ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރަން ގެނައުމާއި އެ ބިދޭސީންނާ ގުޅޭ ކަންތައްތައް ބެލެހެއްޓުމުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ތަމްރީން ޕްރޮގްރާމަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
”ސެޓްފިކެޓް އިން އެމްޕްލޯއިމެންޓް އިންޓަމީޑިއަރީސް ކޯސް“ގެ ނަމުގައި ހިންގާ މި ކޯހުގެ މަގްސަދަކީ ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމާއި އެ ބިދޭސީންނާ ގުޅޭ ކަންތައްތައް ބެހެލެއްޓުމުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް ކިޔައިދީ، އެފަރާތްތަށް ކުރުން ލާޒިމްކުރާ ކަންތައްތަކާއި ޒިންމާތައް އަންގަދިން ކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ކޯހުގައި، މަސައްކަތު މާހައުލުގައި ބިދޭސީ މަސައްކަތްތެރިންނާ މެދު އަމަލު ކުރެވޭނެ ގޮތްތަކާއި ލިބިދޭ ހައްގުތަކަށް ރިޕްރެޒެންޓޭޓިވްސް އަހުލުވެރިކޮށްދޭނެ ކަމަށް އިކޮމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ކޯހަކީ ”ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ ސިސްޓަމުގައި ރަޖިސްޓަރީވުމާއި، އެ ސިސްޓަމް ބޭނުންކުރުމުގެ އުސޫލު“ގައި ފުރިހަމަކުރުމަށް ބުނެފައިވާ ކޯހެއްކަމަށެވެ.
މި ކޯސް ކުރިއަށް ގެންދަނީ އިކޮނިމިކް މިނިސްޓްރީއާއި ދިވެރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެންނެވެ.
ފަސް ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ކޯހަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 24 ވަނަ ދުވަހެވެ.
ގައުމީ ޔުނިވާސިޓީގެ ރަސްމީ އޮފީސް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު ފަހު 02:00 އަށް ފޯމު ބަލައިގަތުން ކުރިއަށްދާނެއެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފީ އެއްގެ ގޮތުގައި 600 ރުފިޔާ އަދި އެގްޒާމް ފީގެ ގޮތުގައި 200 ރުފިޔާ ނެގުމަށް ވަނީ ހަމަޖައްސާފައެވެ.
”އެކްސްޕެޓް އޮންލައިން ސިސްޓަމް“ ގައި ރަޖިސްޓްރީވެ ސިސްޓަމް މެދުވެރިކޮށް ހިދުމަތްތަކަށް އެދޭ ރިޕްރެޒެންޓޭޓިވްސްގެ ތެރެއިން 10 ބިދޭސީންނަށްވުރެ ގިނަ ބިދޭސީންގެ ކަންތައްތައް ބަލަހައްޓާ ހުރިހާ ރިޕްރެޒެންޓޭޓިވްސްއަށް، 2022 ގެ ޖެނުއަރީ އިން ފެށިގެން ”އެކްސްޕޯޓް އޮންލައިން ސިސްޓަމް“ މެދުވެރިކޮށް ހިދުމަތް ދެވޭނީ ކޯސް ފުރިހަމަކޮށް، ސަނަދު ލިބުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ކޯހަށް ޝައުގުވެރިވެރިވާ ފަރާތްތަކުން އެމްއެންޔޫގެ ދަރިވަރުންގެ އިދާރީ ހިދުމަތްތަކާބެހޭ ބަޔަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.