މަސްދަރެއްގެ މައްސަލަ ބެލުމަކީ ކުރެވޭނެކަމެއްނޫން: އެމްޖޭއޭ

Loading

Facebook
Twitter
WhatsApp

ނޫސްވެރިޔަކު ބޭނުންކުރި މަސްދަރެއްގެ މައްސަލަ ބެލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނުދެކޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

އެމްޖޭއިން މިހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ”މިހާރު“ ނޫހުގައި ލިޔެފައިވާ ރިޕޯޓެއްގައި ހިމަނާފައިވާ މައުލޫމާތާ ގުޅިގެން އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ބަލާނެ ކަމަށް ބުނެފައިވާތީ އެކަމާ ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

”މިހާރު“ ނޫހުގައި ”ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފް އިން އެންގި!“ މި ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓުގައި މައުލޫމާތު ހިމަނާފައި ވަނީ ނަން ހާމަކުރަން ނޭދޭ މަސްދަރަކާ ހަވާލާދީ އެވެ.

ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދަކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް، ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެނޫން އެއްވެސް ފަރާތަކާ ހިއްސާކުރުމަކީ މަނާކަމެއް ކަމަށާއި، އަދި އެ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ކަމަށް ބުނެ 241 ކޮމިޓީ އިން ވަނީ މައްސަލަ ބަލަން ނިންމައިފަ އެވެ.

އެމްޖޭއޭ ނެރުނު ބަޔާނުގައި ބުނީ ކޮމިޓިއިން ބަލާނެ ކަމަށް ބުނެފައިވާ މައްސަލައިގެ ތެރޭގައި މީޑިއާއަކުން ހާމަކުރި މައުލޫމާތު ހިމެނޭތީ އެ ޖަމިއްޔާއިން އަންނަނީ އެކަން ހިނގާ ނުހިނގާ ގޮތް ބަލަމުން އަންނަ ކަމަށެވެ.

އަދި އެ މައްސަލައިގައި ”މިހާރު“ ނޫހާއި އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާގެ މައްސަލަ ހިމެނޭތޯ، ސާފުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްޖޭއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމިޓީ އިން މައްސަލަ ބަލާ ބެލުމުގައި، ”މިހާރު“ ނޫހާއި އެ ނޫހުގައި އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާގެ މައްސަލަ ނުވަތަ އެ މައުލޫމާތު ދިން މަސްދަރު ހޯދަން މަސައްކަތް ކޮށްފާނެތީ އެ ޖަމިއްޔާއިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

”މީޑިއާއެއް ނުވަތަ ނޫސްވެރިއެއް ނުވަތަ ނޫސްވެރިޔަކު ބޭނުންކުރި މަސްދަރެއްގެ މައްސަލަ މިގޮތަށް ބެލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ކަމަކަށް މި ޖަމިއްޔާއިން ގަބޫލެއް ނުކުރަމެވެ.“ އެމްޖޭއޭ އިން ބުންޏެވެ.

ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، ހަބަރާއި، މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަމާއި އަދި އެގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ސިއްރުކުރުމުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް އެމްޖޭއޭ އިން ވަނީ ގޮވާލައިފަ އެވެ.

ނޫސްތަކުގައި ލިޔާ ލިޔުންތަކަށް މައުލޫމާތު ދޭ މަސްދަރު ހާމަ ނުކުރުމުގެ އިހްތިޔާރު ގާނޫނު އަސާސީ އިން ނޫސްވެރިންނަށް ދީފައިވާކަން ފާހަގަކޮށް، އެޑިޓާޒް ގިލްޑުން ބުނީ އެ ރިޕޯޓް ލިޔުނު ނޫސްވެރިއާ އަދި އެ ނޫހުގެ މަސްދަރާ ސުވާލު ނުކޮށް އެ މައްސަލަ ބެލޭނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެހެންކަމުން 241 ކޮމެޓީ އިން އެ މައްސަލަ ބަލާނެ ގޮތަކާ މެދު އެޑިޓަރުން ވަނީ ސުވާލުއުފައްދައިފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް