އީރާނުން އެމެރިކާއަށް އިތުބާރު ނުކުރާނެކަމަށް ބުނެފި

Loading

Facebook
Twitter
WhatsApp

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވެފައިވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް ވޮޝިންޓަންގެ ޖަވާބަކަށް އީރާނުން އިންތިޒާރު ކުރަމުންދާއިރު، އެމެރިކާއާއެކު ކުރާ މަޝްވަރާތަކަށް ތެހެރާނުން ދެން އިތުބާރު ނުކުރާ ކަމަށެވެ.

ޕެޒެޝްކިއާން ވިދާޅުވީ، މީގެ ކުރިން ކުރެވުނު މަޝްވަރާތަކަށް ފަހު ވެސް ޙަމަލާތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ކުރިމަތިވެފައިވާ ކަމަށާއި، އެހެންކަމުން އައު އެއްބަސްވުމަކަށް ބިންގަލެއް އެޅުމަށް އީރާނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. މިވަގުތު މެދުވެރިއެއްގެ ދައުރު އަދާކޮށް، ތެހެރާނުގެ މެސެޖުތައް ވޮޝިންޓަނަށް ފޯރުކޮށްދެމުން ގެންދަނީ ޤަޠަރާއި ޕާކިސްތާނުންނެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޤްޗީ ވަނީ ހަތް ދުވަހުގެ ޕްލޭނެއްގެ ޚުލާޞާ ހާމަކުރައްވާފައެވެ. މި ޕްލޭނުގެ ދަށުން ފުރަތަމަ ފިޔަވަޅުތަކަށް ހަތަރެއް ނުވަތަ ފަސް ދުވަސް ނަގާއިރު، ހަވަނަ ދުވަހު ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލެވޭނެއެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހިމެނޭ ގޮތަށް، ޖުމްލަ އެއްބަސްވުމަކަށް ވާސިލުވުމުގެ މަޝްވަރާތައް ފެށޭނީ ހަތްވަނަ ދުވަހުއެވެ.

މި ހުށަހެޅުމުގައި ވޮޝިންޓަނަށް ޝަރުޠުކޮށްފައިވަނީ، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުމަގުގެ ބަންދު އުވާލުމަށާއި، އީރާނުގެ ތެޔޮ ވިއްކުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދޫކޮށްލުމަށާއި، ފްރީޒްކޮށްފައިވާ އީރާނުގެ ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރުގެ އެސެޓްތައް ދޫކޮށްލުމުގެ އިތުރުން ސަރަޙައްދީ ހަނގުރާމަ ހުއްޓާލުމަކަށް ޢަމަލުކުރުމަށެވެ.

އޭގެ ބަދަލުގައި، ހަނގުރާމައިގެ ކުރިން ދުނިޔޭގެ ވިޔަފާރިކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރި މުހިންމު ބައިނަލްއަޤްވާމީ ހަކަތައިގެ މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި އީރާނުން އަލުން ހުޅުވައިލާނެއެވެ.

މީގެއިތުރުން، އެ ކަނޑުއޮޅި ބަންދުކުރުމުގެ ޒިންމާ އީރާނުން ނަގަންޖެހޭ ކަމަށް ދެކެވޭ ވާހަކަތައް ޕެޒެޝްކިއާން ވަނީ ދޮގުކުރައްވާފައެވެ. އަދި އެ ޙާލަތަކީ އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ދިން ރައްދެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ހަމައެއާއެކު، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ، ވިޔަފާރި އުޅަނދުފަހަރަށް އެ ކަނޑުއޮޅި އަލުން ހުޅުވައިލެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް