ސައޫދީ އަރަބިއްޔާއިން ހޫތީންގެ މިސައިލްތަކާއި ޑްރޯންތައް ވައްޓާލައިފި

Loading

Facebook
Twitter
WhatsApp

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ތިން ޑްރޯނާއި ދެ ބެލިސްޓިކް މިސައިލް ސައޫދީ އަރަބިއްޔާއިން ވައްޓާލައިފިއެވެ. މި ހާދިސާއާ ގުޅިގެން ސަރަޙައްދީ ސަލާމަތާ މެދު ކަންބޮޑުވުން އުފެދިފައިވާއިރު، ކުރިމަތިވެދާނެ ނުރައްކަލަކަށް ސަމާލުވުމަށް ބަޙްރައިނުން ވެސް ވަނީ އިންޒާރު ނެރެފައެވެ.

ހޮނިހިރު ދުވަހު ތިން ގަޑިއިރުގެ ތެރޭގައި އެ ޤައުމުގެ އިރުމަތީ ސަރަޙައްދުގެ ވައިގެ ތެރެއިން ތިން ޑްރޯން، އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުން ނައްތާލާފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ބުންޏެވެ. ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލްމާލިކީ މި ހަމަލާތައް ހުއްޓުވިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، މިއީ ސައުދީގެ ސަރަޙައްދުތަކަށް އަމާޒުކޮށް ސިލްސިލާކޮށް ދެމުންދާ ހަމަލާތަކުގެ ބައެއް ކަމަށެވެ.

މީގެ އިތުރުން ވެރިރަށް ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވެސް ހުއްޓުވައި ނައްތާލާފައިވާ ކަމަށް ސައޫދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ސައޫދީ ސިވިލް ޑިފެންސުން ފުރަތަމަ ރިޔާޟަށް ކުއްލި ނުރައްކަލުގެ އިންޒާރެއް ނެރުނު ނަމަވެސް، ފަހުން ވަނީ ނުރައްކާ ފިލައިގޮސްފައިވާ ކަމަށް ކަށަވަރުކޮށްދީފައެވެ. އަދި ސަލާމަތީ އިރުޝާދުތަކަށް ތަބާވުމަށާއި، މިފަދަ ވަގުތުތަކުގައި އެއްވެ ނޫޅުމަށާއި ވީޑިއޯ ނުނެގުމަށް ރައްޔިތުންނަށް އިލްތިމާސްކުރިއެވެ.

މި ދަނޑިވަޅުގައި، ބަޙްރައިންގެ ދާޚިލީ ވުޒާރާއިން ވެސް ވަނީ ކުރިމަތިވެދާނެ ނުރައްކަލަކާ ގުޅޭގޮތުން ވަކި އިންޒާރެއް ނެރެފައެވެ. އަދި ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ ފަރާތްތަކުން ހަމަޖެހިގެން ތިބުމަށާއި، އެންމެ ކައިރީގައިވާ ރައްކާތެރި ތަނަކަށް ދިއުމަށާއި، ރަސްމީ ވަސީލަތްތަކުން ޚަބަރުތައް ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ.

މި ހާދިސާތައް ހިނގާފައި މިވަނީ ހޫތީންނާއި ސައުދީ އިސްވެ އޮންނަ ކޯލިޝަނާ ދެމެދު ހަމަލާތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ޔަމަނުގެ އަލްޖައުފް ސަރަޙައްދުގެ ވައިގެ ތެރެއިން ސައޫދީގެ ޖާސޫސީ މަތިންދާބޯޓެއް ވައްޓާލާފައިވާ ކަމަށް ވެސް ހޫތީން ވަނީ ދަޢުވާކޮށްފައެވެ. ނަމަވެސް މި ދަޢުވާ މިނިވަން ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް