ސްޓެންފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި، އިންސާނާގެ ސިކުނޑިއަކީ އެތައް ސަތޭކަ މިލިއަން އަހަރެއްގެ ތެރޭގައި ވަކިވަކިން އުފެދި، އެއް ގުނަވަނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ގުޅިފައިވާ ދެ ގުނަވަނަކަށް ވެދާނެއެވެ. މިއީ އެމިއޯޓްރޮފިކް ލެޓަރަލް ސްކްލެރޯސިސް އާއި ސްޕައިނަލް މަސްކިއުލަރ އެޓްރޮފީ ފަދަ ސިކުނޑީގެ ބުޑަށް އަސަރުކުރާ ބަލިތައް ދިރާސާކުރުމަށް އެހީތެރިވެދޭނެ ހޯދުމެކެވެ. އެމްބްރިއޯ އުފެދި ބޮޑުވަމުން އަންނަ ގޮތުގެ މައްޗަށް ބިނާކޮށް ކުރި މި ދިރާސާ ޝާއިއުކޮށްފައިވަނީ ”ނޭޗަރ ނިއުރޯސައިންސް“ މަޖައްލާގައެވެ.
އެތައް ހާސް އަހަރުތަކެއް ވަންދެން ސިކުނޑި ބެލެވިފައި އޮތީ އެއް ގުނަވަނެއްގެ ގޮތުގައެވެ. އަދި އިންސާނާ އުފެދުމުގެ ކުރީކޮޅު އެންމެ ސެލްއަކުން މުޅި ސިކުނޑި އުފައްދާ ކަމަށް ސައިންސްވެރިން ޒަމާނުއްސުރެ ޤަބޫލުކުރަމުން އައެވެ. ނަމަވެސް، ސްޓެންފޯޑްގެ ދިރާސާވެރިން ހޯދި ގޮތުގައި، ސިކުނޑީގެ މައިގަނޑު ތިން ބައިގެ ތެރެއިން އެއްބައި ކަމަށްވާ ސިކުނޑީގެ ފަހަތުބައި ”ހައިންޑްބްރެއިން“ އުފެދެނީ، ކުރީބައި ކަމުގައިވާ ”ފޯރބްރެއިން“ އަދި މެދުބައި ކަމުގައިވާ ”މިޑްބްރެއިން“ އުފެދޭ ގޮތާ މުޅިން ތަފާތު މަގަކުންނެވެ.
ދިރާސާވެރިން ފާހަގަކުރި ގޮތުގައި، ސިކުނޑީގެ ކުރީބަޔާއި ފަހަތުބައި އުފެދެނީ ތަފާތު އަސްލު ސެލްތަކުންނެވެ. މިއިން ދޭހަވަނީ އެއީ ފަހުން އެކުގައި މަސައްކަތްކުރާ ވަކި ދެ ނާރުގެ ނިޒާމު ކަމަށް ވެދާނެ ކަމެވެ. ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، މީގެ ތެރެއިން އެއް ނިޒާމަކީ ނޭވާލުމާއި ހިތުގެ ވިންދު ޖެހުން ފަދަ ހަށިގަނޑުގެ މުހިންމު ކަންކަމަށް ޒިންމާވާ ނިޒާމެކެވެ. އަނެއް ނިޒާމު ގުޅިފައިވަނީ ބަސްމޮށުންތެރިކަމާއި، ވިސްނުންތެރިކަމާއި، އަދި ފުން ފިކުރުތައް ފަދަ މަތީ ފަންތީގެ މަސައްކަތްތަކާއެވެ.
ދިރާސާވެރިން މި ހޯދުން ހޯދާފައިވަނީ އެމްބްރިއޯ އުފެދެމުން އަންނަ ގޮތް ދިރާސާކޮށް، ސިކުނޑީގެ ކުރީބަޔާއި މެދުބައި އުފެދޭ މަގާ އެއްވަގުތެއްގައި، ފަހަތުބައި އޭގެ އަމިއްލަ ވަކި މަގަކުން އުފެދެމުން އަންނަކަން ދެނެގަނެގެންނެވެ. މި ދިރާސާގެ އިސް ލިޔުންތެރިޔާ އަދި ސްޓެންފޯޑްގެ ޑިވެލޮޕްމެންޓަލް ބަޔޮލޮޖީ ޕްރޮފެސަރ ޑރ. ކައިލް ލޯ ވިދާޅުވީ، މި ހޯދުމުގެ ސަބަބުން ލެބޯޓްރީ މާހައުލެއްގައި ސިކުނޑީގެ ފަހަތުބައިގެ ނިއުރޯންތައް އުފައްދައި، އެ ސެލްތައް މަސައްކަތްކުރާ ގޮތް ދިރާސާކުރުމުގެ ފުރުސަތު ސައިންސްވެރިންނަށް ލިބިގެންދާނެ ކަމަށެވެ.
މި ހޯދުމުގެ ސަބަބުން، ވަކި ބާވަތްތަކެއްގެ ސިކުނޑީގެ ސެލްތައް އުފެއްދުމުގައި ސައިންސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ސަބަބު ދެނެގަތުމަށް އެހީތެރިވެދޭނެއެވެ. އަދި ބްރެއިންސްޓެމްއަށް އަސަރުކުރާ ބަލިތައް ދިރާސާކުރުމަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މަސްދަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސްޕައިނަލް މަސްކިއުލަރ އެޓްރޮފީއަކީ އެއް އަހަރުން ދަށުގެ ކުޑަކުދިން މަރުވުމަށް މެދުވެރިވާ ވާރުތަވާ މައިގަނޑު އެއް ސަބަބެވެ. އަދި އޭ.އެލް.އެސް އާންމުކޮށް ފެންނަނީ އުމުރުން 40 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންގެ ކިބައިންނެވެ.
މި ދެ ބަލީގައިވެސް، ވަގުތު ފާއިތުވަމުންދާ ވަރަކަށް ބްރެއިންސްޓެމްގައިވާ ނިއުރޯންތަކުގެ މަސައްކަތް ހުއްޓި، ކާތަކެތި ދިރުވުމާއި ނޭވާލުން ފަދަ ގާބިލުކަން މީހާގެ ކިބައިން މަޑުމަޑުން ގެއްލެމުންދެއެވެ.
މީގެ އިތުރުން، އިންސާނުންނާ 600 އާއި 700 މިލިއަން އަހަރު ކުރިން ވަކިވެފައިވާ ޖެލީފިޝްގެ ކިބައިންވެސް ވަކިވަކި ނާރުގެ ނިޒާމުތަކުގެ މިފަދަ ގޮތްތަކެއް ފެނިފައިވާ ކަމަށް ދިރާސާއިން ދައްކައެވެ. އެހެންކަމުން، މި ހޯދުންތަކުގެ ސަބަބުން، އިންސާނާގެ މުޅި ސިކުނޑި އުފެދުނީ އެންމެ ގުނަވަނެއްގެ ގޮތުގައި ކަމަށް ޒަމާނުއްސުރެ ކުރަމުން އައި ޤަބޫލުކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެ، ސިކުނޑީގެ އެކި ބައިތައް އުފެދި މަސައްކަތްކުރާ ގޮތް ދިރާސާކުރުމަށް ތަފާތު އައު މަގެއް ދިރާސާވެރިންނަށް ތަނަވަސްވެގެންދެއެވެ.
![]()
