ސައްދާމް ހުސައިނަކީ އިސްލާމީ ދުނިޔެއަށް ވަފާތެރިއެއް ނުވަތަ ޣައްދާރެއްތަ !

Loading

Facebook
Twitter
WhatsApp

ސައްދާމް ހުސޭންގެ ފަހުދުވަސް
2003 ވަނައަހަރު ޑިސެމްބަރ މަހު ސައްދާމް ހުސައިން އަތުލެވިއްޖެކަން އެމެރިކާއިން އިއުލާންކޮށްފިއެވެ. އެތައް ކިއްލާއަކާއި ގަނޑުވަރެއްގެ މާލިކު ސައްދާމް ހުސައިން ހޯދާފައިވަނީ އެއްވެސް ގަނޑުވަރެއް ނުވަތަ ކިއްލާއެއްގެ ތެރޭގައި ފިލާއޮއްވައެއް ނޫނެވެ. އެ މަނިކުފާނު އުފަންވެ ވަޑައިގެންނެވި ތިކްރީތުގެ އަވަށެއްގެ ތެރެއިންނެވެ.
ސައްދާމް ހުސައިން ހޯދުމުގެ މަސައްކަތުގައި ސީ އައި އޭ ގެ ވަރަށް ޚާއްސަ އޭޖެންޓަކުގެ ބޭނުންކުރެވުނެވެ. އޭނާ ވަނީ ސައްދާމް ހުސައިން އެންމެ ތުއްޕު އިރުއްސުރެން އެމަނިކުފާނު އަތުލައިގަނެވުނު ދުވަހާ ހަމަޔަށް އެމަނިކުފާނުގެ ހުރިހާ ހަރަކާތަކަށް ފާރަލައި ފުރިހަމައަށް މައުލޫމާތު ހޯދާފައެވެ.

އެ މަނިކުފާނު ހޯދުމުގެ މަސައްކަތުގައި އެމަނިކުފާނަށް އެންމެ ބޮޑެތި ވަފާތެރިން ކަމުގައި ބެލެވުނު މީހުންވެސް އެމެރިކާގެ މިލިޓްރީ ތަހްގީގުގެ ކުރިމައްޗަށް ގެނެވުނެވެ. ތަހްގީގަށް ލިބުނު މައުލޫމާތުތަކުގައި ތިކްރީތުގެ 2 ފާމްހައުސް ފާހަގަކުރެވުނެވެ. އޮޕަރޭޝަން ރެޑް ޑޯންގެ ހަރަކާތްތައް ހިންގުމަށް އެ ސަރަހައްދުން ކަރަންޓް ކަނޑާލުމަށްފަހު ސްޕެޝަލް ފޯސްގެ ހެލިކޮޕްޓަރތައް ފާމްހައުސްތަކުގެ މަތީގައި ޖެއްސިއެވެ. އެއަށްފަހު އޮފިސަރުން ފާމްހައުސްތައް ބަލާ ފާސްކުރަން ފެށިއެވެ. ދޮރުތަކާ ފާރުތައް ތަޅާ ސުންނާފަތި ކުރަމުން ސައްދާމް ހުސައިން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އެކަމަކު އެއިން އެއްވެސް އިމާރާތަކުން ސައްދާމް ހުސައިން ނުވަތަ އެހެން އިންސާނަކުވެސް ފެންނަގޮތެއް ނުވިއެވެ. ކުއްލިއަކަށް ތަންކޮޅެއް ދުރުގައި ހުރި ވީރާނަ ޖިފުޓި ގަނޑެއްގައި ކޮންމެވެސް ހަރަކާތެއް ހިނގަމުންދިޔަ މަންޒަރު އޭގެތެރެއިން އޮފިސަރެއްގެ ނައިޓް ވިޝަން ގޮގްލްސްގައި އަޅާގަތެވެ. އަދި 2 މީހަކު އެތަނުން ނިކުމެގެންދިޔަކަން ފާހަގަ ކުރެވުނެވެ. ހަމަވަގުތުން އެ މަންޒަރު އޮފިސަރުންގެ މައުލޫމާތަށް ޓަކައި އޭނާ ހާމަކުރިއެވެ. އަދި ފާމް ހައުސްތައް ބަލާ ފާސްކުރުން ދޫކޮށްލުމަށްފަހު ވީރާނަ ޖިފުޓިތަކަށް އަމާޒު ކުރިއެވެ. އަދި އެ 2 ޖިފުޓިން ނިކުތް 2 އޮފިސަރުން އަތުލައިގަތެވެ. އެ 2 އޮފިސަރުންނަކީ ސައްދާމް ހުސައިންގެ ޚާއްސަ ކައްކާމީހާއާއި އަދި ޚާދިމެވެ. އެ ތަނުންވެސް ސައްދާމް ހުސައިން ފެންނަގޮތެއް ނުވިއެވެ. އެ 2 އޮފިސރުންގެ ތަޙްގީގު ހަމަ ވަގުތުން އެތަނުގައި ފަށައިގަނެވުނުތަން ފެނިގެންދިޔައެވެ. އެއިން އެއްވެސް އޮފިސަރަކު ވާހަކަ ދައްކަން ބޭނުމެއް ނުވިއެވެ. ދެން ފެނިގެންދިޔައީ ތަހްގީގު ޓީމުން ކޮންމެވެސް ބަޔަކަށް ފޯނުންވާހަކަ ދެއްކުމެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އެމެރިކާ މިލިޓްރީ ހެލިކޮޕްޓަރެއްގައި ފަހަތަށް ބިޑިއަޅާފައިހުރި މީހަކު ތަހްގީގު ހިނގަމުންދިޔަ ތަނަށް ގެނެވުނެވެ. އެމީހާއަށް އިންތިޒާރު ކުރަމުން ދިޔަކަހަލައެވެ.
ތަހްގީގު ޓީމުން އެމީހާއާއި ސުވާލުކުރަމުން ގެންދިޔައެވެ. ސައްދާމް ހުސައިން ކޮބާހެއްޔެވެ ؟ އެ ސުވާލުގެ ޖަވާބުގައި ބިންމަތީގައި ހުރި ފާހަގައަކަށް އޭނާ އިޝާރާތްކުރިއެވެ. އެ ތަނުގެ ވެލިތައް ކަހާލުމުން ސްޕައިޑަރ ހޯލް ކިޔާ ވައްތަރުގެ ފުން ވަޅުގަނޑެއްގައި މަތި އަޅާފައި ހުއްޓާ ފެނުނެވެ. އެ ވަގުތު ވަޅުގަނޑުގެ ތެރެއިން އަހަރެންނަކީ އިރާގުގެ ރައީސް ސައްދާމް ހުސައިން އޭ ބުނާ އަޑު އިވުނެވެ. އެ ސްޕައިޑަރ ހޯލުން ސައްދާމް ހުސައިން ބޭރަށް ނެރެ ބިންމައްޗަށް ވައްޓާލިއެވެ. އޭރުވެސް އެމަނިކުފާނުގެ މޫނުފުޅުމަތިންގޮތް ދޫނުކުރުމުގެ ސިފަތައް ހާމަވެއެވެ.
ސްޕައިޑަރ ހޯލުން ނެރުމަށްފަހު ސައްދާމް ހުސައިންގެ ފޮޓޯ މުޅިދުނިޔެއަށް އާންމު ކުރެވިގެންދިޔައެވެ. އެއަށްފަހު ޖަލަށް ލެވި ޝަރީއަތް ހިނގުނެވެ. ޝަރީއަތް ހިނގަމުންދިޔައިރު ގައުމީ ޓީ ވީ އިން ވަގުތުން ދުރަށް ދައްކަމުން ގެންދިޔައެވެ. ސައްދާމް ހުސައިންގެ ގޮތް ދޫނުކުރުމުގައި އެ މަނިކުފާނަކީ މިހާރުވެސް އިރާގުގެ ރައީސް ކަމަށް ވިދާޅުވެ ސަރުކާރުގެ ވަކީލުންނަށް މަލާމާތް ކުރައްވަމުންގެންދެވިއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް ޝަރުއީ ހުކުމް އޭރު އޮތީ ލިޔެ ނިމިފައެވެ.
ދާދިފަހަކާ ޖެހެންދެން އިސްރާއީލު ފިޔަވައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އެންމެ ގާތް ބައިވެރިޔާ ސައްދާމް ހުސައިން އެމެރިކާގެ ބާރުގައި 2006 ޑިސެމްބަރ 30 ވަނަދުވަހު ހުކުމް ތަންފީޒުކުރުމަށްޓަކައި ދަންޖައްސާ ކޮޓަރިއަށް ގެންދެވުނެވެ. އެމަނިކުފާނުގެ އެންމެ ފަހުގެ އެދުމަކީ ކޮބައިޓޯ ސުވާލުކުރުމުން ޝަހާދަތުގެ ދެ ކަލިމަ ވިދާޅުވި ކަމަށްވެއެވެ. ގަދަފަދަ ކަމާއެކު އިރާގުގައި ފަންސަވީހަކަށް އަހަރު ވާންދެން ވެރިކަން ކުރުމަށްފަހު ނިމިގެން ދިޔައީއެވެ. ފަނާކުރަނިވި ހަތިޔާރުގެ އިލްޒާމް ދިޔަތަނަކަށްގޮސް ގެއްލުނީއެވެ. 11 ސެޕްޓެމްބަރ ގައި ވޯލްޑް ޓްރޭޑް ސެންޓަރގެ 2 އިމާރާތް ގޮއްވާލުމުގައި އިރާގުގެ ބައިވެރިވުން އޮތްކަން ވިއަދާހަމައަށްވެސް ސާބިތު ކުރެވިފައެއެ ނެތެވެ.
އިރާގު ބަރުބާދު ކޮށްލެވިގެން ދިޔައީ ކޮން ސަބަބަކާހުރެ ހެއްޔެވެ ؟ އިރާގުގެ ތެލަށް ވެރިވެ ގަތުމަށް ހެއްޔެވެ ނުވަތަ މެދުއިރުމަތީގައި އިސްރާއީލުން ބޭނުންވާ އިމެއްނެތް ބާރު ދެމެހެއްޓުމަށް މަގު އަމާންކޮށް ދިނުން ހެއްޔެވެ ؟ މި ސުވާލުގެ ޖަވާބު ދޭން ތިބީ ކިއުންތެރިންނެވެ.
ހަނދާނަށް އަންނަނީ ޕްރޮފެސަރ ޖެފްރީ ޝާސްގެ ބަސްފުޅެކެވެ. އެމެރިކާއާއި ދެކޮޅުވެރިވުމަކީ ނުރައްކާތެރި ކަމެކެވެ. އެމެރިކާގެ ރަޙްމަތްތެރި ބައިވެރިއަކަށްވުމަކީ އެއިން ސަލާމަތް ނުވެވޭނެ ނާމާން ބިރުވެރި ހާލަތެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް