އުތުރު ކޮރެއާގެ ރައީސްގެ މަރުގެ ހަޤީޤަތް!

Loading

Facebook
Twitter
WhatsApp

ސިކުނޑިއަށް ލޭއެޅިގެން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަވަހާރަވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަށަވަރުނުވާ ވާހަކަތަކެއް ފެތުރިފައި ވަނިކޮށް، އޭނާ، ފޭރާމާއި ބޫޓު ކުލެކްޝަންތަކުގެ މައުރަޒެއް ބައްލަވާލައްވަން ވަޑައިގެން އުޅުއްވާ އައު ފޮޓޯތަކެއް އެ ގައުމުގެ ރަސްމީ ނޫހުން އާންމުކޮށްފިއެވެ.

އެ ގައުމުގެ ރަސްމީ ނޫސް ”ރޮޑޮންގް ސިންމުން“ ގައި ޝާއިއުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ، ކިމް އެ މައުރަޒަށް ޒިޔާރަތްކުރަށްވާ، ބޫޓާއި ހެދުމުގެ ޑިސްޕްލޭތައް ބައްލަވާލައްވައި، އޮފިޝަލުންނާ ވާހަކަދައްކަވަމުން ގެންދަވާ މަންޒަރެވެ. އުމުރުން 42 އަހަރުގެ ކިމް، ކޯމާއަކަށް ގޮސް އަވަހާރަވެއްޖެ ކަމަށް ބުނެ އޮންލައިންކޮށް އަޑުތައް ފެތުރުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާ ވަނީ މިގޮތަށް އާންމުންގެ ތެރެއިން ފެނިވަޑައިގެންފައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މި ތުހުމަތުތައް ފުރަތަމަ ކުރީ، ޗައިނާ ޑިމޮކްރަސީ ޕާޓީއާ ގުޅުން އޮންނަ، އެމެރިކާގައި ދިރިއުޅޭ ޗައިނާގެ ސިޔާސީ ހަރަކާތްތެރިއެއް ކަމަށްވާ ވަންޖުން ޝިއޭ އެވެ. އޭނާ ފުރަތަމަ ދައުވާކުރި ގޮތުގައި ކިމް ވަނީ އަވަހާރަވެފައެވެ. އަދި އެއާއެކު އުތުރު ކޮރެއާގެ ވެރިކަމަށް އަތުވެދާނެ ކާރިސާއަކާ މެދު ކަންބޮޑުވެ، ބެއިޖިން އިން ވަނީ 9،000 ސިފައިން ޕިއޮންގްޔަންގަށް ފޮނުވާފައެވެ.

އޭގެ ފަހުން ޝިއޭ ތުހުމަތުކުރި ގޮތުގައި، ކިމްގެ ސިކުނޑިއަށް ބޮޑު ގެއްލުމެއް ލިބި ލޭއެޅުމާއި ގުޅިގެން ފަރުވާ ދިނުމަށް ބެއިޖިންގެ ޕީކިން ޔޫނިއަން މެޑިކަލް ކޮލެޖް ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ އުތުރު ކޮރެއާއަށް ދަތުރުކޮށްފައެވެ. އަދި އެއަށްފަހު އޭނާ ބެއިޖިންއަށް ގެންދިޔަ ކަމަށާއި، ޑޮކްޓަރުންނަށް އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުމުން، ސިއްރިއްޔާތުގައި ހަށިގަނޑު އަނބުރާ އުތުރު ކޮރެއާއަށް ގެންދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.

ނަމަވެސް، މި ތުހުމަތުތަކަށް ބާރުދޭ މިނިވަން އަދި ކަށަވަރު ކުރެވޭ އެއްވެސް ހެއްކެއް ނެތެވެ.

މި އަޑުތަކާއެކު، ކިމްގެ ނުފޫޒުގަދަ ކޮއްކޯފުޅު، ކިމް ޔޯ ޖޮންގް ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންފިތޯ ބަލަން ޝައްކުތަކާއި ސުވާލުތައްވެސް ވަނީ އުފެދިފައެވެ.

މިފަދަ ތުހުމަތުތަކެއް 2020 ވަނަ އަހަރު ވެސް ފެންމަތިވިއެވެ. އެ ފަހަރު، އުތުރު ކޮރެއާއިން ފިލައިގެން ދިޔަ ޖީ ސިއޮންގް-ހޯ ވަނީ ހިތުގެ އޮޕަރޭޝަނަކަށް ފަހު ކިމް އަވަހާރަވެއްޖެ ކަމަށް ބުނެ ދޮގު ވާހަކަތަކެއް ފަތުރާފައެވެ. ނަމަވެސް، ފަހުން ކިމް އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމުން އެ ރިޕޯޓްތައް ދޮގުކަން ސާބިތުވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް