މިފަހަރު ސަފާރީ ރޭޕް ކޭސް!

110

ތަޙުގީގު ކުރުމުގައި ނުފޫޒުގަދަ މީހުންނަށް ތަފާތުގޮތްތަކަށް ޢަމަލުކުރޭ.

މިއީ ދިވެހި ރާއްޖޭގެ ތަޙުގީގީ އިދާރާތަކުން ބަދަލުގެންނަން ލަސްވެފައިވާ ވަރަށް ދެރަވަރު ނާއިންސާފީ ޢަމަލެކެވެ. 1980 ގެ އަހަރުތަކަށް ބަލާލުމުންވެސް ހަމަ އެފަދައެވެ. މަޝްހޫރު އެފް.ޕީ.އައި.ޑީ ގެ ކޭސް ހަދާންކޮށްލަމާތޯއެވެ. އެ ބޮޑުވައްކަން ހިންގިމީހުން ދެއަތްފުޅާކޮށް ބޮޑުކަންމަތީ އުޅެވިގެން ދިޔަކަމީ އެންމެން ހެކިވާނެ ޙަގީގަތެކެވެ. ނަމަވެސް އެ ބޮޑު ވައްކަން ލީކުކޮށްލުމުގައި ބައިވެރިބި އެންމެން ގައިދު ކުރެވުނީ ދޫނިދޫ ކުޑަގޮޅިތަކުގައެވެ. ބައެއްމީހުން ކީސްބިޑި އަޅުވާފައި ގައިދުކުރެވުނެވެ. އެ އިރެއްގައި ވެރިކަންކުރަންތިބި ބައެއްގެ ފަސާދަ ފޮރުވާ ބައެއްގެ ގޮތުގައި ގައުމުގެ ތަޙުގީގީ އިދާރާތައް ވެއްޖެނަމަ ދެން ގައުމުގެ ޙާލަތަކީ ކޮބައިތޯއެވެ؟ މިއަދާހަމައަށްވެސް ރާއްޖޭގެ ތަޙުގީގީ އިދާރާތަށް މިވަނީ ރައްޔިތުންގެ ކުރިމަތީގައިފަލީޙަތްވެ އެބައިމީހުނަށް ލިބިދޭންޖެހޭ  ގަދަރާއި ޢިއްޒަތާއި އިތުބާރު ގެއްލިފައެވެ.

ރާއްޖޭގެ ކަންކޮޅުތަކުގައި ޖިންސީ ގޯނާއާއި ރޭޕްގެ ވާހަކަ ގިނަވެފައިވަނިކޮށް، ޖޫން 26 ވަނަ ދުވަހުގެރޭ އެތައް ބަޔަކަށް ސިހުން ގެނުވީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ބިރުވެރި ޚަބަރުންނެވެ. ފުލުހުންގެ ފަރާތުން މިކޭސްއާއި ގުޅިގެން ތަފާތު ވާހަކަދައްކަމުންދާތީ އަދިވެސް މި މައްސަލައިގެ ޙަގީގަތެއް ނޭގެއެވެ. މިކޭސްއާއިބެހޭ ގިނަ ޚަބަރުތައް ލިބެމުންދަނީ މީޑިއާގެ އެކި ވަސީލަތްތަކުންނެވެ. މިގޮތުން އެންމެ ތަފްސީލީ މަޢުލޫމާތު ހާމަކޮށް ރިޕޯޓެއް ލިޔުނީ “މެންދުރު” ކިޔާ ނޫހަކުންނެވެ. އެއަށްފަހު “މިހާރު” ނޫހުންވެސް މި ކަމާއިބެހޭ ތަފްސީޅި ރިޕޯޓެއް ގެނެސްދިނެވެ. މިދެ ރިޕޯޓުގައި އެކަން ހިގިގޮތާއި ތަޙުގީގީ އިދާރާއިން މި މައްސަލަ ބެލިގޮތާއި އިވެންޓްސްތައް ވީގޮތް ގެނެސްދިނުމުގައި އުޑާއި ބިމާހާ ތަފާތު ހުއްޓެވެ.

MaldivesRapeCase

މިމައްސަލަ މިހާ ހޫނުވެގެން މިއުޅެނީ މިފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރާގޮތާއި ތަފާތުކޮށް މިމައްސަލައިގައި އަމަލު ކޮށްފައިވާތީކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. މި ސަރުކާރުގެ ނުފޫޒުގަދަ ބައެއް މި މައްސަލައިގައި ހިމެނޭތީ މިކޭސް އޮއްބާލަން އުޅޭކަމަށް މީޑިއާތަކުގައި ދަނީ ވާހަކަ ދެކެވެމުންނެވެ. މިކަން މިހެންވަނީ ފުލުހުން މިކޭސް ތަޙުގީގުކޮށް މަޢުލޫމާތު ހާމަކުރުމަށް ފަސްޖެހޭތީ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް  އެބައޮތެވެ.

ކުރިން ދެންނެވި މި ރޭޕު ކޭސްއާއި ބެހޭ ދެރިޕޯޓުގައިވެސް އަނިޔާ ލިބުނު އަންހެން މީހާގެ ފަރާތުން، އެ ސަފާރީގައި ތިބި ދެމީހުންނާއި އޭނަވެސް ބަނގުރާ ބުއިކަމަށް ބުނެފައިވެއެވެ. އަދި އަންހެންމީހާގެ ޖިންސީ ގުނަވަންތަކުގައި އަތްލި ވާހަކަ އެބައޮތެވެ. މިދެ ކަމަކީވެސް ރާއްޖޭގެ ގާނޫނުތަކުން މަނާދެކަމަށްވެފައި އަދަބު ކަނޑައެޅިފައިވާ ދެކަމެވެ. ޚާއްސަކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަމަށް ފުލުހުން ވަޢުދު ވުމަށްފަހު ދެހަފްތާފަހުން ބޭއްވި ނޫސްވެރިންގެ  ބައްދަލު ވުމުގައި ކުރިންވެސް ޖަވާބު ނުލިބޭ އެއްވެސް ސުވާލަކަށް ޖަވާބު ދެވިފައެއްނުވެއެވެ. އަދި އެދެމީހުން ބަނގުރާ ބުއިތޯ ނޫންތޯވެސް އެބައްދަލުވުމުގައި ފާހަގަކޮށްފައި ނުވެއެވެ.

ވާހަކަ ދެކެވޭގޮތުން އެއަންހެންމީހާ ރޭޕު ކުރިކަމެއްވެސް ޔަގީނެއްނޫނެވެ. ނަމަވެސް ޖިންސީ ގުނަވަންތަކުގައި އަތްލި ކަން ޔަގީންވެއްޖެއެވެ. އަދި އެ ސަފާރީގައި އަންހެންމީހާއަށް ޖިންސީގޯނާކުރި ދެމީހުން ރާބޮއިގެން ތިބި ވާހަކަ މިއަންހެންމީހާ ފާހަގަކުރިއެވެ. އެހެންކަމުން އެއްކަމެއް ފާހަގަކޮށް އަނެއް ކަމެއްގެ ވާހަކަ ނުދެއްކުން މީ ހަމަބުއްދީގެ ނަޒަރިއްޔާތުން ހަމަޖެހޭ ކަމެއްނޫނެވެ. ވަކި ބަޔަކު ކުރުމުން ހަމަ އޯކޭވެފައި ވަކިބަޔަކު ކުރުމުން އޯކޭނުވާނެ ގާނޫނާއި ގަވައިދެއް އޮންނަކަން ދަންނަ އެއްވެސް މީހަކާވެސް ބައްދަލެއްނުވެއެވެ.

ރާބުޔަސް އެކަމަށް އިސްލާމް ދީނުގައި ދޭން ކަނޑައަޅާފައިވާ އަދަބުވެސް ދޭން ބޭނުން ނުވަނީކަންވެސް ނޭންގެއެވެ. ނުވަތަ ދިވެހި މުޖުތަމަޢުގައި އެކަމަކީ ޢާންމުކަމަކަށްވެ އެދެން މާބޮޑުކަމަކަށް ނަހަދާ އުސޫލެއް އެބުނާ އަނދިރި ސަރުކާރުގައި އޮތީނޫންބަވައޭ ރައްޔިތުން ސުވާލު އުފައްދައެވެ. ނުފޫޒުގަދަ ބަޔަކަށް ވުމުން އެމީހުންގެ ވަނަވަރުވެސް ހާމަ ކުރެވިފައިވެސް ނުވޭމެއެވެ. ނަމަވެސް “އާދައިގެ” ބައެއްމީހުންގެ ފޮޓޯ އާއި ވަނަވަރާއި އެކު ހަމަ މިފަދަ މައްސަލަތަކުގައި ތަޙުގީގީ އިދާރާތަކުން ޢާންމުކޮށްގައި ވަނި މަދެއްކޮށެއްނޫނެވެ. މިހިރީ ހައްތަހާވެސް ރައްޔިތުންގެ އިރުބާރާއި އެ އިދާރާތަކުގެ އަގު ވެއްޓެންދިމާވާ ބޮޑު ސަބަބެވެ. ޕްރޮޓެކްޓް އެންޑު ޓު ސާރވް މޮޓޯ ކިތަންމެހާވެސް ރީއްޗެވެ. ސަޅިވެސް މެއެވެ.
Maldives news

މިފަދަ ކޭހެއްކަމުގައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރާއި ސުވާލު ނުކުރާ ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު ތުޙުމަތަށް ބިނާކޮށް އަލީވަޙީދުގެ ހުރިހާވާހަކައެއް އެވަނީ ހާމަކޮށް ނިންމާފައެވެ. އަދި ޖިންސީ ގޯނާކުރި އެތައް ބައެއްގެ ވަނަވަރު ޝަރީޢަތް ކުރުމުގެ  މާކުރިން ހާމަކޮށް އެމީހުން ކުއްވެރިންނަށްވެސް ވެ ނިމިއްޖެއެވެ.

އެހެންކަމުން މިހިނގައިދިޔަ ރޯޔަލް ރޭޕަކީ ހަގީގަތުގައިވެސް ރޯޔަލް ރޭޕެކޭ ބުނުމުގެ ފުރުސަތު މާބޮޑަށްވެސް އެބައޮތެވެ. މިސަރުކާރުގެ ނުފޫޒުގަދަ ކަމަށްބުނާ ދެމީހުންގެ ވަނަވަރު ހާމަކުރަން ފުލުހުންވަނީ ޖެހިލުންވެފައެވެ. ނަމަވެސް އެނގެންޖެހާ ޙަގީގަތަކީ މި ޒަމާނަކީ މިގައުމުގެ ނައިބު ރައީސް ވިދާޅުވާހެން އޮންދަ މިނެޓް ޑާޓާ ޓްރާސްމިޓް ކޮށްލެވޭ ޒަމާނެވެ. އެހެންކަމުން މީސް މިޑީއާ ބަލާކޮންމެ މީހަކަށް އެބުނާ “ރޯޔަލް” ރޭޕް ސަސްޕެކްޓުންނަކީ ކޮބާކަން އެނގެއެވެ.

މިހެންވުމުން މައްސަލައިގެ ތެދު ދޮގު ބެލުމަށް ތަޙުގީގީ އިދާރާއިން މި ސަސްޕެކްޓުން ބަނގުރާބުއިތޯ ބެލުމަށް ޓެސްޓް ކޮށް އަދި ކުޑަކަމުދާތަކެތި ނަގާފައިނުވެއެވެ. ޔޫރިން ޓެސްޓެއް ހެދުނުނަމަ ބޮއިގެންތިބީ ކޯއްޗެއްކަންވެސް އެނގުނީހެވެ. މިއީ ޢާންމުކޮށް އެފަދަ ސަސްޕެކްޓުންގެ ކޭސްބަލާ މިންގަނޑު ވެސްމެއެވެ. ޕޮލިސް ލޮކްއަޕްގައި 24 ގަޑިއިރު ބަންދުކޮށްނުލެވުނެވެ. ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދެވިފަކާވެސްނުމެ ވެއެވެ. އަންހެން މީހާ ޑޮކަޓަރަށް ދެއްކީ ފެންވަރައިގެން އައުމުންކަމަށް ފުލުހުން ބުނެފައިވެއެވެ. ރޭޕްކުރެވުނުކަމަށް ބުނާ އަންހެންމީހާ ހޮސްޕިޓަލަކަށް ގެންދެވި ރޭޕް ޓެސްޓެއްވެސް ހަދާކަށްވެސް ބޭނުމެއްނުވިމެއެވެ. މި ހުރިހައި ކަމަކީ މައްސަލައިގެ ހެކި ނައްތާލުމަށް ރޭވިގެން ތަޙުގީގީ އިދާރާއިން ކަންކުރިގޮތްކަމުގައި ބެލެވިދާނެ ޖާގަނެތޭ ދެންނެވޭކަށް ނެތެވެ.

ފުލުހުން އެވިދާޅުވާ “ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނެ ކަމަށް ބެލެވޭ ކަމަކީ” މީހުންގެ ސަމާލުކަން އެހެންގޮތަކަށް އަނބުރާލަން ދައްކާވާހަކައެއް ނޫންބާއެވެ. ކޮންމެއަކަސް އިންސާފު ހޯދައިދިނުމުގައި އަބަދުވެސް މިގައުމުގައި ކޮންމެ ސަރުކާރެއްގައިވެސް އެ ސަރުކާރުގެ ނުފޫޒުގަދަމީހުންނާއި “ނިކަމެތި” ރައްޔިތުން ތަފާތުކުރާކަމީ ފެންނަމުންދާ ބޮޑު ޙަގީގަތެކެވެ.

2 ހިޔާލުތައް

  1. އަސްލުވެސް. އަބަދުވެސް ބޮޑުންނަށް މޮޅުގޮތް ދެރަ ނިކަމެތީންނަށް ދެރަ ނިކަމެތިގޮތް. ތަނެއްގައި ޢަދުލު އިންސާފު ނެތިއްޖެނަމަ ދެން ކޮން ހަމަޖެހުމަކާއި ހެޔޮ ބަދަލެއްތޯ އަންނާނީ؟ ވަކި މީހަކަށް ރައްޔިތުން ވެރިކަން ޙަވާލު ކުރުމަކުން އާދަ ކާދަ ބަދަލެއްނުވެއެވެ. ހަމަ ރަންނަމާރީގެ ތާރީޚު ހަނދާން ނައްތާލެވޭ ވަރެއް ނުވެއެވެ.

  2. ބަލަމާ ހިނގާ ޒީރޯ ޓޮލެރެންސްގެ ދަށުން ކަންވެ ނިމޭގޮތް. މިހާރު ދެން ގިނަ މީހުން ބުނާނީ ނުބެހޭ ކަންތަކާ ނުބެހޭށޭ އެހެނަސް އެހެން ބުނާމީހާގެ ދަރިއަކާ ނުވަތަ ތިމާގެ މީހަކާއި ނުވަތަ އެކުގައި ޕާޓީހަދާ މީހަކާއި އެފަދަ ކަމެއްކޮށްފިނަމަ ހަމަ ވަރަށް ރުޅިގަދާވޭ. މާބޮޑަށް ދެފުށެ ކެހެރިވެވެނީ ދޯ؟

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ