ސަމާސާ ކުރުމަކީ ޢާންމުގޮތެއެްގައި ހުރިހާ ފަންތިއެއްގެ މީހުންގެ މެދުގައިވެސް އޮންނަ ކަމެކެވެ. ބޮޑެތި މީހުންގެ މެދުގަޔާއި ކުޑަކުދިންގެ މެދުގައެވެ. އެއީ ވަކި ދާއިރާއެއްގެ ތެރޭގައިނަމަ ހުއްދަކަމެކެވެ. ނޫންނަމަ މަނާކަމެކެވެ. ދީނުގެ ފަރާތުން މިކަމާއިމެދު ސަމާލުވުމަށް އަންގަވައި އިޝާރާތް ކުރައްވާފައިވާ ކަންތައް ތަކެއް ހުރެއެވެ. އެކަންތައްތަކަށް ސަމާލުވާން ޖެހެއެވެ.
ސަމާސާ ކުރުމުގައި ހައްދުފަހަނަ އަޅައި ދިއުމަކީ ގެއްލުން ހުރި ކަމެކެވެ. އެހެނީ ސަމާސާ ގިނަކޮށް ހައްދުން ބޭރުވުމަކީ މާތްﷲ އިންސާނާ ހެއްދެވި މަގުސަދާއި ދުރަށް ގެންދާ ކަމެއްކަމުގައި ވާތީއެވެ. އިންސާނާ އުފެއްދުމުގެ އަސްލު މަގުސަދަކީ މާތްﷲ އަށް އަޅުކަންކޮށް އެކަލާންގެ ހަނދުމަކޮށް ޒިކުރު ކުރުމެވެ. މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނު އަރިހުން ރިވާވެގެން ވެއެވެ. “ ގިނަގިނައިން ހޭ މީހާ ހައިބަތު ކުޑަވެއްޖެއެވެ. އަދި ސަމާސާ ކޮށްފި މީހާގެ ގަދަރު ކުޑަވެއްޖެއެވެ“. ވީމަ ހައްދުފަހަނާ އަޅާދާވަރަށް ސަމާސާ ކޮށްގެން ނުވާނެއެވެ.
ސަމާސާ ކުރާއިރު އެއްވެސް މީހަކަށް ދަތިވެ އުނދަގޫވާ ހިސާބަށް ސަމާސާ ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ސަމާސާ ކުރުމުގައި މީހަކަށް އުނދަގޫކޮށް މީހަކު ނިކަމެތިކޮށްލުމާއި އަނެކުން ދެރަވެ ހިތާމަކުރަންޖެހެ ބާވަތުގެ ސަމާސާ ކުރުމަކީ އިސްލާމީ އަދަބު ސަދަބާއި މުޅީން ޚިލާފު ޢަމަލެކެވެ.
ޢަބުދުއްރަޙުމާނު ބުނު އަބީލައިލާގެ އަރިހުން ރިވާވެގެންވާ ޙަދީސްފުޅެއްގެ މާނާގައިވެއެވެ. “ ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ އެއްޗެއް ކުޅިވަރުގެ ގޮތުގައި (ސަމާސާގެ ގޮތުން) އަދި ހަަމަ ގަސްދުގައިވެސް ބޭނުން ނުކުރާށެވެ. ނުގެންދާށެވެ. ފަހެ އޭނާގެ އަޚާގެ އަސާ ގެންދިޔަ މީހާވެސް އޭގެ ވެރިޔާއަށް ރައްދުކުރާ ހުށި ކަމެވެ“. (އަބޫ ދާވޫދު)
ކުޅިވަރު ގޮތުގައި، ސަމާސާގެ ގޮތުގައި މީހުންގެ އެއްޗެތި ނެގުމާއި، ފޮރުވުމަކީ އެ އެއްޗެތީގެ މިލްކުވެރިފަރާތަށް ނުތަނަވަސްކަން ލިބެނެ ކަމެކެވެ. މިފަދަ ކަންތައްތައް ހިމެނޭނީ މީހުނަށް އުނދަގޫ ކުރުން ކަމުގައެވެ.
ސަމާސާގޮތުން މީހުން ސިއްސުވާލައި ބިރުގެންނެވުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ޚާއްސަކޮށް ނިދާފައި އޮންނަ މީހަކު ސިއްސުވާލައި ބިރުގެންނެވުމަކީ އެއްގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ސަމާސާގެ ގޮތުގައި ދޮގު ހެދުމަކީވެސް ނުބައިކަމެކެވެ. ކީރިތި ރަސޫލާ ޙަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގާ ވެއެވެ. ވާހަކަ ދައްކާއިރު މީސްތަކުން ހެއްވުމަށްޓަކައި ދޮގު ހަދައިގެން ވާހަކަ ދައްކާ މީހާއަށް ޢަޒާބު ހުއްޓެވެ. އޭނާއަށް ޢަޒާބު ހުއްޓެވެ. އޭނާއަށް ޢަޒާބު ހުއްޓެވެ. (އަބޫ ދާވޫދު)
މިޙަދީސްފުޅަށް ވިސްނާލުމުން އެނގެނީ ސަމާސާއަށް ދޮގުހެދުމަކީވެސް ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫންކަމެވެ. ވީމާ ސަމާސާ ކުރުމުގައިވެެސް އަނެކާއަށް އުނދަގޫ ލިބޭކަހަލަ ކަންތައް ކުރުމާއި ދޮގުހެދުމަކީ އެއްގޮތަކަށްވެސް ރަނަގަޅުކަމެއް ނޫނެވެ.
އަހަރެމެންނަކީ ހެޔޮބަސް ބުނެ ހެޔޮ ބަސް އަޑުއަހާ ހޮޔޮގޮތަށް ޢަމަލުުރާ ބައެއްކަމުގައި ލަހައްޓަވާށެވެ. އާމީން!
One Response
Good. Let’s behave good and best.