ސަޢުދީ ޝާހީ ދަރުބާރާ ގުޅުންހުރި ފަރާތްތަކަކާއި ޖެފްރީ އެޕްސްޓީންގެ ޒާތީ ރަށާއި ދެމެދު ގުޅުންތަކެއް އޮތް ކަމަށް ބުނާ ރިޕޯޓްތައް ބޭނުންކޮށްގެން، ސަޢުދީ އަރަބިއްޔާގެ ލީޑަޝިޕްގެ އަގުވައްޓާލުމަށާއި، އިސްލާމްދީނުގެ އެންމެ މާތް ބިންތައް ހިމާޔަތްކުރުމުގެ ގާބިލުކަން އެ ގައުމުގައި ނެތް ކަމަށް ދެއްކުމަށް ޔަމަނުގެ ހޫތީ ހަރަކާތުން މަސައްކަތް ކުރަމުން ދާކަމަށް ރިޕޯޓުކޮށްފިއެވެ.
އެންޑީޓީވީގެ ރިޕޯޓެއްގައި ވާގޮތުން، އީރާނާ އެކުވެރި މި ޖަމާއަތުން ވަނީ މައްކާގެ ކައުބަތުﷲ ގެފުޅުގައި އެއްއިރެއްގައި އަޅުވާފައިވާ ކިސްވާގެ ފޮތިތަކެއް އެޕްސްޓީންގެ ރަށަށް ފޮނުވި ކަމަށް ބުނާ ވާހަކަތައް އިތުރަށް ފަތުރާފައެވެ. އަދި މި ތުހުމަތުތައް ބޭނުންކޮށްގެން ހޫތީން ވަނީ ސައޫދީ އަރަބިއްޔާގެ ދީނީ އިތުބާރާމެދު ސުވާލު އުފައްދާފައެވެ.
މި ކެމްޕޭން ވަރުގަދަވެގެން ދިޔައީ، މި ހަފުތާގެ ކުރީކޮޅު މައްކާ އަދި މަދީނާ ސަރަހައްދަށް އަމާޒުކޮށް ހޫތީން ޑްރޯނެއް ފޮނުވާލި ކަމަށް ސައޫދީ އަރަބިއްޔާއިން ތުހުމަތު ކުރުމާ ގުޅިގެންނެވެ. އެ ޖަމާއަތުން އެ ތުހުމަތު ދޮގުކޮށް، ރައްދުގައި ސައޫދީގެ ވެރިންނަކީ ދީނަށް ޚިޔާނާތްތެރިވެފައިވާ ބައެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
ޔަމަނުގެ މަސްރަހު ދިރާސާކުރާ މުހައްމަދު އަލްބާޝާ ނިއުޔޯކް ޓައިމްސްއަށް ވިދާޅުވި ގޮތުގައި، ހޫތީންގެ މުވާސަލާތީ ނިޒާމު މިހާރު ވަނީ ޓީވީ، ވެބްސައިޓް، ރޭޑިއޯ، ނޫސްތައް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ހިމެނޭ ގޮތަށް އިންތިޒާމުވެފައިވާ މީޑިއާ ވިއުގައަކަށް ބަދަލުވެފައެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެ ޖަމާއަތުން ފަތުރާ މެސެޖުތަކުގައި ސަޢުދީ އަރަބިއްޔާއަކީ އެމެރިކާ އަދި އިސްރާއީލާ ގުޅިފައިވާ ގައުމެއްގެ ގޮތުގައި ދައްކުވައިދޭ ކަމަށާއި، ރިޔާޟާއެކު އޮތް ހަމަނުޖެހުމަކީ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ކުރާ ފުޅާ ހަނގުރާމައެއްގެ ބައެއްގެ ގޮތުގައި ސިފަކުރެއެވެ.
އިންސްޓިޓިއުޓް ފޯ ސްޓްރެޓީޖިކް ޑައިލޮގްގެ ރިސާޗަރު މުސްތަފާ އައްޔާދު ވިދާޅުވި ގޮތުގައި، މި ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރަމުން ދަނީ ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށެވެ.
މީގެ އިތުރުން، 2015 ވަނަ އަހަރު ސައޫދީން ފެށި އަދި އިންސާނީ ބޮޑު ކާރިސާއަކަށް މަގުފަހިކުރި، ޔަމަނަށް ދިން އަސްކަރީ ހަމަލާތަކުގެ ވާހަކަވެސް ހޫތީން ދަނީ ފާހަގަކުރަމުންނެވެ.
މިދަނޑިވަޅުގައި، ސަޢުދީގެ ތާއީދު އޮންނަ ޔަމަނުގެ ސަރުކާރުގެ ލީޑަޝިޕްގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކުގެ ސަބަބުން، އެއްބައިވަންތަ ޕްރޮޕެގެންޑާ ސްޓްރެޓެޖީއެއް ދެމެހެއްޓުމަށް އެ ފަރާތްތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
![]()
