ފްލައިދުބާއީގެ ކޯ-ޕައިލެޓާ ގުޅޭގޮތުން އިހުމާލެއް އޮތްކަން ފާހަގަކޮށްފި

Loading

Facebook
Twitter
WhatsApp

ހައްދުފަހަނައެޅި ކަންކަމަށް ޝައުގުވެރިކަން ހުންނަކަމުގެ ކަންބޮޑުވުންތަކެއް ކުރިން އުފެދިފައި ވަނިކޮށް، އުމާނުގެ ރައްޔިތެއް ކަމަށްވާ ހަމާމް އަލް-ހައްމާމީ އަށް ފްލައިދުބާއީގެ ކޯ-ޕައިލެޓަކަށް ވެވުނު ގޮތާމެދު އުމާނު ސަރުކާރުގެ އިސް މަސްދަރުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެކި މީޑިއާ ރިޕޯޓްތަކުގައި އޭނާގެ ނަމަކީ އެއީ ކަމަށް ވަނީ ބުނެފައެވެ.

މި ތުހުމަތުތައް ފެންމަތިވެފައި މިވަނީ، ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް1073 ގައި ހިނގައިދިޔަ ހާދިސާއެއް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ކޯ-ޕައިލެޓަށް ވަނީ ކޮކްޕިޓް ތެރޭގައި އެ ބޯޓުގެ ކެޕްޓަން ސްމިތު މަޗާރ އަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވިފައެވެ. ޔޫއޭއީ އަދި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މި ހާދިސާ ސިފަކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ގޮތުގައެވެ.

އުމާނުގެ މަސްދަރުތަކުން ބުނާ ގޮތުގައި، އަލް-ހައްމާމީ އޭނާގެ ހަޔާތުގެ ބޮޑުބައެއް ހޭދަކުރީ އުމާނުން ބޭރުގައެވެ. އޭގެ ތެރޭގައި ޔޫއޭއީ އަދި ސީރިއާ ހިމެނެއެވެ. އޭނާ އުމާނުގެ އެއާލައިނެއްގައި ޓްރެއިނީއެއްގެ ގޮތުގައި ކުރު މުއްދަތަކަށް މަސައްކަތްކުރި ކަމަށް ވެއެވެ. އެ ދުވަސްވަރު، އޭނާ އިންޓަނެޓުގައި ކުރާ ކަންކަން މޮނިޓާކުރި އިދާރާތަކަށް، އޭނާ ”އެކްޓްރެމިސްޓް“ ނުވަތަ ހައްދުފަހަނައެޅި ވެބްސައިޓްތަކަށާއި ޓެރަރިޒަމާއި ގުޅުންހުރި ކަންކަމަށް ޝައުގުވެރިކަން ހުރިކަން ފާހަގަކުރެވުނު ކަމަށް ބުނެވެއެވެ.

އެ މަސްދަރުތަކުން ބުނި ގޮތުގައި، އެ ކަންބޮޑުވުންތަކާ ހުރެ އޭގެ ފަހުން އޭނާއަށް އުމާނުގައި އޭވިއޭޝަން ދާއިރާއިން ކުރިއަށްދިއުން މަނާކުރެވުނެވެ. ދަ ވޯލް ސްޓްރީޓް ޖާނަލް ހިމެނޭ ގޮތަށް އެހެން ރިޕޯޓްތަކުގައި ވެސް ވަނީ އޭނާގެ ކުރީގެ އޭވިއޭޝަން ތަމްރީނުތަކާ މެދު ސުވާލު އުފައްދާފައެވެ.

އުމާނުގެ އޮފިޝަލުން އިންޑިއާގެ އެންޑީޓީވީ އަށް މައުލޫމާތު ދިން ގޮތުގައި، އަލް-ހައްމާމީ ފަހުން އެހެން ތަނެއްގައި ވަޒީފާއަށް އަދާކުރުމުގެ ކުރިން ކުށުގެ ރެކޯޑު ބެލުމަށް އުމާނުގެ ކިބައިން އެދިފައެއް ނުވެއެވެ. އަދި ރަސްމީކޮށް އެ މައުލޫމާތަށް އެދުނު ނަމަ، އުމާނުގެ ކަމާބެހޭ ފަރާތްތަކަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކުރީސް ކަމަށް އެ އޮފިޝަލުން ބުންޏެވެ.

ޔޫއޭއީ އާއި އިސްރާއީލާ ދެމެދު އޮންނަ އޭވިއޭޝަން އެއްބަސްވުންތައް އާންމުކޮށް އެނގެން އޮތްއިރު، އުމާނުގެ ރައްޔިތަކަށް ދުބާއީ-ތެލް އަވީވް ފްލައިޓެއްގެ ކޯ-ޕައިލެޓްކަން ކުރަން ފުރުސަތު ލިބުނު ގޮތަކާ މެދު ވެސް އެ މަސްދަރުތަކުން ސުވާލު އުފެއްދިއެވެ. އުމާނާއި އިސްރާއީލާ ދެމެދު ހާރިޖީ ގުޅުމެއް ނޯވެއެވެ. މިކަމުގެ ސަބަބުން އަލް-ހައްމާމީގެ އަތުގައި އެހެން ގައުމެއްގެ ރައްޔިތުކަން އޮވެދާނެ ކަމުގެ ޝައްކުތައް އުފެދިފައިވީ ނަމަވެސް، މިކަން އަދި ރަސްމީކޮށް ކަށަވަރުވެފައެއް ނުވެއެވެ.

އުމާނުގެ މަސްދަރުތަކުން ބުނި ގޮތުގައި، މި މައްސަލައިން ދައްކުވައިދެނީ ހަމަޖެހިފައިވާ އުސޫލުތަކަށް އަމަލުކުރުމުގައި އިހުމާލުވެފައި އޮވެދާނެ ކަމެވެ. މީގެ ތެރޭގައި ފަރުވާކުޑަކުރުން، އެކަށީގެންވާ ވަރަށް ސުޕަވައިޒް ނުކުރުން ނުވަތަ އެނޫންވެސް ސެކިއުރިޓީގެ އިހުމާލުތަކެއް ހިމެނިދާނެއެވެ. ނަމަވެސް، އުމާނުން މިކަމުގެ ޒިންމާ ވަކި އެއާލައިނެއްގެ، އިދާރާއެއްގެ ނުވަތަ ސަރުކާރުގެ އެޖެންސީއެއްގެ ބޮލުގައި ރަސްމީކޮށް އަދި އަޅުވާފައެއް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް