މިނިމަމް ވޭޖް ކަނޑައެޅުން ބޮނޑު ނަގުލަށް

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މެނިފެސްޓޯއިން ވަޒީފާއަދާ ކުރާފަރާތްތަކަށް ވަރަށް ފޮނި އުންމީދު ތަކެއް އާވެގެން ދިޔައެވެ. އެހެނަސް ވެރިކަމަށް ތިން އަހަރު ފުރެމުންދާއިރު އަދިވެސް ފެންނަނީ ކޮންމެވެސް ބަހަނާއަކުން އެންމެ ކުޑައުޖޫރަ ކަނޑައެޅުން މެނިފެސްޓޯގައި އޮތް ގޮތަށް ހަގީގަތަކަށް ނުވެ، ލަސްކުރަމުންދާ ތަނެވެ. ކަނޑަނޭޅިގެންދާތަނެވެ.

އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލު މިނިމަމް ވޭޖޭ ވިދާޅުވެ ދޭތެރެދޭތެރެއިން ކޮންމެވެސް އެއްޗެކޭ ވިދާޅުވާނެއެވެ. ކޮންމެ ފަހަރަކުވެސް ކޮންމެވެސް ބަހަނާއެއްގެ ވާހަކައެވެ. ނުކުރެވި ހުރި ގިނަ ކަންތައްތައް ކޮވިޑް-19އަށް ފޫޅުކަނޑާ ގޮތަށް މިނިވަން ވޭޖް ކަނޑަނޭޅިގެން އުޅޭ މައްސަލަ ވެސް ފޫޅުކަނޑަން ޖެހިފައިވަނީ ކޮވިޑް-19 އަށެވެ.

މިނިމަމް ވޭޖަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކަނޑައަޅާފައި ވާ އަސާސީ މުސާރައެވެ. މި ރާއްޖޭގައި ވަޒީފާއަދާކުރާ ފަރާތްތަކަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައެއް ނެތެވެ. އޭގެ ސަބަބުން ކުދި ވިޔާފާރިތައް ހިންގާ ފަރާތްތަކުން އެ ވިޔަފާރިތަކުގެ ނިސްބަތުން ތިންހާސް ރުފިޔާ އާއި ފަސްހާހާ ދެމެދުގެ އުޖޫރައެއް ދެއެވެ. މި މިންގަނޑުގައި ހިފެހެއްޓިފައި އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ.

ރައްޔިތުން ކޮންމެ ފަހަރަކު ވެސް ސަރުކާރެއް އެކުލަވާލަން ވޯޓުދެނީ ރައްޔިތުމީހާގެ ޒަރޫރީ ބޭނުންތައް ފުދި ރީތި ދިރިއުޅުމެއް ލިބޭނެކަމުގެ އުންމީދުތަކާއެކުގައެވެ. ފުދުންތެރި ރައްޔިތުމީހާ ވިހާނެ ދުވަހެއްގެ އިންތިޒާރުގައި ތިބެތިބެ ވަރުބަލިވެ ހަނާ ވާކަށް ނޫނެވެ. ރައްޔިތުން މަގުތަކަށް ނުކުމެ އިސްތިއުފާއަށް ނުގޮވިއެއްކަމަކު ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ އިގުތިސާދީ ބަލިމަޑުކަމުގެ ވޭން ރައްޔިތުން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަނެއްކާވެސް ފެނިގެން ދާނީ އަންނަ ރިޔާސީ ރޭހުގައި ރައްޔިތުންގެ ބޮލުގައި ގޯނި އަޅުވައި ރަންއިލޮށިން ކަދުރުކާން ދޭނެ ކަމުގެ ވައުދު ވާތަނެވެ. ވެރިކަން ރައްޔިތުންގެއެވެ. ވެރިކަމުގެ ލައްޒަތާއި އަރާމާއި މަންފާ ވަގުންނަށާއި ބޮޑުންނަށެވެ. މޮހަނަށް ދޯންޏެވެ.

ފުދުންތެރި ރައްޔިތުމީހާ ވިހާނެ ކަމަށް ގަބޫލު ކުރާ ރައްޔިތުން ގައުމުގައި ނެތް ނަމަ ބަސްއަހައިގެން އިންތިޒާރުގައި ނުތިބީސްތާއެވެ.

ދަތިބޮޑުވެ ރައްޔިތުމީހާގެ އަތް އަނގަޔާ ދިމާ ނުވާން ފެށުމުން ބަސްއަހައިގެން ނުތިބޭނެއެވެ. އެހެންވެ ވަކި މުނާސަބަތަކާ ދިމާކޮށް ސިޔާސީ މިނިމަމް ވޭޖެއް ކަނޑައެޅުން ފަސް ނުކުރުމަށް ސަރުކާރަށް ގޮވާލަމެވެ. ހިސާބުކިތާބު ދަންނަ ބަޔަކު ސަރުކާރުގައި ނެތީ ހެއްޔެވެ؟ އެންމެ ކުދި ފަންތީގެ ވިފާރިވެރިޔާއަށް އޭނާގެ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ މުސާރަ އޭނާގެ ވިޔަފާރީގެ އާމުދަނީ ދެކޮޅު ޖެހޭނެ މިންވަރު ބަލައި ވަޒީފާ އަދާކުރާ މީހާއަށް މުސާރަ އެބަދެއެވެ. އެވިޔަފާރިއަށް އެތެރެކުރާ މުދަލާއި ތަކެތީގެ އަގު ބޭރުގެ މާރުކޭޓުން ލިބޭ މިންވަރަށްވުރެ އެތައް ގުނައެއް ބޮޑުކޮށްގެން ވިއްކާއިރު އެއަގުތަކަކީ ހަގީގީ އަގުތޯ ބަލާކަށް ބޭނުމެއްވެސް ނޫނެވެ. ހިސާބުކިތާބު ދަންނަ ބަޔަކު ސަރުކާރުގައި އުޅޭނަމަ މި އުޖޫރަ ކަނޑައެޅޭނެހާ ދުވަސް މިސަރުކާރު ވުޖޫދު ވީ ދުވަހުން ފެށިގެން މިހާތަނަށް ވެއްޖެއެވެ.

ރިސޯޓެއްގެ ވެއިޓަރެއް: މުއައްޒިފުން ތިބީ މިނިމަމް ވޭޖެއްގެ އިންތިޒާރުގައި

ގޭގެ ކުއްޔާއި ކަރަންޓުބިލާ ފެންބިލުގެ އިތުރުން އަނބި ދަރީންގެ ބަނޑުފުރާނަ މުއްތި ނުކުރެވޭ ވަރުގެ މިނިވަން ވޭޖެއް ކަނޑައެޅިގެން ހިނގައިދާނެ ބާވައެވެ! މި މަގުސަދު ހާސިލު ނުވާ މިނިމަމް ވޭޖަކުން ފުދުންތެރި ރައްޔިތު މީހާއެއް ނުފެންނާނެއެވެ. ރައްޔިތުމީހާ ދަރައި ވިކި ބޯސަލާމަތް ނުވާ ހިސާބަށް ހިނގައްޖެ ނަމަ މުޖުތަމައުން ފެނިގެންދާނީ ވައްކަމާއި ފަސާދައެވެ. ދެން ފެންނަން ފަށާނީ، އިޖުތިމާއީ ދޮރޯށި ބަންދުވެ ފައިސާއަށް މީހުން ކަތިލައިދީ މަސްތުވާތަކެތި ވިއްކައި އަނބިދަރީންވެސް ސަލާންޖަހަން މަގުތަކަށް ނެރެން ފަށާތަނެވެ. އަނބިމީހާ ވަޒީފާއަށް ފޮނުވައި، ބްރޭކް ގަޑީގައި ހަށިވިއްކުވައި ފައިސާ ހޯދައިގެންނޫނީ އަމިއްލަ ޒަރޫރީ ބޭނުން ތައް ނުފުދެއެވެ. މިފަދަ ދަށުދަރަޖައިގެ އާދަތައް ގައުމުގައި އަށަގަންނަން ދޫކޮށްގެން ތިބެވޭނެ ހެއްޔެވެ؟ ލިބޭ އާމްދަނީން ދިރިއުޅުން ދެކޮޅު ނުޖެއްސޭ ނަމަ މުޖުތަމައުގެ އަމާންކަން ގެއްލި ރޯމާދުވާލު މަގުމަތީގައި ބިރެއްނެތި މީހުން މަރާތަން ފެންނަން ފަށާފާނެއެވެ. މިއީ އިސްލާމީ އުންނަތެއްގެ ތެރެއިން ފެނިގެން ވާނެ ކަންކަމެއް ނޫނެވެ. މިއީ ފުދުންތެރި ރައްޔިތުމީހާ، ސަރުކާރަށް އުފަންކޮށް ދެވިފައި ނުވާތީ ދިމާވެދާނެހާ ގޮތްގޮތެވެ.

ހުޅުމާލެއަކީ އާ ޕްލޭނެއްގެދަށުން ގިންތި ކުރެވިގެން އާބާދު ކުރެވޭ ސިޓީއެކެވެ. އެސިޓީގައި ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީ ކޮށްގެން ވިޔަފާރި ކުރަނީ ބިދޭސީންނެވެ. ގިނަތަންތާގައި ސޭޓުންނަށް ވެސް އޭގެމީހެކެވެ. ފިހާރައިގެ ދޮރުމަތީގައި އޮންނަ ތަޅުންގަނޑު ވެސް އޭގެ މީކަށް ކުއްޔަށް ދޫ ކުރެއެވެ. އެ ތަޅުމުގައި މަސްރޮށްޓާ ސޮސެޖް ފިހެގެން ވިއްކުމާއި ކުރުނބާއާ ދޮންކެޔޮ ވިއްކުން އެވަނީ އާންމު ވެފައެވެ. އަދި މީގެއިތުރުން ބައެއްފިހާތަކުގެ ކަންކަނުން ހަތަރު ފޫޓުގެ ގޮޅި ފިލާޖަހައި ވަކިކޮށްދީ ކޮފީ އާއި ސޮސެޖާއި ބިސްކޯދާއި ސިނގިރޭޓާއި ދަޅުފަދަ ބުއިންތަކާއި ދުފާއެއްޗެހި އެތަންތަނުން ވިއްކައެވެ. މިދެންނެވި ގޮޅިތަކުގައި މަސައްކަތް ކުރަނީވެސް ބިދޭސީންނެވެ.

ހުޅުމާލެ ފިހާރައެއްގެ ބޭރު: ގިނަ ފިހާރަތަކުގައި މަސައްކަތް ކުރަނީ ބިދޭސީން

ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރަނީ އެގައުމުތަކުގައި ވަޒީފާއަދާކުރާމީހުންނާށް ދޭ އެންމެ ކުޑަ މުސާރަ އަށްވުރެ ރާއްޖޭގެވަޒީފާތަކުން ލިބޭ އުޖޫރަ ނިސްބަތުން ބޮޑުވީމައެވެ.

ރާއްޖެ އަކީ މީސްކޮޅު މަދު ފުދުންތެރި ގައުމެކެވެ. އެހެންކަމުން ރާއްޖޭގެ މިނިމަމް ވޭޖް އެހެން ގައުމުތަކާ އަޅައިބަލާއިރު ނިސްބަތުން މާބޮޑުވާން ޖެހޭނެ އެވެ. އެގޮތުން ރާއްޖޭ މިނިމަމް ވޭޖެއްގެ ގޮތުގައި-/10000ރުފިޔާ އަށްވުރެ މަތިވެގެން ނޫނީ ރާއްޖޭ ގައި ޚާއްޞަކޮށް މާލޭގައި އަމުދުން ދިރިއެއް ނުއުޅެވޭނެއެވެ. އެހެން ގައުމުތަކުގައި ދެވޭ އެންމެ ކުޑަ އުޖޫރައިން ދެކޮޅު ޖެހެއެވެ. އެއީ ތަކެތީގެ އަގު އަތްފޯރާފަށުގައި ހުންނާތީއެވެ. އަދިކެއިން ބުއިމަށް ބޭނުންކުރާ ކާޑާއި އެނޫން ތަކެތިވެސް ހުންނަނީ އަތްފޯރާހިސާބުގައެވެ. ރާއްޖޭގެ ތަކެތީގެއަގުތަކާއި ކެއިންބުއިމުގެ ބާވަތްތަކުގެ އަގުތައް ހުންނަނީ މަހުޖަނުން ނޫން ބައެއްގެ އަތް ނުފޯރާ ހިސާބު، އުހުގައެވެ. މީވެސް ހައްލުވާންޖެހޭ ކަންކަމެވެ. މަކަރާއި ދޮގުހެދުންވެސް އިންތިހާއެވެ. މަރުވާނީ ދައްކަވަން ހުރިތަނެއް ދައްކަވާފައެވެ.

އިންޑިއާގައި ހަ މީހުންގެ އާއިލާއެއްގެ މަހުކޮއްތަށް އެތާގެ 6000 ރުޕީސް ހޭދައެއް ނުވެއެވެ. އެއީ އެވްރެޖް ކޮށް މާލޭގެ 1300 އެއްހާ ރުފިޔާއެވެ. ވިސްނާށެވެ! ތަކެތީގެ އަގު ރަނުގެ އަގަށްވުރެ ބޮޑުވީމަ، މިގައުމުގެ ރައްޔިތުމީހާ އުޅޭނެގޮތް އަމިއްލައަށް ވަޒަން ކޮށްލައްވާށެވެ!

މިނިވަން ވޭޖްގެ ވާހަކަ ސަރުކާރުގެ އެންމެ އިސްވެރިންގެ ހިސާބުން ފެށިގެން ވަޒީރުންނާއި ނައިބު ވަޒީރުންނާއި ސަރުކާރުގެ ކޯލިޝަނުގެ ތެރޭގައި ހިމެނޭ އެކްޓިވިސްޓުން ދައްކަމުން އަންނަތާ ލައްކަ ދުވަސްވެއްޖެއެވެ. ވެރިކަމަށް އައުމުގެ ކުރިންވެސް އެވާހަކައެވެ. ވެރިކަމުގެ ތެރޭގައި ވެސް އެވާހަކައެވެ. ވެރިކަން ނިމިގެންދާއިރުވެސް އެވާހަކައެވެ. މިއީ އަޅެ ތަންކޮޅެއް ބޮޑުވަރެއް ނޫންހެއްޔެވެ؟ މިނިވަން ވޭޖް ކަނޑައެޅުމާ ދެކޮޅަށް ބަޔަކު ޕެޓިޝަންހަދައި މުޒާހަރާކޮށްވެސް ނަހަދައެވެ.

ދިވެހިރައްޔިތުންނޭވެ! ހިތްވަރުކުރާށެވެ! ކެތްތެރިވާށެވެ! އަންނަ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަން ފެށުމުގެ ކުރިން ފަހަރެއްގައި މިނިވަން ވޭޖް ކަނޑައަޅާފާނެއެވެ. އޭރުން ފަސް އަހަރުން ވައުދެއް ފުދުނަސް ވައުދު ނުފުއްދައެކޭ ނުބުނެވޭނެ ނޫންހެއްޔެވެ؟

އުންމީދު ކަނޑާނުލާށެވެ! ވިލިމާލެ ބުރިޖުވެސް އަދި ފެނުން މައްޗަށް އަރާނެއެވެ.

 

Loading

One Response

  1. ފައްޔާޒު އެއީ ސޯލިޙު ގެންގުޅުއްވާ އެންގުރީ ބާރޑް. މޮޅުކަމަކީ 500 ޕޭޖުގެ އެގްރީމެންގައި ސޮއިކުރިއިރު މަ އެގްރީމެންޓެއް ނުކިޔަމޭ ވެސް ބުނީ ހަމަ އެވަރަށް ފުއްޕާފަ އިދެގެނެވެ. އެންގްރީބާރޑް ގަދަ. ސޯލިޙު ރައިސްވެސް ހަމަ ގަދަ. 3 އަހަރު ތިބުނާހެން މިދިޔައީ. ދެން މޯޑީ އަތުން ގެރިގުއިކޮޅެއް ހޯދައިގެން ގަސް އިންދަމާ ހިނގާދޯ؟

Leave a Reply to މޫސަ ފިކުރީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް