އިއްޔެ، ޕެނަމާގެ ދެކުނުގެ ސަރަހައްދުތަކަށް ރެކްޓަރ މިންގަނޑުން 7.7 އަދި 6.6 ގެ ބާރުމިނުގައި އައި ބާރުގަދަ ދެ ބިންހެލުމާއި ގުޅިގެން އިމާރާތްތައް ވެއްޓި، މަގުތަކަށް ގެއްލުންވެ، މުޅި ގައުމުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިއްޖެއެވެ.
ފުރަތަމަ ބިންހެލުން އައީ މެދުތެރޭ ހެރޭރާ ޕްރޮވިންސްގެ އެކަހެރި އަވަށެއް ކަމަށްވާ ޕިޓަލޯޒާ އަރީބާ ކައިރިއަށެވެ. ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި މި ބިންހެލުން އުފެދުނީ ބިމުގެ އަޑިން ގާތްގަނޑަކަށް 10 ކިލޯމީޓަރުގެ ތިލަ ފުންމިނަކަށެވެ. އެހެންކަމުން ވެރިރަށް ޕެނަމާ ސިޓީ އާއި އަވަށްޓެރި ކޮލަމްބިއާ ހިމެނޭހެން ގިނަ ސަރަހައްދުތަކަކަށް މި ލޮޅުންތައް ވަރަށް ބޮޑަށް އިހުސާސް ކުރެވުނެވެ.
ޔުނިވާސިޓީ އޮފް ޕެނަމާގެ ސައިސްމޮލޮޖިސްޓުން ވަނީ 45 އަށް ވުރެ ގިނަ އަފްޓަރޝޮކް ރެކޯޑުކޮށްފައެވެ. މީގެ ތެރެއިން ބައެއް ލޮޅުންތަކުގެ ބާރުމިން 5.2 އާއި 5.8 އާ ދެމެދުގައި ހުރިއިރު، މީގެ ސަބަބުން އިތުރު ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ ވިދާޅުވީ، ހުކުރު ދުވަހުގެ ހަވީރާއި ހަމައަށް އެ ބިންހެލުންތަކާއި ގުޅިގެން އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ކަމާބެހޭ ފަރާތްތަކަށް ލިބިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، މީހުން ސަލާމަތްކުރުމާއި ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާތީ، ހާލަތު ބަދަލުވެދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ. ސީޖީޓީއެން ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ބިންހެލުމުގައި އަނިޔާވި 27 މީހަކު ވަނީ މިހާތަނަށް ދެނެގަނެވިފައެވެ.
މި ހާދިސާގައި ބައެއް މީހުންނަށް އަނިޔާވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި ވެރިރަށާއި ގާތްގަނޑަކަށް 150 ކިލޯމީޓަރު ދުރުގައި އޮންނަ ޕެނޮނޮމޭގައި، ވެއްޓުނު އިމާރާތެއްގެ ބައިތައް ޖެހި އަނިޔާވި މީހަކުވެސް ހިމެނެއެވެ.
އެ ބިންހެލުންތަކާއި ގުޅިގެން ގެއްލުންތައް ބޮޑަށް ލިބިފައިވަނީ ހެރޭރާ، ވެރާގުއާސް އަދި ލޮސް ސަންތޯސް ޕްރޮވިންސަށެވެ. ޕެނޮނޮމޭގައި ހުންނަ ކެތީޑްރަލްއެއްގެ ބައެއް ވެއްޓިފައިވާއިރު، އެ އިމާރާތުގައި ވަނީ ރެނދުލައިފައެވެ. އަދި ލޮސް ސަންތޯސްގައި ހުންނަ ތާރީޚީ ޗާޗެއް ކަމަށްވާ ސެން އަޓަނާސިއޯ ޗާޗު ވެއްޓިފައިވާ ކަމަށްވެސް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ބިންހެލުމުގެ ސަބަބުން މަގުތަކުގައި ބޮޑެތި، އަދި އެހާމެ ފުން ރެނދުތައް އަޅައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ވަނީ އިމާރާތްތަކުން ނުކުމެފައެވެ. ޓޮކުމެން އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު، ހުކުރު ދުވަހުގެ ފަހުން އަލުން ވަނީ ހުޅުވާލައިފައެވެ. އެހެންނަމަވެސް، ޓެކްނިކަލް ޓީމުތަކުން ވަސީލަތްތައް ބަލައި ފާސްކުރަމުން ދިޔައިރުވެސް ޕެނަމާ ކެނަލްގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދިޔައެވެ.
އެ ބިންހެލުންތަކާއި ގުޅިގެން ޕެސިފިކް ކަނޑުގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރުނެވެ. މީގެ ތެރޭގައި ޕެނަމާ، ކޮލަމްބިއާ، އިކުއެޑޯ، ނިކަރާގުއާ އަދި ގުއަޓެމާލާ ހިމެނެއެވެ. މީގެ އިތުރުން އެލް ސެލްވަޑޯރ އަދި ޗިލީގެ އީސްޓަރ އައިލެންޑަށް ވެސް ސުނާމީގެ އެލާޓް ނެރުނެވެ. ނަމަވެސް ފަހުން ވަނީ މި އިންޒާރުތައް އަނބުރާ ގެންގޮސްފައެވެ.
އަވަސްއަވަހަށް ބިންހެލުންތަކާއި އަލިފާންފަރުބަދަތައް ގޮވުމުގެ ހަރަކާތްތައް ހިނގާ ސަރަހައްދެއް ކަމަށްވާ ޕެސިފިކް ”ރިންގް އޮފް ފަޔަރ“ ގައި ޕެނަމާ އޮތުމަކީ، އެ ގައުމަކީ ބިންހެލުމުގެ ނުރައްކާ ބޮޑު ގައުމަކަށް ވެގެންދާ ސަބަބެކެވެ.
މި ކާރިސާއާއި ގުޅިގެން ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅައިފައެވެ. ޔުނައިޓެޑް ސްޓޭޓްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ޕެނަމާ ސަރުކާރުގެ އެދުމުގެ މަތިން އެހީތެރިވުމަށް ވޮޝިންގޓަނުން ވަސީލަތްތަކާއި މީހުން ހަރަކާތްތެރި ކުރަމުންދާ ކަމަށެވެ. އަދި ކޮލަމްބިއާ، ޗިލީ، އުރުގުއޭ އަދި ސަރަހައްދުގެ އެހެން ގައުމުތަކުގެ ވެރިންވެސް ވަނީ ހަމްދަރުދީ ފާޅުކުރައްވައި، އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅުއްވައިފައެވެ.
އެ ޤައުމުގެ ރައްޔިތުން އިތުރު މައުލޫމާތުތަކަށް އިންތިޒާރު ކުރަމުންދާއިރު، ކަމާބެހޭ އިދާރާތަކުން ދަނީ ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންނެވެ.
![]()
