ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.
މިފަހަރު މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ ތިންވަަނަ ދުވަހުގެ ނިޔަލަށެވެ.
މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރޭ ކަމަށް ލަފާ ދެއްވާފައިވާކަމަށެވެ.
އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތް އިރު ރާއްޖޭގައިވެސް ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތްކަމަށް ވެސް ގަރާރުގައި ވެއެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިދިޔަ އަހަރުގެ މާޗް 12 އިން ފެށިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ގަރާރުގައި ވިދާޅުވެފައިވެއެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެފަހަރު މުއްދަތު އިތުރުކުރީ މިއަދުގެ ނިޔަލަށެވެ.
މި ގަރާރުގައި މިނިސްޓަރު ނަސީމް ވަނީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައެވެ.