ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، މި އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް ފަލަސްތީނުގެ މަދުވެގެން 1،600 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނެފިއެވެ.
އާދީއްތަ ދުވަހު ލިބުނު ރިޕޯޓްތައް ބުނާ ގޮތުގައި، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދަށް އިސްރާއީލުން ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާއެއްގައި ފަލަސްތީނުގެ މަދުވެގެން އެކަކު ޝަހީދުވެ، އިތުރު ދެ މީހަކު ވަނީ ޒަޚަމްވެފައެވެ.
އެންމެ ފަހުން މި ދިން ހަމަލާ ދީފައި މިވަނީ، ބުރާސްފަތި ދުވަހު އިސްރާއީލުން ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ދިން ހަމަލާއެއްގައި، ކުޑަކުއްޖަކާއި ސާޖަނަކު ހިމެނޭހެން ހަ މީހުން ޝަހީދުކޮށްލާފައި ވަނިކޮށެވެ.
އިސްރާއީލު ސިފައިން ބުނެފައިވަނީ އެ ހަމަލާ އަމާޒުކުރީ ޙަމާސްގެ ޚާން ޔޫނިސް ބްރިގޭޑްގެ ކޮމާންޑަރު މުޙައްމަދު އަބޫ އިސްމާއީލަށާއި، އެ ހޮސްޕިޓަލްގެ ތެރޭގައި ތިބި ކަމަށް ބުނާ އެ ޖަމާއަތުގެ އެހެން މެންބަރުންނަށް ކަމަށެވެ.
ޙަމާސްއިން ވަނީ އެ ހަމަލާ ކުށްވެރިކޮށް، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ބުނެފައެވެ. އަދި ރައްކާތެރިކަން ލިބިފައިވާ އާންމުންގެ ސިއްހީ މަރުކަޒުތަކަށް ހަމަލާދިނުން ދިފާއުކުރުމަށްޓަކައި، އެ ޖަމާއަތުގެ މެންބަރުންނަށް އަމާޒުކުރާ ކަމަށް ބުނެ އިސްރާއީލުން ބަހަނާތައް ދައްކާ ކަމަށްވެސް ޙަމާސްއިން ތުހުމަތުކުރިއެވެ.
މީގެއިތުރުން، މެދުވެރިންނާއި އެމެރިކާގެ ސަރުކާރުން މިކަމުގެ ތެރެއަށް ވަދެ، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރާކަން ކަށަވަރުކޮށްދިނުމަށްވެސް އެ ޖަމާއަތުން ވަނީ ގޮވާލާފައެވެ.
ވަކިން ޙަމާސްއިން ވަނީ އެ ޖަމާއަތުގެ ރަފަޙް ބްރިގޭޑްގެ ކޮމާންޑަރު، އަބޫ މަޙްމޫދުގެ ނަމުންވެސް މަޝްހޫރުވެފައިވާ ސަމީރު އަބޫ ޔޫނިސް ޝަހީދުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އޭނާއަކީ ސެޕްޓެމްބަރު މަހު ޝަހީދުކޮށްލެވުނު ނާއިލް އަބޫ އުބައިދާގެ ބަދަލުގައި އެ މަޤާމަށް އައްޔަންކުރެވުނު ފަރާތެވެ.
ހުއްޓުމެއްނެތި ދެމުންދާ މި ހަމަލާތަކުގެ ސަބަބުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ނަތީޖާއާމެދުގައާއި ޣައްޒާގެ އާންމު ރައްޔިތުންގެ ރައްކާތެރިކަމާމެދު އިތުރަށް ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.
![]()
