ހޫތީން ފޮނުވާލި ތިން މިސައިލެއް ސައުދީއިން ވައްޓާލައިފި!

Loading

Facebook
Twitter
WhatsApp

ސައޫދީ އަރަބިއްޔާގެ ސަރަހައްދަށް އަމާޒުކޮށް އަލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލް ހިމެނޭހެން، އެ ގައުމަށް އަމާޒުކުރި ތިން މިސައިލެއް ސައޫދީން ވައްޓާލައިފިއެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރާ ސައޫދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަނުން އަންގާރަ ދުވަހު ބުނީ، އެ ކޯލިޝަންގެ ފައުޖުތަކުން ރިޔާޟުގެ ވައިގެ ސަރަހައްދުން ބެލިސްޓިކް މިސައިލަކާއި ކްރޫޒް މިސައިލެއް ވައްޓާލާފައިވާ ކަމަށެވެ. މީގެ އިތުރުން އެ ގައުމުގެ ދެކުނު ސަރަހައްދަށް އަމާޒުކުރި އެހެން ބެލިސްޓިކް މިސައިލެއް ވެސް ވަނީ ވައްޓާލާފައެވެ.

ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލްމާލިކީ ވަނީ މި ހަމަލާތަކުގެ ޒިންމާ އީރާނުގެ މަދަދު ލިބޭ ހޫތީންގެ ބޮލުގައި އަޅުވާފައެވެ. ރިޔާޟުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާއިރު، ވައިގެ މަގުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުދީ، ރައްކާތެރި ތަންތަނަށް ވަނުމަށް އަންގާ ކުއްލި މެސެޖުތަކެއް އެ ސިޓީގެ ރައްޔިތުންނަށް ވަނީ ލިބިފައެވެ. ކަމާބެހޭ ފަރާތްތަކުން ފަހުން ކަށަވަރުކޮށްދިން ގޮތުގައި އެ ނުރައްކާ މިހާރު ވަނީ ފިލައިގެން ގޮސްފައެވެ.

މި ހަމަލާތައް ދީފައި މިވަނީ މަދީނާ ސަރަހައްދުގައި އޮންނަ ސައޫދީގެ ސްޓްރެޓީޖިކް އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސައޫދީ އަރަބިއްޔާއިން ރިޕޯޓްކުރިތާ އެއް ދުވަސް ފަހުންނެވެ. މި ހަމަލާގެ ސަބަބުން ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް، ވަރަށް އަވަހަށް އަލިފާން ވަނީ ނިއްވާލާފައެވެ. އަދި ތެޔޮ ހޮޅީގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް އަރާފައެއް ނުވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވި ކަމަކަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އެމެރިކާ-އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް އެޅި ހުރަސްތަކާ ގުޅިގެން، ސައޫދީގެ ތެޔޮ ބޭރުކުރުމުގައި މި ހޮޅިއަކީ ވަރަށް މުހިންމު ވަސީލަތަކަށް ވަނީ ވެފައެވެ.

ޔަމަނުގައި ހަނގުރާމަ ކުރިއަށްދާއިރު، ހޫތީން ދަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސައޫދީގެ ތެލުގެ އުމްރާނީ ވަސީލަތްތަކަށް ތަކުރާރުކޮށް ހަމަލާ ދެމުންނެވެ. އަންގާރަ ދުވަހުގެ މިސައިލް ހަމަލާތަކާ ގުޅޭގޮތުން އެ ޖަމާއަތުން ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް