި އެބުރެމުންދިޔަ އެތެރޭގެ ގަޑުބަޑު ހަމަޔަކަށް އަޅުވާލެވިއްޖެއެވެ. އެހެންނަމަވެސް އޭގެކުރިން އެމީހުންގެ ރޭވުމުދަށުން ބޮޑުވަޒީރު އަތުގާޚާނު މަރާލިއެވެ. އޭނާގެ ބަދަލުގައި ރަސްގެފާނު އައްޔަންކުރެއްވީ މުންޢިމް ޚާނެވެ. ހަމައެދުވަސްވަރު ޖޯދުޕޫރާއި ބަތާ ( މިހާރުގެ ރެވާ) އާއި ގައްކާރުގެ ސަރަހައްދާއި ޕަންޖާބުގެ އިންޑަސް ކޯރު އަދި ބީސްކޯރުގެ ސަރަޙައްދު ތައްވެސް ރަސްގެފާނުގެ ބާރުގެދަށަށް ގެނައެވެ.

1562 ވަނައަހަރުގެ މެދުތެރޭން ފެށިގެން އަކްބަރު ރަސްގެފާނު އެންމެބޮޑު އިސްކަމެއް ދެއްވީ ރަނގަޅު ސިޔާސަތުތަކެއް އެކަށައެޅުމާއި އެކަންކަން އެގޮތުގެމަތިޏް ތަންފީޒު ކުރެވިގެންދާނެ ކަން ކަށަވަރުކުރުމުގެ ނިޒާމެއް ތަޢާރުފް ކުރެއްވުމެވެ. އެގޮތުން ނަސްލީ ތަފާތުކުރުން މަނާކުރުމާއި ހައްޖަށްދާމީހުން އަތުން ނަގަމުންގެންދިޔަ ޓެކްސް ނެގުން މަނާކުރުމާއި މުސްލިމް ނޫންމީހުންއަތުން ޖިޒްޔަ ނެގުން މަނާކުރެއްވިއެވެ. ތަފާތު ނަސްލުތަކާއި ތަފާތުދީންތަކާއި އާދަކާދައަށް ތަބާވާ އެތައްބަޔަކު ހިމެނޭ ސަރުކާރެއް ހިންގުމަށް އެންމެ އެކަށީގެންވާގޮތުގައި ރަސްގެފާނާއި އެކިސަރަޙައްދުތަކުގެ އިއްޒަތްތެރިންގެ ގުޅުން ގާއިމް ކުރެއްވިއެވެ.

ރަސްކަމުގެ ބާރުގެދަށުގައިހުރި ތަންތަން ހިފޭއްޓުމުގެ މަސައްކަތް:

މަތީގައިބުނެވުނުފަދައިން ސަރުކާރު ހިންގުން ކަނޑައަޅައި ހަމަޖެއްސުމަށްފަހު ރަސްގެފާނު ދެން އެންމެ އިސްކަމެއް ދެއްވީ ތުރާނީން ( މަރުކަޒީ އޭޝިއާ ) ގެ ބޮޑުންގެ ދަށުގައި ހުރި ސަރަހައްދުތަށް ދެނެގަނެ އެތަންތާގެ ބޮޑުންނާއިއެކު އެއްބަސްވުން ގާއިމްކޮށް ފާރިސީންނާއި އިންޑިއާގެ މުސްލިމުންނާއި އަދި ރާޖްޕުތުންގެ ކަންތައްތައް ކުރިއެރުވުމެވެ. އަދި މާލީ އިދާރާތަކާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އިސް މަގާމުތަކަށް ގަބީލާތަކުގެ އިއްޒަތްތެރިން ކުރީސަފަށް ނެރުއްވައި އާދައިގެ ވަޒީފާތަކަށް އީރާނުގެ ޓޫރާނީންނަށް ނިސްބަތްވާ ބަޔަކު ޚިޔާރު ކުރެއްވިއެވެ.

އަކްބަރު ރަސްގެފާނުގެ ހުޅުވާލެވިފައިވާ ދީނީ ސިޔާސަތާމެދު ހިތްހަމަނުޖެހުމާއި އަދި ފަހުން ރުޅިވެރިކަން ފާޅުކުރަމުން ކުރީގެ ސިފައިންނާއި މިރުޒާއިން އަދި ގަގްޝާލުންނާއި އުޒްބަކިސްތާނުންނާއި އަތުގާ ޚައިލިސުން އުފަންދަމުން ގެންދިޔަ ގަޑުބަޑު 1564 އިން 1574 އަށް ދެމިގެންގޮސް އެންމެފަހުން ކާބުލްގެ ވެރިޔަކަށްހުރި އަކްބަރު ރަސްގެފާނުގެ އެއްބަފާބޭބެ މިރްޒާޙަކީމް އަކީ ރަސްގެފާނުކަމަށް އެފަރާތްތަކުން އެއްބަސްވެ 1580 ވަނައަހަރު އޭނާ ޕަންޖާބަށް ގެނައެވެ. އެހެންނަމަވެސް އުފެދު އެބޮޑު ދެކޮޅުވެރިކަން އެއްވެސް ރަހްމެއްނެތި އަކްބަރު ރަސްގެފާނު ފުނޑުފުނޑުކޮށްލިއެވެ.

ރާޖަސްތާނުހިފުން:

ރާޖަސްތާނަކީ އަކްބަރު ރަސްގެފާނަށް އަބަދުވެސް ވަރަށް ޚާއްސަ ސަރަހައްދެކެވެ. އެސަރަޙައްދާއި ނުލައި އޭނާގެ ރަސްކަން އުތުރު އިންޑިއާގައި ފުރިހަމަ ވީ ކަމަށް ނުދެކެއެވެ. ގުޖުރާތާއި އިންވެފާ އޮތުމުގެ ސަބަބުން ރާޖަސްތާނުގެ މުހިންމުކަން ބޮޑުވެއެވެ. ސަބަބަކީ އޭޝިއާއާއި ޔޫރަޕް ގުޅުވައިދޭ ވިޔަފާރިތަކުގެ މައިމަރުކަޒެއްގެ ގޮތުގައި ގުޖުރާތު ވެފައިއޮތުމެވެ. 1567 ގައި މޭވާރ ސަރަހައްދުގެ ވެރިކަން ކުރާރަށް ޗިތޫރު ފަތަހަ ކުރެއްވިއެވެ. 1568 ވަނައަހަރު އާސަފް ޚާން އެތާގެ ގަވަރުނަރ ކަމުގައި އައްޔަން ކުރެއްވިއެވެ. މޭވާރ ސަރަޙައްދުގެ ހުޅަނގު ފަރާތް އޭރުވެސް އޮތީ ރާނާ އުދައިސިންގ ގެ ބާރުގެ ދަށުގައެވެ. އަދި އޭގެފަހުން އޭނާ ދަރި ރާނާ ޕްރަތާބް ސިންގ ގެ ބާރުގެ ދަށުގައެވެ. 1697 ވަނައަހަރު އޭނާ މަރުވަންދެންވެސް އޭނާ ގެންދިޔައީ މުޣަލް ރަސްކަލުންގެ އަތުން ބަލިވުމުގެ ބަދަލުހިފަން މަސައްކަތް ކުރަމުންނެވެ.

އޭނާއަށްފަހު ވެރިކަމަށް އިސްކުރެވުނީ އޭނާގެދަރި އަމަރސިންގ އެވެ. އޭގެފަހުން ޗިތޫރްއާއި ރަންތަމްބޫރު ފަތަހަކުރެވުމާއެކު މުޅި ރާޖަސްތާން އަކްބަރު ރަސްގެފާނުގެ ބާރުގެ ދަށަށް ގެނެވުނީއެވެ.

ނުނިމޭ…..

 

Loading

One Response

  1. އޭރުވެސް އަދި މިހާރުވެސް ވެރިކަންހޯދަން އަދި ވެރިކަން ދަމަހައްޓަން ވަރަށް ހާލުގައި ދޯ އުޅެންޖެހެނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް