( ދެވަނަ ބައި )
7 އޮކްޓޯބަރ 1959 ގައި އުމުރުން 22 އަހަރުގެ ސައްދާމް ހުސައިން ހުންނެވީ ބައުސް ޕާރޓީގެ ހަނގުރާމަ ވެރިންނާއެކު ބަޣުދާދުގެ އަލް ރަޝީދު ސްޓްރީޓްގައި ޖެނެރަލް އަބްދުލް ކަރީމް ގާސިމް ދަތުރުކުރެއްވި މޮޓޯރކޭޑަށް ހަމަލާދޭން ތައްޔާރަށެވެ. ސައްދާމް ހުސައިންގެ ބަޑީގެ ވަޒަންތަކުން ރިޔާސީ ކާރަށް ވާރޭ ވެއްސާ ލެއްވިއެވެ. ކާރުގެ ޑަރައިވަރ މަރުވިއެވެ. ޖެނެރަލް އަބްދުލް ކަރީމް ގާސިމްގެ ކޮނޑުފުޅަށްވެސް ވަޒަނެއް އަރައި ޒަޚަމް ވެ ވަޑައިގަތެވެ. އެކަމަކު މަރުން ސަލާމަތްވިއެވެ. ސައްދާމްގެ ބައިވެރިންގެތޭރައި ހިމެނޭ އެކަކު މަރުވެ އަދި އެހެންމީހަކު ހައްޔަރު ކުރެވުނެވެ. އަދި ސައްދާމްގެ ފަޔަށްވެސް ވަޒަނެއް އަރައި ޒަޚަމް ވެއެވެ.
ބޮޑުވަޒީރު އަބްދުލް ކަރީމް ގާސިމަށް ދެވުނު ހަމަލާއަށްފަހު ތުހުމަތުގެ ލިސްޓުގައި އެންމެ ފުރަތަމަ ނަމަކަށް ސައްދާމް ހުސައިން ވެގެން ހިނގައްޖެއެވެ. އަދި ޖެނެރަލް އަބްދުލް ކަރީމް ގާސިމްގެ ބެލުމުގެ ދަށުން ބައުސް ޕާރޓީއާދެކޮޅަށް ސަރުކާރުން ހަރަކާތެރިވާންފެށިއެވެ. އެންމެ ފުރަތަމަ ސައްދާމް ހުސައިން ހޯދުމެވެ. އެހެންނަމަވެސް ހަމައެރޭގެ ވަގުތެއްގައި ބައެއް އެކުވެރިންނާއެކު ފިލައިގެން ޝާމްކަރައިގެ ބޯޑަރ ހުރަސްކުރެއްވިއެވެ. އެއަށްފަހު ގާހިރާއަށް ވަޑައިގަތީއެވެ. މިސްރުގައި ޖަމާލް އަބްދުއްނާސިރުގެ ވެރިކަމުގައި ސިޔާސީ ތައުލީމާއި ގާނޫނީ އިލްމު ހާސިލު ކުރުމަށްޓަކައި ގާހިރާ ޔުނިވަރސިޓީއަށް ވަނުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ހަގީގަތުގައި އެދުވަސްވަރު ޔުނިވަރސިޓީތަކުން ލިބޭ ފިލާވަޅުތަކަށްވުރެން ހުނަރުވެރި ފިލާވަޅުތައް ލިބެމުންދަނީ ގާހިރާގެ ކޮފީ ޝޮޕް ތަކުންނެވެ. އެ ތަންތަނުގައި އަރަބިގައުމުތަކަށް މެދުވެރިވެފައިވާ ބިދޭސީ ބާރުތަކުގެ ކަސްތޮޅުތަކުން މިނިވަންވުމަށް ބޭނުންވާ ބަޣާވަތްތަކާމެދު ބަހުސް ކުރެވެމުން ދެއެވެ.
ސައްދާމް ހުސައިން މިސްރުގައި ހުންނެވި ދުވަސްވަރުވެސް ސީ އައި އޭ ގެ ލޮލުގެ ކުރިމަތިން ދުރަށް ދެވޭގޮތެއް ނުވިއެވެ. އަދި މިސްރުގައި ހޭދަކުރެއްވި ދުވަސްތަކުގައި ނާކާމިޔާބު އެންމެ ހަމަލާއަކުން އެމަނިކުފާނަކީ އިންގިލާބީ ވިސްނުމުން ދުރު ނުވެވޭނެ ބޭފުޅަކަށްވެސް ބަދަލު ކޮށްލައިފިއެވެ.
1963 ވަނައަހަރު ސައްދާމް ހުސައިންގެ ޔުނިވަރސިޓީ ދައުރު ނިމިއްޖެއެވެ. އެ އަހަރު އިރާގުގައި ބައުސު ޕާރޓިގެ ފަރާތުން ބޭއްވި މިލިޓްރީ ޓްރެއިނިންގ ގައި ސައްދާމް ހުސައިން ބައިވެރިވެ ވަޑައިގަތެވެ. އަދި އިރާގުގެ ބައެއް ރަށްތައް ފަތަހަކުރުމުގައި ބައުސް ޕާރޓީގެ ފްރީ އޮފިސަރުންގެ ގުރޫޕްތަކާއެކު ބައިވެރިވެ ވަޑއިގަތެވެ. އަބްދުލް ކަރީމް ގާސިމްގެ ނައިބަކަށް ހުންނެވި އާރިފް ގާސިމްވެސް ވެރިކަން ލިބިދާނެކަމުގެ އުންމީދުގައި ސައްދާމް ހުސައިން މެންނާ ގުޅިވަޑައިގަތެވެ. އެ ހަރަކާތްތަކުގައި ދިފާއީ ވުޒާރާއިން ބޮޑުވަޒީރު އަބްދުލް ކަރީމް ގާސިމް ޒަޚަމްތަކާއެކު ހައްޔަރުކުރެވިއްޖެއެވެ. އެއަށްފަހު އަހްމަދު ހަސަން އަލް ބަގާރް ބޮޑުވަޒީރަކަށް އަދި ގައުމުގެ ރައީސަކަށް އާރިފް ގާސިމް ހަމަޖެހިގެންދިޔައެވެ. މި ބަދަލުތައް އައުމާއެކު ސައްދާމް ހުސައިން ބަޣުދާދަށް އެނބުރި ވަޑައިގެންނެވީއެވެ. މިފަހަރު ސަރުކާރު ދެމިއޮތީ ހަމައެކަނި 9 މަސްދުވަހުއެވެ. އާރިފް ގާސިމްގެ ނުފޫޒު ގަދަކުރަމުންގޮސް ބައުސް ޕާރޓީ އުވާލެއްވިއެވެ. ސައްދާމަ ހުސައިނާއި ބައުސް ޕާރޓީގެ ބައެއް އިސް އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލަށް އަޅާލިއެވެ. އާރިފްގެ ނަޒަރުގައި ސައްދާމްހުސައިނާއި ބައުސް ޕާރޓީގެ އެކްޓިވިސްޓުންގެ އުދަނގޫ އެ ހިސާބުން ނިމުމަކަށް އައީއެވެ.
ޖަލުގައި ބަންދުވެފައިހުރުމަކީ ސައްދާމުގެ އިންގިލާބީ ފިކުރުން ދުރުކުރެވިދާނެ ސަބަބަކަށް ނުވިއެވެ. ޖަލަކީ އިންގިލާބީ މަދަރުސާއަކަށް ބަދަލުކުރައްވައި ފައިސާއަށް ވިކޭ މީހުންނާއި ތެދުވެރި ވަފާތެރިންނާއި މައްކާރީން އަދި ބާރުގެ ކުރިމަތީގައި ކަކޫ މައްޗަށް ތިރިވެދާނެ މީހުން ދެނެގަތުމުގެ ފުރުސަތު ޖަލުން ލިބިވަޑައިގަތެވެ.
ދެން ލިބުނު ޚަބަރުތަކުގައި ހެލިކޮޕްޓަރެއް ކްރޭޝް ވުމުގެ ހާދިސާގައި ރައީސް އާރިފް ގާސިމް އަވަހާރަ ވެއްޖެކަމާއި އެމަނިކުފާނުގެ ކޮއްކޮ އިރާގުގެ ރައީސްއަކަށް ވެ ވަޑައިގެންނެވިކަން އެނގިވަޑައިގަތެވެ. އެ ސަރުކާރު ވެގެންދިޔައީ ބަލިކަށި ސަރުކާރަކަށެވެ.
1966 ވަނައަހަރު އެ ދުވަސްވަރު ޖަލުން ފިލާވަޑައިގަތުމަށް ސައްދާމު ހުސައިން ގެންދެވީ ރާވަމުންނެވެ. އަދި ޖަލުގެ ގާރޑުންނަށް ރިޝްވަތުދީގެން އެ ރޭވުން ކާމިޔާބު ކުރައްވައި ޖަލުން ފިއްލަވައި ވަޑައިގަތެވެ. އަދި ތިކްރީތުގައި ދުވަސްކޮޅާކު ފިއްލަވާ ހުންނެވީއެވެ. ޖަލުން ފިއްލަވާގަތުމުގެ 2 އަހަރު ފަހުން ޖެނެރަލް އަހްމަދު ހަސަން އަލް ބަކުރު އާއެކު ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގެން ބައުސް ޕާރޓީ ވަރުގަދަ ކުރައްވަން ފެއްޓެވިއެވެ. މިފަހަރު ސައްދާމް ހުސައިންގެ އަމާޒަކަށް ހެއްދެވީ ޕާރޓިއަށް ޒުވާނުންނާއި މިލިޓްރީގައި ޚިދުމަތްކުރަމުން އަންނަ ޒުވާނުން ގެނައުމަށެވެ. އެބޭފުޅުންގެ މަސައްކަތުން 1968 ވަނައަހަރު ބައުސް ޕާރޓީ އަށް ޖެނެރަލް އަހްމަދު ހަސަން އަލް ބަކުރުގެ ރިޔާސަތަށް އަނެއްކާވެސް ސަރުކާރު ލިބިއްޖެއެވެ. އެމަނިކުފާނުގެ ޒުވާން ބައިވެރިޔާ ސައްދާމް ހުސައިން ހަވާލުވެ ވަޑައިގަތީ ރިވޮލިއުޝަނަރީ ކޮމާންޑް ކައުންސިލްގެ ވެރިޔާގެ މަގާމަށެވެ.
އުމުރުން 30 އަހަރު ގުނަމުންދާ ޒުވާން ސައްދާމް ހުސައިން ގެންދެވީ މަޑުމަޑުން ބާރުތައް އެމަނިކުފާނުގެ އަތްޕުޅުމައްޗަށް ޖަމާކުރައްވަމުންނެވެ. ފުލުހުންނާއި އިންޓެލިޖެންސް ވަސީލަތުން ތަފާތު ޚިޔާލުގެ މީހުން ދެނެގަނެ އެމީހުން މަރަމުން ގެންދެވިއެވެ. މިލިޓްރީންގެތެރެއަށް އަމިއްލަ ނުފޫޒު ފަތުރަމުންގެންދެވިއެވެ. ސަރުކާރުގެ ކޮންމެ އިދާރާއަކުން ސިއްރު މައުލޫމާތު ލިބިވަޑައިގަންނަވާނެ ނިޒާމެއް ގާއިމް ކުރެއްވިއެވެ. ރައީސަކަށް ވެ ވަޑައި ނުގަތަސް ރިޔާސީ ބާރުތަކާއި ބައުސް ޕާރޓީގެ އެންމެހާ ބާރުތަކާއި އަދި ބަޣުދާދުގެ ހަނި ގޯޅިތަކުގައި ހިނގާ ކަންތައްތަކަށްދާންދެން ސައްދާމް ހުސައިންގެ ހިޔަނިން ސަލާމަތް ވެވޭނެ މަގެއް ނޯވެއެވެ. ޕާރޓީގެ މެމްބަރުން ގަބޫލުކުރާގޮތުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ޕާރޓީ ވަރުގަދަކުރާށެވެ. އަނެއް ބަޔަކު ދެކޭގޮތުގައި އެމަނިކުފާނަކީ ފުރިހަމަ މާނައިގާ ޑިކްޓޭޓަރެކެވެ. ސައްދާމް ހުސައިނަށް ވެރިކަން ހޯދާދިނުމުގައި ސީ އައި އޭ ގެ ހިއްސާވެސް ކުޑައެއް ނޫނެވެ.
ސައްދާމް ހުސައިންގެ ވެރިކަން ފެށުމާއެކު އިރާގަށް ތެލުގެ މުއްސަނދިކަން ލިބެންފަށައިފިއެވެ. އޭގެކުރިން އިރާގުގެ ތެޔޮ ނެގުމުގައި އެމެރިކާއާއި އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތުގެ ކުންފުނިތައް ބައިވެރި ވެއެވެ. އެމެރިކާގެ އެގްޒޯން އާއި އިނގިރޭސި ވިލާތުގެ ބްރިޓިޝް ޕެޓްރޯލިއަމް އަދި ފަރަންސޭސި ވިލާތުގެ ޝެލް ކޮމްޕެނީން ބަހާލުމަށްފަހު އިރާގުގެ ތެލުގެ މިލްކުވެރިންނަކީ އެގައުމުގެ ރައްޔިތުން ކަމުގައިވިޔަސް އިރާގަށް ލިބެނީ ރަށަށް އަރުވަންޏާ ކާޅަށްވެސް ލިބޭނެއޭ ބުނާ މިންވަރަށެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި އިރާގު ޕެޓްރޯލިއަމް ކޮމްޕެނީ އުފަންކުރުވިއެވެ.
އިރާގެގެމައްޗަށް ސައްދާމް ހުސައިންގެ މުށް ރަނގަޅަށް ބާރުކުރުމަށްފަހު 1972 ވަނައަހަރު އިރާގުގެ ސިޔާސަތާއި އަދި އިގްތިސާދު މުޅިން އާ ބިންގަލެއްގެ މައްޗަށް ބިނާކުރައްވަން ފެއްޓެވިއެވެ. އެ ނިޒާމުގެ ދަށުން އިރާގުގެ ތެލާބެހޭ ހުރިހާ ބާރެއް އިރާގު ޕެޓްރޯލިއަމް ކުންޏަށ ސައްދާމް ހުސައިން ދެއްވި ފުރަތަމަ އިނާމަކީ އެއީއެވެ. ސައްދާމް ހުސައިންގެ އަމަލުތައް ހުންނަގޮތުން އެމަނިކުފާނު ވަރަށް ރަނގަޅަށް އެމެރިކާގެ ވެރިން ދަސްކޮށްފިއެވެ. އެކަމަކުވެސް ސައްދާމް ހުސައިނާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުން އެއްވެސް ކަމެއް ނުކޮށް ކެތްތެރިކަމާއެކު ވަގުތަށް ފާރަލަމުން ގެންދިޔައީއެވެ. މެދުއިރުމަތީގައި އެމެރިކާއިން ބޭނުންވާ ތަސައްވުރު ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައެވެ.
ގައުމަށް ލިބެންފެށި އާންމުދަނީގެ ބޭނުން ކުރައްވައިގެން މަދަރުސާތަކާ ހޮސްޕިޓަލް އަދި އާންމު ޚިދުމަތުގެ ތަންތަން ބިނާކުރައްވަން ސައްދާމް ހުސައިން ފެއްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން ގައުމުގެ އާންމު ހާލަތު ރަނގަޅުވެ ރައްޔިތުންނަށް އުފާވެރިކަން ލިބެމުންދާން ފެށިއެވެ. ދާދިއަވަހަށް އިރާގަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ފުދުންތެރި ގައުމަކަށް ބަދަލު ވެއްޖެއެވެ. ތަރައްގީގައި ގައުމު ކުރިއަށް އަޅަމުންގެންދާ ކޮންމެ ފިޔަވަޅެއްގެ ފަހަތުގައިވަނީ ސައްދާމް ހުސައިންކަން ގައުމަށް ދައްކަމުން ގެންދެވިއެވެ.
1979 ވަނައަހަރު ޖުލައި މަހު ސިއްހީ ޙާލުކޮށޅާއި އުމުރު ސަބަބެއްކަމުގައި ބަޔާންކޮށް ރައީސް ޖެނެރަލް އަހްމަދު ހަސަން އަލް ބަކުރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެކަމަކު ހަގީގަތަކީ ބާރގަދަ މީހަކު އެމަނިކުފާނު އިސްތިއުފާ ދެއްވަން މަޖުބޫރު ކުރެއްވުމެވެ. އެއީ ސަރުކޜުގެ ހުރިހާމުއައްސަސާއެއް ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ސައްދާމް ހުސައިންގެ މަޖުބޫރު ކުރުމެވެ.
އިރާގުގެ ވެރިކަން ސައްދާމް ބޭނުންގޮތަކަށް ބަދަލުކޮށްލައި ބައްޓަންކުރުމަކީ އުދަނގޫ ކަމެއް ނޫނެވެ. އެހެންނަމަވެސް އެމަނިކުފާނު އިޚްތިޔާރު ކުރެއްވީ އެންމެ ފުރަތަމަ އެމަނިކުފާނުގެ ވިސްނުމާ ތަފާތު ފިކުރު ގެންގުޅޭ މީހުން އަބަދަށްޓަކައި ދުއްވާލުމަށެވެ. ސައްދާމް ހުސައިނަކީ އެ ފަރާތްތަކަށް އޮތް ބިރެއް ކަމުގައި ވެގެން ދިޔައެވެ.
1979 ޖުލައި 22 ވަނަދުވަހު ބައުސް ޕާރޓީގެ ބިޔަ ޖައްސާއެއް އޮތެވެ. ސައްދާމް ހުސައިންގެ މޫނުފުޅުމަތިން އުދާސްކަމުގެ ދާހިއްލުން ސިއްރެއް ނުކުރެވުނެވެ. ބައްދަލުކުރުން ހިނގަމުންދާ ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވާލުމަށްފަހު ސެކިއުރިޓީ ގާރޑަކާއެކު ޕާރޓީގެ ވަރަށް އިސް ބޭފުޅަކު ކޮޓަރިއަށް ވެއްދިތަން ފެނުނެވެ. އެ ބޭފުޅެއްގެ މައްޗަށް ސައްދާމް ހުސައިނާ ދެކޮޅުވެރިކަމުގެ އިލްޒާމް އޮތީ އަޅުވާފައެވެ. ބައްދަލުކުރުން އޮތް ކޮޓަރީގައި ތިބި އެންމެންވެސް ތިބީ ދެން ވެދާނެ ގޮތެއް ނޭންގި ބިރުންނެވެ.
ދެން ފެނުނީ ސައްދާމް ހުސައިން ޕޯޑިއަމްއަށް ވަޑައިގެން ކަރުދާސްގަނޑެއް ނިއުޅާލައްވައި ކިޔަންފެއްޓެވިއެވެ. އެ ލިސްޓުގައިއޮތީ އަބްދުލަ ހަސީން މުސްތަގިއްލީއާ ބައިވެރިވެ ސައްދާމް ހުސައިން އާއި ދެކޮޅަށް ޣައްދާރު ވެފައިވާކަމަށް ތުހުމަތު ކޮށްފައިވާ ސިފައިންގެ ނަންތަކެވެ. ރޭވިފައިވާގޮތުން ނަންއިއްވޭ ކޮންމެ މީހަކު ކޮޅަށްތެދުވަން ޖެހެއެވެ. އެއަށްފަހު ސެކިއުރިޓީ ގާރޑަކު އޭނާ ދުރަށް ގެންދާތަން ފެނެއެވެ. ބައެއް މީހުންބިރުން ރޯން ފާށައެވެ. ކޮންމެ މީހަކަށް ވެސް ދެން ކުރިމަތީއޮތް އަންޖާމް ރަނގަޅަށް އެނގެއެވެ. އެ ދުވަހު މިލިޓްރީންގެ 68 މީހުން އުފުރާލައިގެން ގެންދެވުނެވެ. އަދި ސައްދާމް ހުސައިނަށް ވަފާތެރިކަން ސާބިތު ކޮށްދިނުމަށްޓަކައި އެމީހުންގެ އެންމެ ގާތް ރަހްމަތްތެރިން ލައްވާ އެމީހުން ގަތުލު ކުރެވުނެވެ. ސައްދާމް ހުސައިން ދެކޮޅަށް ނިކުންނަ އެއްވެސް މީހަކަށް ބަޗައިގެން ނުދެވޭނެ ކަމުގެ މެސެއްޖެދިނުމުގެ ގޮތުން ވެސް މެއެވެ.
އެދުވަހު އިރާގުގައި ސައްދާމް ހުސައިން ނިންމަވާފައިވަނީ އަރަބި ދުނިޔެ އޭގެކުރިން ދެކިފައިނުވާ ޚުދުމުޚްތާރު ނިންމެވުމެކެވެ. ބަޣުދާދުގެ މަގުތަކުގައި އެމަނިކުފާނުގެ ފޮޓޯފުޅުތައް އާންމުކުރެވިގެންދިޔައެވެ. ގައުމުގައި އެމަނިކުފާނަށް ރައްޔިތުންގެ ލޯބި ލިބެމުން ދިޔައިރު މަދަރުސާކުދިން އެމަނިކުފާނަށް ތައުރީފްކޮށް ސަނާކިއުން މަޖުބޫރު ކުރުވިއެވެ. މިހުރިހާ ކަމެއްކުރައްވަމުންގެންދެވިއިރު އެ މަނިކުފާނުގެ ސިއްރު އޭޖެންޓުން ސައްދާމް ހުސައިނާ ދެކޮޅު ފިކުރު ގެންގުޅުއްވާ ބޭފުޅުންނަށް ބިރުވެރިކަމުގެ އިންތިހާއާއި ކުރިމަތި ކުރުވަމުންގެންދިޔައެވެ. އެ ބިރުވެރިކަމުގައި ސައްދާމް ހުސައިންގެ ސިއްރު އޭޖެންޓުން އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި މީހުން ހިފާހައްޔަރުކުރުމާއި ބޮޑެތި އަނިޔާތައް ދިނުމާއި ފަތިހުގެ ވަގުތުގައި މީހުން ދަންޖައްސާމެރުން އިރާގުގައި އާންމުވެގެންދިޔައެވެ. ދުވަހަކުވެސް ސަލާހުއްދީނު އައްޔޫބީ ނުވަތަ ބެބިލޯންގެ ބާދުޝާހުގެ މަގްބަރާއަށް ސައްދާމް ހުސައިން ވަޑައިގެންފައެއް ނުވެއެވެ. ބައެއް ފަހަރު އާއިލާތައް އެކުގައި ގެއްލުވާލެވިގެންދިޔައެވެ. ސައްދާމް ހުސައިންގެ ނަންކިއުމަކީވެސް ބިރުވެރިކަމެއް ކަމުގައި އޮތީ ވެފައެވެ. ގައުމުގެ ރައްޔިތުންގެ ކުރިމަތީގައި ސައްދާމް ހުސައިނަކީ ބިރުވެރި ހިޔަންޏަކަށްވެ ނިމިއްޖެއެވެ. މި ގަދަފަދަ ޑިކްޓޭޓަރގެ ސިކުނޑީގައި އަދި މާ ނުރައްކާތެރި ރޭވުމެއް ކުރެހެމުންދިޔަކަމަށްވެއެވެ. އީރާނާ ދެކޮޅަށް ހަނގުރާމަކުރުމެވެ. އެ ހަނގުރާމަ ވެގެންދާނީ އިރާގު ބަރުބާދުވެ ސައްދާމް ހުސައިންގެ އަނިޔާވެރިކަން ނިމިގެން ދިއުމުގެ ފެށުންކަން އެމަނިކުފާނަށް އިހްސާސެއް ނުކުރެވުނެވެ.
![]()
