އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ސައީދް ޚާތިބްޒާދެޚް ވަނީ ކެނެޑާގައި ހިންގާފައިވާ މީހުން މެރުމުގެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށް އދ. އަށް ގޮވާލައްވާފައެވެ. އޭނާ އެކަމަށް ގޮވާލެއްވީ މިދިޔަ ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކެނަޑާއިން ދާދިފަހުން ވަނީ މަރުވެފައިވާ 750 މީހުންގެ ގަބުރު ފެނިފައެވެ. މި ގަބުރުތައް ފެނިފައިވަނީ ކުރީގެ ފައްޅިއަކާއި ބޯޑިން ސްކޫލެއް ހުރި ސަރަހައްދަކުންނެވެ. ކެނަޑާގެ ސަރުކާރުން މިކަން އިތުރަށް ތަހުގީގު ކުރުމުގެ ބަދަލުގައި އެ ފައްޅި ކުށްވެރިކުރަން މަސައްކަތް ކުރުމަކީ ކެނަޑާފަދަ އިންސާނީ ހައްގުތަކުގެ ދިފާއުގައި ވަކާލާތުކުރާ ގައުމަކާ އެކަށީގެންވާ ކަމެއް ނޫންކަމަށް ޚާތިބްޒާދެޚް ވަނީ ވިދާޅުވެފައެވެ.
މަރުވެފައި ތިބި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންކަން ފާހަގަ ކުރައްވައި އޭނާ ވަނީ މިކަމުގައި ސަރުކާރުގެ އިހުމާލެއް ވާކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ވާހަކަކޮޅު ނިންމަވާލައްވަމުން އޭނާ ވަނީ ޔޫ.އެން އަށާއި އެހެން ގައުމުތަކަށްވެސް މިކަން ރަނގަޅަށް ތަހުގީގުކުރަން ކެނެޑާއަށް ބާރުއެޅުމަށް އިލްތިމާސް ކުރައްވާފައެވެ.