އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް ވަރުގަދަ ތޫފާނެއްގެ ނުރައްކާ ބޮޑުވެއްޖެ

Loading

Facebook
Twitter
WhatsApp

މާދަމާ، އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށަށް ”އަރްނަބް“ ތޫފާން އަރާނެ ކަމަށް ލަފާކުރެވޭތީ، އިންޑިއާއިން ވަނީ ކުއްލި ހާލަތުގެ ތައްޔާރީތައް ވަރުގަދަކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގިނަ ސަރަޙައްދުތަކަކަށް ބާރަށް ވައިޖެހި، ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވެއެވެ.

އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓްއިން ބުނި ގޮތުގައި، ބަޕަޓްލާ އާއި ވިޝާކަޕަޓްނަމްއާ ދެމެދުން އެއްގަމަށް އެރުމުގެ ކުރިން، މި ތޫފާން ވަރަށް ނުރައްކާތެރި ސައިކްލޯނިކް ސްޓޯމަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. ވައިގެ ބާރުމިން ގަޑިއަކު 115 އާއި 125 ކިލޯމީޓަރާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 140 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް ބެލެވެއެވެ.

ސައުތު ކޯސްޓް ރޭލްވޭ ޒޯނުން ވަނީ 53 ރޭލު ދަތުރު ކެންސަލްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވިލަރެސްކުރުމަށްޓަކައި 24 ގަޑިއިރު ހިދުމަތްދޭ ކޮންޓްރޯލް ރޫމެއް ގާއިމުކޮށްފައެވެ.

އޮޑިޝާގެ ކަމާބެހޭ އިދާރާތަކުން ވަނީ ދެކުނުގެ ހަ ޑިސްޓްރިކްޓެއްގެ ސްކޫލްތަކާއި، ކޮލެޖްތަކުގެ އިތުރުން އަންގަންވާޑީ މަރުކަޒުތައް އޮކްޓޫބަރު 28 އަދި 29 ގައި ބަންދުކޮށްފައެވެ. އަދި އަންދަމާން އެންޑް ނިކޮބާ އައިލެންޑްސްގެ ސްކޫލްތައް ވެސް އަންގާރަ ދުވަހާ ހަމައަށް ބަންދުކުރުމަށް ވަނީ އަންގާފައެވެ.

ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) އިން ޓީމުތައް ހަރަކާތްތެރިކުރުވާފައިވާއިރު، އިތުރު ސިފައިން ތިބީ ތައްޔާރީ ހާލަތުގައެވެ. މީގެ އިތުރުން އިންޑިއާގެ އެއްގަމު ސިފައިންނާއި، ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިން އަދި ކޯސްޓްގާޑުން ވެސް ވަނީ މީހުން ސަލާމަތްކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ތައްޔާރުކޮށްފައެވެ.

އޮކްޓޫބަރު 28 އާއި 30 އާ ދެމެދު ވެސްޓް ބެންގާލްގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމުގެ އިންޒާރު އައިއެމްޑީން ވަނީ ދީފައެވެ. އަދި އޮކްޓޫބަރު 27 އިން 29 އަށް ވެސްޓް ބެންގާލްގެ އައްސޭރިފަށުގެ ސަރަޙައްދުތަކުން ކަނޑުނުފުރުމަށް މަސްވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ތޫފާން ކައިރިވަމުން އަންނައިރު، މީހުންގެ ފުރާނައަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި އުމްރާނީ ވަސީލަތްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް