ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
އުމުރުން 25 އަހަރުގެ މި މީހާ ކުޑަކުއްޖާއާއި ޖިންސީގޯނާ ކުރަނީ ކުޑަކުދިންގެ ހިޔާއިން އެކުއްޖާ ބޭރަށް ގެންގޮސްގެންނެވެ.
އެމީހާ ހައްޔަރުކުރީ ހޮނިހިރު ދުވަހު އެ ކުޑަކުއްޖާ އާއެކު އޭނާ ދިރިއުޅޭ ކޮޓަރީގައި ހުއްޓާ ފުލުހުން އެކޮޓަރިއަށް ވަދެއެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ. ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރަން އަމުރު ކުރީ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވާފާނެތީ އަދި، އޭނާ ދޫކޮށްލާފައި ހުރެއްޖެ ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ
އެ މައްސަލާގައި ފުލުހުން ކޯޓުގައި ބުނެފައި ވަނީ، ޖިންސީ ގޯނާ ލިބުނު ކަމަށް ބެލެވޭ ކުއްޖާ ފެނިފައި ވަނީ އެމީހާގެ ކޮޓަރިން ކަމަށެވެ. އަދި ކުއްޖާއާ އެކު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ ކުޑަކުއްޖާ ގްރޫމްކުރި ކަމަށް ބެލެވޭ ހެކި ވެސް ފުލުހުންނަށް ވަނީ ހޯދިފަ އެވެ. ފުލުހުން ބުނެފައިވަނީ އެ މީހާ އެ ކުއްޖާއަށް އެކި ކަންތައްތައް ކޮށްދޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ކޯޓުގައި ބުނެފައި ވަނީ، އެކުއްޖާއަކީ ކުޑަ ކުއްޖެއްކަން އެނގޭ ކަމަށާއި ކުއްޖާއާމެދު ގޯސްކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކުއްޖާއަކީ ހިޔާއިން ނުކުމެގެން އެހެން ތަންތަނަށް ދާ ކުއްޖެއް ކަމަށާއި ހިޔާގެ މުވައްޒަފުންނަށް ވެސް އެކަންކަން އެނގޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ހައްޔަރުކޮށްފައިވާ މީހާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީގެ ރެކޯޑު އޮވެ އެވެ.