ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މިރޭ އަނެއްކާވެސް އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ޒުވާބު ކުރައްވާ ”ކޮރަޕްޝަންގެ ބަހުސް“ އަނެއްކާވެސް ތިލަކުރައްވައިފިއެވެ.
މިރޭ ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒު ”ފޮރުވަން“ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ސަބަބުން އެމަނިކުފާނު ”ހަލާކުވާނެ“ ކަމަށެވެ.
ދެބޭފުޅުންގެ ޒުވާބު މިރޭ ފެށުނީ ފައްޔާޒް ފޮރުވަން ކުރާ މަސައްކަތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހަލާކު ވެދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުންނެވެ. އެ މެސެޖަށް ރައްދު ދެއްވާ ފައްޔާޒު ވިދާޅުވީ އޭނާ ފޮރުވަން ނުޖެހޭނެ ކަމަށާއި މިއީ ނޯތު ކޮރެއާ ނޫން ކަމަށެވެ. މިގައުމުގައި ހުދުމުހުތާރު އުސޫލުން ކަންކަމެއް ނުކުރެވޭނެ ކަމަށް ވެސް ފައްޔާޒު ނަޝީދަށް ނިސްބަތްކޮށް ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ”އަޅުގަނޑުމެން ލައިގެން ތިބެވޭނީ ވަކިވަރަކަށް“ ކަމަށެވެ.
ފައްޔާޒަށް ރައްދު ދެއްވާ ރައީސް ނަޝީދު ދެން ވިދާޅުވީ ތެދުވެވަޑައިގެން ހުންނެވީ އެމްޑީޕީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް ކަމަށާއި ފައްޔާޒުއާ ދެކޮޅަށް ތެދުވުމަށް ލަދުގަންނަ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ މިއީ އޭނާގެ ވެސް ޤައުމުކަމަށެވެ. ޤައުމުގެ ކަންކަމާއި ބަސް ވިދާޅުވާނެ ކަމަށާއި، އޭނާ ހުއްޓުވޭނެ އެހެން ބޭފުޅެއް ނުހުންނާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެ ވާހަކައަށް ރައްދުދެއްވައި ރައީސް ނަޝީދު ގުރޫޕްގައި ލިޔުއްވަފައިވަނީ ޤައުމަކީ ކާކު ޤައުމެއްކަން އޮޅިވަޑައިގެން ނޫޅުއްވާކަމަށެވެ.
ދެން ނަޝީދު ނެންގެވީ ފައްޔާޒުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ވާހަކައެވެ.
އެ ވާހަކަތަކާއި ގުޅިގެން ފައްޔާޒު ވަނީ އާންމުންނަށް އިވޭ ނުވަތަ ފެންނާނެހެން އެ ވާހަކަތައް ދެއްކެވުމަށް ރައީސް ނަޝީދަށް ދައުވަތު ދެއްވާފައެވެ. އެ ދައުވަތު ގަބޫލުކުރައްވާ ރައީސް ނަޝީދު ވަނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެކަން ކުރުން ރަނގަޅު ނޫންތޯ ސުވާލު ކުރައްވާފައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ޕީއެސްއެމް ހަމަޖެއްސެވުމަށް އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނު ވިދާޅުވީ މާދަމާވެސް އެ ކަމަށް ހުންނެވީ ތައްޔާރަށް ކަމަަށެވެ.
ފައްޔާޒުވެސް ވިދާޅުވީ ރައްޔިތުން ކުރިމަތީ އެ ވާހަކަ ދެއްކެވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް ފައްޔާޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އަމަލު ކުރައްވާ ގޮތަށް އަމަލު ކުރައްވައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދާއި ފައްޔާޒު ވަރަށް ގިނައިން ބަހުގެ ހަމަލާތައް ބަދަލު ކުރައްވައެވެ. ފައްޔާޒު ވަޒީރުކަމުން ދުރުކުރަން ވެސް ރައީސް ނަޝީދު މީގެ ކުރިން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތު ރައީސް ނަޝީދުގެ ކޮޅަށް ލިބިވަޑައިނުގަތުމުން އެމަސައްކަތް ވަނީ ހުއްޓިފައެވެ.