ޣައްޒާގެ ހަނގުރާމައަކީ ’ތިމާވެށީގެ ގަތުލުއާންމެއް‘ ކަމަށް އުރުދުޣާން ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަކީ ނަސްލު ނައްތާލުމުގެ އިތުރުން ތިމާވެށީގެ ގަތުލުއާންމެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ސިފަކުރައްވައިފިއެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ފަނާކުރުވަނިވި ގެއްލުންތައް ބަލައިގަތުމަށާއި، ފަލަސްތީނުގެ ސަރަހައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް އެމަނިކުފާނު ގޮވާލެއްވިއެވެ.


ބުދަ ދުވަހު ތުރުކީގެ އަންތާލިޔާގައި ބޭއްވުނު އދ. ގެ މޫސުމީ ސަމިޓް، ކޮޕް31 ގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވަނީ ދަނޑުވެރިކަންކުރާ ބިންތައް ހަލާކުވުމާއި، ފެނާއި ފަސް ތަޣައްޔަރުވުމާއި، ޣައްޒާގެ އުމްރާނީ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެތައް ގަރުނެއް ވީ ޒައިތޫނި ގަސްތައް ނައްތާލުމުގެ އިތުރުން، ރަށްތައް ވަނީ ސުންނާފަތިވެފައެވެ. އަދި ފަހަކަށް އައިސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ގެދޮރު ގެއްލިފައިވާ ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދިޔަ އެތައް ހާސް ފޭލިގެތަކަކާއި ވަގުތީ ހިޔާތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ އުރުދުޣާންގެ ވާހަކަފުޅުތައް ދޮގުކޮށް، އެ ވާހަކަތައް ބަލައިނުގަންނަކަމަށް ބުނެފައެވެ. އަދި އިސްރާއީލާ ދެކޮޅު ޕްރޮޕެގެންޑާއާއި ދޮގުތައް ފެތުރުމަށް އެމަނިކުފާނު މި ބައިނަލްއަގުވާމީ ޕްލެޓްފޯމް ބޭނުންކުރެއްވި ކަމަށް ތުހުމަތުކުރިއެވެ. މީގެ އިތުރުން މި ހަލާކުތަކުގެ ޒިންމާ ހަމާސްގެ ބޮލުގައި އަޅުވައި، އަލުން އާރާސްތުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހަމާސްއިން ހަތިޔާރު ބެހެއްޓުމަށްވެސް ވަނީ ގޮވާލާފައެވެ.
ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، 7 އޮކްޓޫބަރު 2023 ގެ ހަމަލާތަކަށްފަހު އިސްރާއީލުން ފެށި އަސްކަރީ ހަރަކާތްތަކުގައި މިހާތަނަށް 74،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.
އދ. ގެ އެންވަޔަރަންމަންޓް ޕްރޮގްރާމްގެ 2025 ވަނަ އަހަރުގެ ރިޕޯޓަކުން ދައްކާ ގޮތުގައި ޣައްޒާގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ އަހަރުގެ މެއި މަހާއި ހަމައަށް މޭވާ އަޅާ ގަސްތަކުގެ 97 އިންސައްތައަށް ވުރެ ބޮޑު ބަޔަކަށް ވަނީ އަސަރުކޮށްފައެވެ.
ތިމާވެށީގެ މާހިރުން އިންޒާރު ދެއްވާ ގޮތުގައި ތަޣައްޔަރުވެފައިވާ ފެނާއި، ހަލާކުވެފައިވާ ދިރުންތަކުގެ ނިޒާމުތަކާއި، ގެއްލުން ލިބިފައިވާ އުމްރާނީ ވަސީލަތްތަކުގެ ސަބަބުން އަންނަން އޮތް އެތައް ޖީލަކަށް ފަލަސްތީނުގެ ރައްޔިތުންގެ ސިއްހަތަށާއި ދިރުޅުމަށް ނުރައްކާ ކުރިމަތިވެދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް