މުޅިން އަނދިރި ކޮޓަރިއެއްގައި ނިދުމަކީ ހިތުގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އާ ދިރާސާއަކުން ދައްކާ ގޮތުގައި، ނިދާފައި އޮންނަ ވަގުތު ކުޑަ އަލިކޮޅެއް އެޅުނު ނަމަވެސް، އެކަމަކީ ހިތުގެ އޮނިގަނޑާއި އޭގެ މަސައްކަތަށް ބަދަލުތަކެއް އައުމާ ގުޅިފައިވާ ކަމެކެވެ.
އެމެރިކާގެ ޓިއުލޭން ޔުނިވަރސިޓީގެ ދިރާސާވެރިން ވަނީ އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 11،000 މީހުންގެ ޞިއްޙީ މަޢުލޫމާތު ތިން އަހަރު ދުވަހުގެ މުއްދަތަށް ދިރާސާކޮށްފައެވެ. ’ޔޫރަޕިއަން ހާޓް ޖާނަލް‘ ގައި ޝާއިޢުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން އަލި އެޅޭ މީހުންގެ ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަމަށް ގެއްލުންހުރި ބަދަލުތަކެއް އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.
ދިރާސާގެ ބައިވެރިން ނިދާފައި ތިބޭއިރު އެމީހުންގެ ގައިގައި އަލި ޖެހޭ މިންވަރު ބެލުމަށްޓަކައި އެއް ހަފްތާ ވަންދެން އަތުގައި ސެންސަރު އަޅުވާފައި ބެހެއްޓިއެވެ. މީގެ ތެރެއިން ބައެއް މީހުން މުޅިންހެން އަނދިރީގައި ނިދިއިރު، އަނެއްބައި މީހުން ނިދީ ކޮންމެވެސް މިންވަރެއްގެ އަލިކަމާއި އެކުގައެވެ.
ތިން އަހަރު ފަހުން، ދިރާސާވެރިން ވަނީ އެ ދިރާސާގެ ބައިވެރިންގެ ’ކާޑިއޯވެސްކިއުލަރ މެގްނެޓިކް ރެޒޮނަންސް‘ ސްކޭންތަކެއް ހަދާފައެވެ. ރޭގަނޑު އެންމެ ގިނައިން އަލި އެޅުނު ބައިވެރިންގެ ހިތުގެ ވާތު ވެންޓްރިކަލް، ހަށިގަނޑުގެ އެކި ހިސާބުތަކަށް އޮކްސިޖަން އެކުލެވޭ ލޭ ފޮނުވައިދޭ ހިތުގެ ބައިގެ ފާރުތައް ބޯވެފައިވާކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން، ހިތް ތެޅޭ ކޮންމެ ފަހަރަކު ހިތުގެ ތެޅުމުގެ ޤާބިލުކަން ކުޑަވެފައިވާ ކަމުގެ ނިޝާންތައް ވެސް އެމީހުންގެ ހިތުން ފެނިފައިވެއެވެ.
ދިރާސާވެރިން ބުނި ގޮތުގައި، ރޭގަނޑު ނިދާ ވަގުތު އަލި އެޅުމުގެ ސަބަބުން ހިތުގެ ޞިއްޙަތަށް އަސަރުކުރަނީ ނިދުމަށާއި ހަށިގަނޑުގެ ޤުދުރަތީ ’ސަރކާޑިއަން ރިދަމް‘ ނުވަތަ ބަޔޮލޮޖިކަލް ގަޑިއަށް ބުރޫއެރުމުގެ ސަބަބުންނެވެ. މީގެ ކުރީގެ ދިރާސާތަކުން ދައްކާ ގޮތުގައި، ރޭގަނޑު އަލި އެޅުމަކީ ނިދާ ވަގުތު ކުރުވުމާއި ހަށިގަނޑުގެ ޤުދުރަތީ ތަރުތީބަށް ބުރޫއެރުމާ ގުޅިފައިވާ ކަމެކެވެ. މިއީ ހިތާއި ލޭހޮޅިތަކުގެ މަސައްކަތަށް ނޭދެވޭ އަސަރު ފޯރުވާފާނެ ކަންކަމެވެ.
ޓިއުލޭން ޔުނިވަރސިޓީގެ ޕްރޮފެސަރ އަދި މި ދިރާސާގެ އިސް މުސައްނިފު ލޫ ޗީ ވިދާޅުވީ، ”އަލީގެ ތަޣައްޔަރުކަން މިވަނީ ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ އާ ނުރައްކަލެއްގެ ގޮތުގައި ފާހަގަކުރެވިފައި،“ ކަމަށެވެ.
މި ހޯދުންތަކުން ދައްކާ ގޮތުގައި، އެނދު ކައިރީގައި ހުންނަ މޭޒުމަތީގައި ބާއްވާފައި އޮންނަ ފޯނުގެ ސްކްރީން ނުވަތަ ކުޑަކޮށް ހުޅުވިފައި ހުންނަ ދޮރަކުން ވަންނަ އަލި ފަދަ، ނިސްބަތުން ފަނޑު އަލިތަކަކީ ވެސް ރޭގަނޑުގެ ވަގުތު ހަށިގަނޑަށް އަލި އެޅުމަށް މެދުވެރިވާ ސަބަބުތަކެވެ.
މާހިރުން ވިދާޅުވާ ގޮތުގައި، ނިދާ ގަޑީގައި އަލި އެޅޭ މިންވަރު މަދުކުރުމަކީ މީހުންނަށް ފަސޭހަކަމާއެކު އަދި ޚަރަދެއް ނުކޮށް އެޅިދާނެ ފިޔަވަޅެކެވެ. މި ދިރާސާގައި ބައިވެރިވެވަޑައިނުގަންނަވާ، ޖަރުމަނުގެ ޔުނިވަރސިޓީ މެޑިކަލް ސެންޓަރ މައިންޒްގެ ސީނިއަރ ޕްރޮފެސަރ އަދި އެންވަޔަރަންމަންޓަލް ކާޑިއޮލޮޖިސްޓް ތޯމަސް މުންޒެލް ލަފާދެއްވާފައިވަނީ، އަލި ނުވަންނަ ބްލެކްއައުޓް ދޮރުފޮތި ބޭނުންކުރުމަށާއި، މަޑު ކުލަތަކުގެ ނައިޓް ލައިޓް ޚިޔާރުކުރުމަށާއި، އިލެކްޓްރޯނިކް ސާމާނުތަކުގައި ހުންނަ ކުދި ސްޓޭންޑްބައި ބޮކިތައް ނިވާކުރުމަށެވެ.
ދިރާސާވެރިން ވިދާޅުވީ، ރޭގަނޑު އަލި އެޅޭ މިންވަރު ކުޑަކުރުމަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ މުހިންމު މަސައްކަތެއްގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ.
![]()
