އާއިލާގެ ހަތް މީހުން މަރާލި އަންހެނެއްކަމުގައިވާ ޝަބްނަމް ދަންޖައްސައި މަރާލަން އިންޑިއާއިން ނިންމައިފިއެވެ.
މިއީ އިނގިރޭސީންގެ އަޅުވެތިކަމުން އިންޑިއާއަށް 1947 ވަނަ އަހަރު މިނިވަންކަން ލިބުނުފަހުން އިންޑިއާގެ އަންހެނަކު ދަންޖައްސައި މަރަން ނިންމި ފުރަތަމަ ފަހަރެވެ.
ޝަބްނަމްގެ މައްޗަށް ވަނީ އޭނާގެ އާއިލާގެ ހަތް މީހުން މަރާލިކަމުގެ ކުށް ޝައްކެތް ނެތް މިންވަރަށް ސާބިތުވެފައެވެ.
ޝަބްނަމް އޭނާގެ އާއިލާގެ ހަތް މީހުން މަރާލީ 14 އޭޕްރީލް 2008 ގައެވެ. މަރާލި މީހުންގެ ތެރޭގައި ޝަބްނަމްގެ މަންމައާއި ބައްޕަގެ އިތުރަށް އެންމެ 10 މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ. އެމީހުން މަރާލާފައިވަނީ މެންދަމުގެ ވަގުތެއްގައި ތޫނުއެއްޗަކުން ހަމަލާދީގެންނެވެ.
ކޯޓުން މައްސަލަ ބެލުމަށް ފަހު ހުކުމް ކުރީ ޝަބްނަމް ދަންޖެއްސުމަށެވެ. އެ ހުކުމަށް ލުއި ހޯދަން ޝަބްނަމް މަތީ ކޯޓުތަކުގައި އެޕީލް ކުރިއެވެ. އަދި ސްޕްރީމްކޯޓުގެ ނިޔާއަށްފަހު އޭނާގެ ހުކުމަށް ލުޔެއް ލިބޭތޯ ރައީސަށް ވެސް ދެންނެވިއެވެ. ނަމަވެސް އޭނާގެ މައްޗަށް އޯގާތެރިވެ ހުކުމަށް ބަދަލެއް އަންނަގޮތެއް ނުވިއެވެ.
މިވަގުތު ރާމްޕޫރުގެ ޖަލެއްގައި ބަންދުކޮށްފައިވާ ޝަބްނަމް ދަންޖައްސައި މަރަން ހަމަޖައްސާފައިވަނީ މަތޫރާ ޖަލުގައެވެ.
މަތުރާ ޖަލުގައި އަންހެނުން ދަންޖައްސާނެ ތަނެއް ހެދީ މީގެ 150 އަހަރު ކުރިންނެވެ. ޝަބްނަމް ދަންޖައްސަން އެތަނަށް ބައެއް ބަދަލު ވަނީ ގެނެސްފައެވެ.
ރާމްޕޫރު ޑިސްޓްރިކްޓް ޖަލުގެ އިސްވެރިޔާ ބުނި ގޮތުގައި ޝަބްނަމް ދަންޖައްސައި މަރަން ކުރަން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ކޮށްނިންމާފައެވެ.
ތައުލީމީ ރޮނގުން މަތީ ފާސް ހޯދާފައިވާ ޝަބްނަމް، އޭނާގެ އާއިލާގެ މީހުން މަރާލީ އޭނާ ލިޔަންކިޔަން ނުދަންނަ މަސައްކަތު މީހަކާ ލޯބީގެ ގޮތުން ގުޅުމުން އާއިލާގެ މީހުން އެކަމަށް ހުރަސް އެޅުމުންނެވެ.
ޝަބްނަމް ދަންޖައްސާނެ ތާރީޚެއް އަދި ކަނޑައެއް ނޭޅެއެވެ. ނަމަވެސް އޭނާ ދަންޖައްސާނެކަމާމެދު ޝައްކެއްނެތެވެ.