ތަކުރާރުކޮށް މިސްކިތުގެ ޙުރުމަތް ކަނޑާ މީހަކު އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފި

Loading

November 12, 2026
profile
Facebook
Twitter
WhatsApp

މިސްކިތުގެ ޙުރުމަތް ކެނޑުމުގެ މައްސަލާގައި އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ މީހަކު އަނެއްކާވެސް އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ގ. މާލެހިޔާ، 2 02-13، ނައުޝާދު (32އ) މިފަހަރު ހައްޔަރުކުރީ، ފުރުޤާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ ޖިންސީ ޢަމަލެއް ހިންގި މައްސަލައެއްގައެވެ.

އޭނާއަކީ މިސްކިތްތަކަށް ގެއްލުންދިނުމާއި މިސްކިތުގެ ޙުރުމަތް ކެނޑުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

މިގޮތުން މީގެ ކުރިން އޭނާ ވަނީ ފުރުޤާން މިސްކިތަށް ބޮޑުކަމުދިއުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އަދި ހަމަ އެ މިސްކިތުގައި ހުރި ޚަތިމުތަކެއް އުކާލައި، މިސްކިތަށް ގެއްލުންދީ، އަދި ކަރަންޓު ބޯޑުތަކެއް ހަލާކުކޮށްލި މައްސަލައެއްގައިވެސް އޭނާ މީގެ ކުރިން ހައްޔަރުކުރިއެވެ. އަދި މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައިވެސް އޭނާ ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ.

މިސްކިތުގެ ތެރޭގައި ބަރަހަނާވެ މިސްކިތަށް ބޮޑުކަމުދިޔަ މައްސަލާގައި މިދިޔަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު އޭނާ ހައްޔަރުކުރިއެވެ. އޭރު އޭނާގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވެ ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން ބުނީ މިސްކިތަށް ގެއްލުންދިން މައްސަލާގައި ނައުޝާދުގެ މައްޗަށް ކުށް ސާބިތުވެ، 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ނޮވެމްބަރު 1 ވަނަ ދުވަހު ކަމަށެވެ.

ނަމަވެސް އެ މައްސަލާގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން، ބަންދުގައި 1 މަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަކޮށްފައިވާތީ، އެ މުއްދަތު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތްކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭނާ ދޫކޮށްލުމާއެކު ކުރު ސޯޓެއް ލައިގެން މިސްކިތުގައި ނިދާފައި އޮތް ފޮޓޯއެއްވެސް ވަނީ މި މަހުގެ ކުރީކޮޅު ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް