އީރާނަށް އެތެރެވާ މަގުތައް ބަންދުކުރުމަށް އެމެރިކާއިން ޓާސްކް ފޯހެއް އެކުލަވާލައިފި

Loading

Facebook
Twitter
WhatsApp

އީރާނަށް އެތެރެވާ އެއްގަމު ދަތުރުފަތުރުގެ މަގުތައް ހުއްޓުވައި، ހަތިޔާރާއި މަނާކުރެވިފައިވާ އެހެނިހެން ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި 20 މެންބަރުންގެ މައްޗަށް އެކުލެވޭ ޓާސްކް ފޯހެއް އުފެއްދުމަށް ނިންމާފައިވާކަން އެމެރިކާއިން އިޢުލާނުކޮށްފިއެވެ.

މަދަނީ އަދި އަސްކަރީ އޮފިޝަލުން ހިމެނޭ މި ޓާސްކް ފޯސް ގާއިމުކުރެވިފައި ހުންނާނީ ފްލޮރިޑާގައެވެ. މި ޓާސްކް ފޯހުން އެމެރިކާ ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނީ ޒަމާނީ ހަތިޔާރުގެ ނިޒާމުތަކާއި، ދެގޮތަށް ބޭނުންކުރެވޭ ޓެކްނޮލޮޖީތަކާއި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަކެއްޗާއި، ޣައިރުޤާނޫނީ ފައިސާ އީރާނުގެ އެއްގަމު ސަރަޙައްދީ ރޮނގުތަކާއި ކެސްޕިއަން ކަނޑު ހުރަސްކޮށް ދައުރުވުން ހުއްޓުވުމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ ބްރެޑް ކޫޕަރ ވިދާޅުވީ، މިއީ ޓެރަރިޒަމަށް ޚަރަދުކުރުމަށާއި، ހަތިޔާރު އުފައްދާ ކާރުޚާނާތައް އަލުން ބިނާކުރުމަށާއި، އަދި އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް އީރާނުން ކުރާ މަސައްކަތްތައް އިތުރަށް ހަނިކޮށްދޭނެ ފިޔަވަޅެއް ކަމަށެވެ.

މި ފިޔަވަޅަކީ ދެ ޤައުމުގެ ދެމެދުގައި މިހާރު ހިނގަމުންދާ އަށް މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، އީރާނުގެ ބަނދަރުތަކަށް އަމާޒުކޮށް އެމެރިކާއިން އަޅާފައިވާ ކަނޑުމަގުގެ ހުރަސްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. އެމެރިކާއިން ބުނި ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން މިހާތަނަށް އީރާނުގެ ގާތްގަނޑަކަށް 25 ބިލިއަން އެމެރިކާ ޑޮލަރުގެ ސާފުނުކުރާ ތެލުގެ އެކްސްޕޯޓް ވަނީ ހުއްޓުވިފައެވެ.

މި ހުރަސްތައް އަޅަން ފަށާފައިވަނީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރާ މުހިންމު ކަނޑުއޮޅި ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުން ހަނިކުރުމަށް އީރާނުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ.

މި ކަމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރައި، މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ އިޤްތިޞާދީ ނޭދެވޭ އަސަރުތަކާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މި އައު ޓާސްކް ފޯހުގެ ސަބަބުން، އީރާނަށް އަސްކަރީ ސާމާނާއި މާލީ ވަސީލަތްތައް ލިބުން ހުއްޓުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް