ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެކަމަނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ގޭގައި ދިރިއުޅޭ އެހެން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަމަނާވެސް ކޮވިޑަށް ޓެސްޓް ކުރެއްވުމުންނެވެ.
އުމުރުންފުޅުން 70 އަހަރުގެ ނަސްރީނާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވީނަމަވެސް އެކަމަނާގެ ހާލުކޮޅު ރަނގަޅެވެ. އަދި އެކަމަނާ ހުންނެވީ ގެކޮޅުގައެވެ.
އެނިގފައިވާ ގޮތުގައި ރައީސް މައުމޫންވެސް ކޮވިޑަށް ޓެސްޓް ކުރެއްވިއެވެ.ނަމަވެސް އެމަނިކުފާނުގެ ނަތީޖާ ނެގެޓިވްއެވެ.
ރައީސް މައުމޫނާއި ނަސްރީނާ ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒްވެސް ޖައްސަވާފައެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު މައުމޫން ވެސް ކޮވިޑަށް ޕޮޒިޓިވްވެ ބައްޔަށް ފަރުވާ ހޯއްދެވި އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި އޯގަސްޓް 25 ގައި ފަރުވާ ދޭން ފެށުމަށް ފަހު ބަލިން ރަނގަޅުވެ ދޫކޮށްލީ ސެޕްޓެމްބަރު 14 ގަ އެވެ.