ޕްރޮސްކިއުޓަރުންގެ ސިޓީއެއް ރައީސަށް

120

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ފުނަށް ގޮސް، އިންސާފު ގާއިމްކުރުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ، އެ މައްސަލަ ރަނގަޅަށް ބަލައި އިންސާފު ހޯދައިދެވޭނޭ މާހައުލެއް ގާއިމްކޮށް ދިނުމަށް އެ މައްސަލައިގެ ތަހުގީގު ޓީމުގައި ހިމެނޭ ދައުލަތުގެ ޕްރޮސިކިއުޓަރުންގެ ޓީމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދަންނަވައިފި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ، ފުލުހުން ގުޅިގެން ހިންގާ އެ ތަހުގީގުގައި ޕީޖީގެ އޮފީހުގެ ފަރާތުން ހަރަކާތްތެރިވާ ޕްރޮސިކިއުޓަރުންގެ ޓީމުން ސޮއިކޮށް އިއްޔެ ރައީސް ސޯލިހުއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ އަމަލުތަކާ ގުޅޭ ޖިނާއީ ތަހުގީގުތަކަކީ 2015 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ތަހުގީގުތަކަކަށް ވާއިރު، މި މައްސަލައިގެ ތަހުގީގާ، ދައުވާ ކުރުމާއި ޝަރީއަތުގެ މަރުހަލާތަކާމެދު އާންމުންގެ ގިނަ ބައެއްގެ ސުވާލުތަކެއް އަދިވެސް އުފެދިފައިވާ ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާ އެކު ތަހުގީގު ކުރިއަށް ގެންދިޔުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހު ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރުން ހިމެނޭ ގޮތުން، ހާއްސަ ޓީމެއް އެކުލަވާލައި، އެދުވަހުން ފެށިގެން މިއަދާ ހަމައަށް ޕީޖީ އޮފީހުން މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލައި އިރުޝާދު ދީ، ދައުވާ ކުރަން ޖެހޭ ފަރާތްތަކަށް ދައުވާ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ސިޓީގައިވެ އެވެ. ނަމަވެސް އެކަމުގެ ނަތީޖާ ފެންނަމުން ނުދާ ކަމަށް ޕްރޮސިކިއުޓަރުން ރައީސްއަށް ފޮނުއްވި ސިޓީގައި ފާހަގަ ކުރެއްވި އެވެ.

“ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މަސައްކަތުގެ ނަތީޖާ ހާސިލްވިޔަނުދިނުމަށްޓަކައި އެކި ފަރާތްތަކުން މަސައްކަތް ކުރަމުންގެންދާ ކަމެވެ. މިކަންކަން ހުއްޓުވުމަށާއި، ޝަރީއަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހުރަސްއަޅަމުން ގެންދާކަމެވެ.” ސިޓީގައިވެ އެވެ.

ބޮޑު ހިޔާނާތުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް ވެސް ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ މައްސަލަ މިހާރު ވަނީ ހައިކޯޓްގައި އިސްތިއުނާފުކޮށް، އެ ހުކުމް އިއްވި ގާޒީގެ މައްސަލަ އެ އޮފީހުގެ ފަރާތުން ޖޭއެސްސީއަށް ހުށަހަޅައިފަ އެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ