އަނިޔާތައް ތަހުގީގުކުރުމަށް އަބޫދާބީގެ ވަލީއަހުދާއި ސުވާލު ކުރުމަށް ފުރާންސުން އަމާޒުހިފައިފި

Loading

Facebook
Twitter
WhatsApp
world news

ސައޫދީ އަރަބިއްޔާ އިސްވެ އޮވެ ޔޫއޭއީ- ސައޫދީ ކޯލިޝަނުން ޔަމަނުގެ ހޫޠީންނާއި ދެކޮޅަށް ކުރާ ހަނގުރާމައަކީ ޚިޔާލުތަފާތުވުންތައްގިނަ ހަނގުރާމައެކެވެ. އިންސާނީ ހައްގަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ މިހަނގުރާމައަކީ އިންސާނީ ހައްގުތަކަށް އަރައިގަނެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ހަނގުރާމައެއްކަމަށް ބުނެފައެވެ. 

އދ. ގެ ހުއްދަނެތި އެމެރިކާއިން އަފްޣާނިސްތާނާއި ދެކޮޅަށް ކުރި ހަނގުރާމައަށް ފިޔަވަޅު ނޭޅި ފަދައިން، ޔަމަނުގައި ޔޫއޭއީ- ސައޫދީ ކޯލިޝަނުންކުރާ ހަނގުރާމައާއި ދެކޮޅަށް އދ. އިން ފިޔަވަޅުއަޅާފައި ނުވެއެވެ. އެހެންކަމުން ޔަމަނުގައި ހިނގާ ހަނގުރާމައަކީ މިހާރުވެސް ބައިނަލްއަގުވާމީ ގާނޫނުތަކާއި ޚިލާފަށް ކުރިއަށް ގެންދާ ހަނގުރާމައެކެވެ. ސައޫދީ އަރަބިއްޔާގެ ތެލުގެ ބޮޑު ރިޒާވް އާއި ދީނީ ނުފޫޒުގެ ސަބަބުން، ޚާއްސަކޮށް އިސްލާމީދުނިޔެއަށް ސައޫދީން ފޯރުވާ ނުފޫޒުގެ ސަބަބުން، ގާނޫނުތަކާއި ޚިލާފަށް ކުރާ އެހެންހަނގުރާމަތަކަށް ފާޑުކިޔާގޮތަށް، ޔަމަނުގެ ހަނގުރާމައަށް ބޮޑެތި ސީދާ ފާޑުކިޔުންތަކެއް އަމާޒުވާތަނެއް ނުފެނެއެވެ. 

ބައެއް މަސްދަރުތަކުން ހުކުރު ދުވަހު ޚަބަރުދޭ ގޮތުގައި، ފްރާންސުގެ ކަމާއިބެހޭ އިދާރާތަކުންދަނީ ހަނގުރާމައިގައި ޖަރީމާހިންގިކަމަށް ތުހުމަތުކޮށް، އަބޫދާބީގެ ބާރުގަދަ ވަލީއަހުދު، މުހައްމަދު ބިން ޒައިދު އަލް ނަހްޔާނާއި ދެކޮޅަށް ތަހުގީގެއް ހިންގުމަށް މަސައްކަތް ކުރަމުންނެވެ.  

މި ކޭސްއާއި ބެހޭ ގިނަ މައުލޫމާތު އެނގޭ މަސްދަރުތަކުން އޭއެފްޕީ އަށް މައޫމާތުދިންގޮތުގައި، ޔަމަނުގައި ހިނަގަމުންދާ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކާއިބެހޭ ތަހުގީގެއް ހިންގުމަށް ފްރާންސުގެ ތަހުގީގު ހިންގާ ފަނޑިޔާރަކާއިވަނީ ހަވާލުކޮށްފައެވެ. 

މުހައްމަދު ބިން ޒައިދު 2018 ވަނަ އަހަރު ނޮވެންބަރުމަހު ރަސްމީ ދަތުރެއްގައި ޕެރިހަށް ދަތުރުފުޅެއް ކުރެއްވުމުން، ދެ ޝަކުވާއެއްވަނީ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. މިކަމާއި ގުޅިގެން، 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހު، މުހައްމަދު ބިން ޒައިދު ނުވަތަ ޢާންމުކޮށް ކިޔާ ނަމުންނަމަ އެމްބީޒެޑް އާއި ދެކޮޅަށް ކުރަންއުޅޭ ތަހުގީގުގެ ފުރަތަމަ ތަހުގީގުވަނީ ފެށިފައެވެ. 

އެމްބީޒެޑް އަކީ ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމދު ބިން ސަލްމާނާއި ވަރަށް ގާތްގުޅުން އޮންނަ ބޭފުޅެކެވެ. އަދި އެއީ އެސަރަހައްދުގެ ނުފޫޒުގަދަ އެއް ލީޑަރެވެ. އެމްބީޒެޑްވަނީ ފްރާންސުގެ ރައީސް އެމެނުއަލް މެކްރޮންއާއި ވަރުގަދަ އެކުވެރިކަމެއްވެސް ގާއިމުކޮށްފައެވެ.  

ޔޫއޭއީން ވަނީ ޚިޔާލުތަފާތުވުންތައްގިނަ ހަނގުރާމައިގައި ސައޫދީއާއެކު ބައިވެރިވެފައެވެ. ޔޫއޭއީ- ސައޫދީ  ކޯލިޝަނުން ޔަމަނުގެ ހޫޠީންނާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އިންސާނީ ހައްގުތަކަށް އަރައިގަނެ އަނިޔާވެރިވަމުންދާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.  

ޔަމަނުގެ 6 މީހަކުވަނީ ޕެރިހުގައި ހުންނަ އިންސާނިއްޔަތާއި ދެކޮޅު ޖަރީމާތައް ތަހުގީގު ކުރުމަށް ޚާއްސަވެފައިވާ ފަނޑިޔާރަކަށް މިކަމާއިގުޅިގެން ޝަކުވާ ހުށަހަޅާފައެވެ.

”މި މައްސަލައިގެ ތަހުގީގު ފެށުމުން މައްސަލަ ހުށަހެޅި ފަރާތްތަކުންވަނީ މަރުހަބާކިޔައި، އުއްމީދު އިތުރުވެފައިވާކަމަށް ބުނެފަ“ އެމީހުންގެ ވަކީލު ޖޯސެފް ބްރެހަމް އެފްޕީއަށް މަޢުލޫމާތު ދެއްވިއެވެ.

ޔަމަނުގެ ސަރަހައްދުގައި ހިންގާ އަނިޔާވެރި އަމަލުތައް

އެމީހުންގެ ޝަކުވާތައް އަމާޒުކޮށްފައިވަނީ ޔަމަނުގެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ޔޫއޭއީން ކޮންޓްރޯލްކުރާ ޖަލުތަކުގައި ހިންގާ އަނިޔާވެރި އަމަލުތަކަށެވެ. އަނިޔާވެރި އަމަލުތައް ހިންގާނެގޮތާއި އަމުރު އަންނަނީ ޔޫއޭއީ ބާރުތަކުގެ ކޮމާންޑަރ އިން ޗީފްގެ ހައިސިއްޔަތުން އެމްބީޒެޑްގެ ފަރާތުންކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. 

ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މިފަދަ ތުހުމަތުތައް ތަހުގީގުކުރުން ފްރާންސުން ކުރިއަށް ގެންދެވިދާނެއެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގައިވާގޮތުން ޖަރީމާ ހިންގީ އެހެން ގައުމެއްގެ ފަސްގަނޑުގައި ކަމުގައިވިޔަސް، އެފަދަ މައްސަލަތައް ބެލުމުގެ ބާރު ފްރާންސުގެ ކޯޓުތަކަށް ލިބިގެންވެއެވެ. 

ޔަމަނުގެ ހަނގުރާމައިގައި އެތައް ހާސް މީހުންނެއްވަނީ މަރުވެފައެވެ. އަދި 4 މިލިއަނަށްވުރެ ގިނަމީހުންވަނީ ގެދޮރު ގެއްލި، ފަގީރު ހާލު ޖެހިފައެވެ. އަދި އެގައުމުގެ އާބާދީ ކަމަށްވާ 29 މިލިއަން މީހުންގެ 80% މީހުން ދިރިއުޅެނީ އިންސާނީ އެހީދޭ ފަރާތްތަކަށް ބަރޯސާވެގެންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް