އިންޑިޔާގެ މީރަޓްގައި މީހަކު މަރާލުމަށްފަހު އެއީ ހަރުފައެއް ހަފައިގެން ހިނގި މަރެއް ކަމަށް ދައްކަން މަސައްކަތްކުރި އަންހެނަކާއި ފިރިހެނެއްގެ މައްޗަށް ކޯޓަކުން މަރުގެ ހުކުމް އިއްވައިފި އެވެ.މަރާލެވުނީ ފިރިހެނެއް ކަމަށާ އެއީ މިކަމުގައި ބައިވެރިވި އަންހެންމީހާގެ ފިރިމީހާ ކަމަށްޚަބަރު ލިބެއެވެ. އަދި ދެންހުރީ އަންހެންމީހާގެ ވަގުލޯބިވެރިޔާ ކަމަށް ވެއެވެ.
އަންހެންމީހާ ރަވީތާ އާއި އަމަރުދީޕް ވަނީ ރަވީތާގެ ފިރިމީހާ އަމިތު ގެ ކަރުގަ ހިފާ ހާސްކޮށްގެން މަރާލުމަށްފަހު ހަށިގަނޑު ކައިރިޔަށް ދިރޭ ހަރުފަޔެއް ލާފަ ކަމަށް ވެއެވެ. އަމިތު މަރުވީ ހަރުފަ ހަފައިގެން ކަމަށް އާއިލާއިންވެސް ފުރަތަމަ ހީކުރި ނަމަވެސް ޕޯސްމޯޓަމް ހެދުމުން އޭނާމަރުވީ ކަރުގައި ހިފުމުގެ ސަބަބުން ކަން ވަނީ ހާމަވެފައެވެ.
އެދެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ އެޑިޝަނަލް ޑިސްޓްރިކްޓް ކޯޓުގެ ފަޑިޔާރު ޖައިވީރު ސިންގ އެވެ.އިންޑިޔާގެ ސަގާފަތުގައި ފިރިއަކަށް ދިގުއުމުރެއް ދެއްވުން އެދި އަނބިމީހާ ރޯދަވެސް ހިފާކަން ފާހަގަ ކުރައްވާ ފަޑިޔާރު ވިދާޅުވީ އަންބަކު ފިރިމީހާ މަރާލުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމުގައެވެ.
ރަވީތާ އާއި އަމަރުދީޕް ސިއްރު ގުޅުމެއް ހިންގާތާ އެތައް އަހަރެއްވެފައިވާ ކަމަށާ މިދެމީހުންނަށް ތިން ކުދިންވެސް ލިބިފައިވާ ކަމަށް ވިއޯން ޗެނެލް ބުނެއެވެ.
މަރުގެ ހުކުމް އިއްވަމުން ފަޑިޔާރު ވިދާޅުވީ ސަރުކާރުން ކުދިން ބަލަހައްޓާނެ ކަމުގައެވެ.
![]()
