ނޮވެމްބަރު ތިނެއްގައި ދުޝްމަނުން އުޅޭނޫޅޭ ގޮތް ބަލައި ފާރަލުމަށް ސިފައިންގެއިން ބޭރަށް (ރެކީ ޕެޓްރޯލަށް) ނުކުންނެވި ސިފައިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅަކަށް ރޭ ޝަރަފުގެ އައްޑަނަ ދެއްވައިފިއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ޖަލްސާގައި އެ ބޭފުޅުންނަށް ޝަރަފުގެ އައްޑަނަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒެވެ.
ރޭ ބޭއްވި ޖަލްސާގައި ޝަރަފުގެ އައްޑަނަ ދެއްވާފައިވަނީ ރެކީ ޕެޓްރޯލަށް ނުކުތް ނުވަ ސިފައިންގެ ތެރެއިން ދުނިޔޭގައި ތިއްބެވި، އަދި މިހާތަނަށް ޝަރަފުގެ އައްޑަނަ ނުދެއްވައި ތިއްބެވި ފަސް ބޭފުުންނަށެވެ.
ރެކީ ޕެޓްރޯލަށް ނުކުންނެވި ނުވަ ސިފައިންގެ ތެރެއިން ދުޝްމަނުންގެ ހަމަލާތަކުގައި ޝަހީދުވި ބޭފުޅުންގެ ހަނދާނަށް މީގެ ކުރިން ވަނީ ޝަރަފުގެ އައްޑަނަ ދެއްވާފައެވެ. އަދި އެ ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވި، މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލަށް ވަނީ 2024 ވަނަ އަހަރު ”ނިޝާން އަސްކަރީ“ގެ ޢިއްޒަތް ދެއްވާފައެވެ.
ޝަރަފުގެ އައްޑަނަ ރޭ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:
- ސަރޖަންޓް ފަސްޓްކްލާސް ރިޓަޔަރޑް އިބްރާހީމް ޝަރީފް، ހ. އޮނުތޫރިގެ
- ސްޓާފް ސަރޖަންޓް ރިޓަޔަރޑް ޙުސައިން ޢަލީ (ފުއްކަފަ ދޮންތުއްތު)، ހ. ނަރިދޫގެ
- ސަރޖަންޓް ރިޓަޔަރޑް ޙުސައިން މަނިކު، ގދ.ފަރެސްމާތޮޑާ، މުޝްތަރީގެ
- ކޯޕްރަލް ރިޓަޔަރޑް ޢަބްދުﷲ ނަސީމް، ގދ.ތިނަދޫ، އަނބުމާގެ
- ލާންސްކޯޕްރަލް ރިޓަޔަރޑްް ޢަބްދުﷲ މުފީދު، ށ.ޅައިމަގު، އަސްކަރީ
ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ނޮވެންބަރު 3ވަނަ ދުވަހު، ދިވެހިންގެ ބަޔަކު ލަންކާގެ ޕްލޮޓް ޖަމާޢަތުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ދިން ހަމަލަ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރުމަށެވެ. މިގޮތުން މި އަހަރު ފާހަގަކޮށްފައިވަނީ 38ވަނަ ނަސްރުގެ ދުވަހެވެ.
![]()
