ޗައިނާއިން ދަނީ މުޅި ދުނިޔޭގައި އާދަޔާޚިލާފަށް ބާރުގަދަކުރަމުންނެވެ. އެގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުވެ ޢަސްކަރީގޮތުން ބާރުގަދަވެ ޓެކްނޮލޮޖީގެ ގޮތުން ހޯދާފައިވާ އާދަޔާ ޚިލާފު ކުރިއެރުމުގެ ސަބަބުން ޗައިނާ ވަނީ އެމެރިކާއަށް ބޮޑު ބިރަކަށްވެފައެވެ. ކުރިން އެމެރިކާއަށް ބިރަކަށްވެފައި އޮތީ ރަޝިޔާއެވެ. ނަމަވެސް މިހާރު ރަޝިޔާއަށްވުރެ ޗައިނާގެ ނުރައްކާ ބޮޑުކަމަށް އެމެރިކާއިން ދަނީ ފާޅުގައި ބުނަމުންނެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދާއި އެހެނިހެން ބައެއް ސަރަހައްދުތަކުގައި ޗައިނާގެ ބާރު ކަނޑުވާލުމުގެ ގޮތުން އެމެރިކާއިން އިސްނަގައިގެން ބާއްވާ މަޝްވަރާ ބައްދަލުވުމެއް މިއަދު އެބައޮތެވެ. ވާޗުއަލްކޮށް ބާއްވާ އެ ބައްދަލުވުމުގައި ބައިވެރިވަނީ އެމެރިކާގެ އިތުރަށް އިންޑިއާއާއި ޖަޕާނާއި އޮސްޓްރޭލިއާގެ ވެރިންނެވެ. މިއީ ޖޯބައިޑެން އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވިފަހުން ބާއްވަވާ އެންމެ ބޮޑު ބައްދަލުވުމެވެ.
ވައިޓް ހައުސްގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ސަރަހައްދީ މައްސަލަތަކުގެ އިތުރަށް ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ވަބާއާ ގުޅޭގޮތުން ވެސް މިއަދު މަޝްވަރާކުރެވޭނެއެވެ.
ޗައިނާގެ އާދަޔާޚިލާފު ކުރިއެރުމާއި ގައުމުތަކާ ބަދަހިކުރަމުންދާ ގުޅުމުގެ ސަބަބުން އެމެރިކާގެ ބާރާއި ނުފޫޒު ކެނޑި އެމެރިކާގެ ސިޔާސަތު ދުނިޔޭގައި ފެތުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެންވެ ޗައިނާގެ ސަބަބުން އިންޑިއާކަނޑުގެ ސަރަހައްދީ ގައުމަތަކަށް ނުރައްކަލޭ ބުނެ އެމެރިކާއިން ދަނީ ކޯލިޝަންތައް ހަދައި ޗައިނާގެ ބާރުތައް ކުޑަކުރަން މަސައްކަތް ކުރަމުންނެވެ.
ޚަބަރުލިބިފައިވާ ގޮތުގައި މިއަދުގެ ބައްދަލުވުމުގައި ބައިވެރިވާ ގައުމުތައް ގުޅިގެން ޢަސްކަރީ ތަމްރީނު ހެދުމާއި ޢަސްކަރީ މައުލޫމާތު ބަދުލު ކުރުމާބެހޭގޮތުން ވެސް މަޝްވަރާކޮށް ގޮތެއް ނިންމާނެއެވެ.
އިންޑިއާކަނޑުން ޗައިނާގެ ބާރު ކުޑަކުރަން އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި އެންމެ ކުރިއަށް ނެރެފައިވަނީ އިންޑިއާއެވެ.
One Response
ތިޔަހެން ވީމާ އިންޑިއާ ކަނޑު އެމީހުންގެ މިލްކެއްކަމަށް ހީނުވާނީ. ގެރި ބަކަރި ކަތިލާތީ ބޯގޮވާއިރު ކޭއެފްސީ މެކްޑޮނަލްޑް މީހުންނަކަށްވެސް އިންޑިއާގެ މުސީބާތުން ސަލާމަތް ވެވޭނީ ތިިހެންހެދީމާ . އަވަސް ކުރަންވީ.2023 ގެ ފަހުން މޯލްޑިވްސް ވެސް ތި ސައްލާގައި ބައިވެރިވާނީއެވެ. އޯކޭ ނު؟