ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގުގެ މައުލޫމާތު ރައީސް ނަޝީދާއި ހިއްސާކުރުމަށް އެމްޑީޕީން ފުލުހުންގެ އިދާރާގައި އެދިއްޖެ އެވެ.
ތަހުގީގުގެ މައުލޫމާތު ރައީސް ނަޝިދަށް ހިއްސާކުރުމަށް އެދިފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ސޮއިކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އިއްޔެ ފޮނުއްވި ސިޓީއެއްގައެވެ.
ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް ވިދާޅުވީ ފުލުހުން ހިންގާ ތަހުގީގުގެ މައުލޫމާތު ރައީސް ނަޝީދަށް ލިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާ ކަމަށެވެ. އެ މައުލޫމާތު ފޯރުކޮށްދެއްވަން ޖެހިވަޑައިގަންނަވާކަން ސީޕީވެސް ގަބޫލުކުރެއްވި ކަމަށްވެސްއޭނާވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދާނެކަމަށެވެ.
އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތާ ގުޅޭގޮތުން މަޖިލީހުން ފަށާފައިވާ ހާއްސަ ތަހުގީގު ފުރިހަމައަށް ކުރިއަށް ގެންދަވާނެ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.
ކާރުކޮޅުގެ ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެއް ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ. ހަމަލާއަށް ފަހު އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭގަ އެވެ. އެ ހޮސްޕިޓަލްގައި 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދުމަށްފަހު އިތުރު ފަރުވާއަށް މިމަހުގެ 13 ވަނަ ދުވަހު ވަނީ ޖަރުމަނަށް ގެންގޮސްފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރިއަށްދަ ތަހުގީގުގެ މައުލޫމާތު އެ މަނިކުފާނަށް އެރުވުމަށް އެމްޑީޕީން އެދިފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި ކޮންމެ 24 ގަޑިއިރަކުން އެއް ފަހަރު ތަހުގީގުގެ މައުލޫމާތު މަޖިލީހުގެ 241 ކޮމިޓީއާ ފުލުހުން ހިއްސާކުރާނެއެވެ.
One Response
ސޯ ނަޝީދު ނޯ ޓުރަސްޓް ރައީސް ސޯލިހު؟ ބުނެލަންވީނު އެހެންވެސް. ސޯލިހަކަށް ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެނޫންތޯއެވެ. ހުރިހާވެސް މީހަކީ ދެން ރނ.