ޖަޕާނުގެ ހެލްތު މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި ޖަޕާނުގައި އުމުރުން ސަތޭކަ އަށްވުރެ ގިނަ އަހަރު ފުރިފައިވާ 100،000އަށްވުރެ ގިނަމީހުން މިހާރު އެބަތިއްބެވެ. މިއީ މިއަދަދު މިހާމައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖަޕާނުގައި މިވަގުތު 107،677 ސެންޓެނޭރިއަނުން ނުވަތަ އުމުރުން ސަތޭކަ އަހަރު ނުވަތަ އެއަށްވުރެ މައްޗަށް ގޮސްފައިވާ މީހުން، އެބަތިއްބެވެ.ޖަޕާނަކީ މުޅި ދުނިޔޭގައިވެސް ސެންޓެނޭރިއަނުން އެންމެ ގިނަ ގައުމަށްވާއިރު މިހާރު ތިބި ސެންޓެނޭރިއަނުން ގެ 88އިންސައްތަ އަކީ އަންހެނުން ކަމަށް ވެއެވެ.
އުމުރުން އެންމެ ދުވަސްވީ އަންހެނަކީ ކިޔޯޓޯ ސިޓީ އަށް ނިސްބަތްވާ އުމުރުން 114 އަހަރުގެ ކިޝިމޯޓޯ ފޫޔޯ އެވެ.އަދި އެންމެ އުމުރުން ދުވަސްވީ ފިރިހެނަކީ ކުމަމޯޓޯ އަށް ނިސްބަތްވާ އުމުރުން 112 އަހަރުގެ ކާޓޯ ހިކާރޫ އެވެ.
ޖަޕާނުގެ ހެލްތު މިނިސްޓަރ ކެނިޗީރޯއުއީނޯ ވިދާޅުވި ގޮތުގައި އެހާގިނަ އަދަދެއްގެ ބަޔަކަށް ދިގު އުމުރެއްލިބި ސިއްހަތު ސަލާމަތުން ތިބެ ހަރަކާތްތެރި ކަމާއިއެކު ދިރިއުޅެމުން ގެންދާތީ އޭނާ އުފާކުރައްވައެވެ.އަދި މިކަމުން ދައްކާދެނީ ޖަޕާނުގެ ސިއްހީ ހިދުމަތްތަކާއި ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރު ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
މިއާއެކުވެސް އުމުރުން ދުވަސްވީމީހުން މިހާ ގިނަ ވުމުން ދެމެހެއްޓެނިވި ގޮތެއްގައި ސޯޝަލް ސެކިއުރިޓީ ނިޒާމެއް ހިންގުމަށް ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާކަން އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.
އެކްސްޕަރޓުން ފާހަގަ ކުރާ ގޮތުގައި ޖަޕާނުގައި މީހުންގެ އުމުރު އެހާ ދިގުވަނީ ސިއްހަތަށް ފައިދާހުރި ކެއުންތައް ބޭނުން ކުރުމާއި އަދި ހަރަކާތްތެރި ދިރިއުޅުމެއް އުޅޭތީއެވެ.ޖަޕާނުގެ ގިނަ މީހުން އާންމުކޮށް ކެއުމަށް ބޭނުންކުރާ އެއްޗެތީގެ ތެރޭގައި ފަރުމަސް، ގިނައަދަކަށް ތަރުކާރީ އަދި ހުދުބަތް ހިމެނެއެވެ.އަދި ފެޓް ގެ ގޮތުގައި ހިމެނޭ ކެއުންތައް ބޭނުން ކުރާލެއް ވަރަށް މަދު ކަމަށް ވެއެވެ.
އެންމެންވެސް،ޚާއްސަކޮށް އުމުރުން ދުވަސްވީމީހުން ކޮންމެ ދުވަހަކުވެސް ހިނގުމަށް ލޯބިކުރާއިރު ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކޮށް ބައިސްކަލް ދުއްވުމާއި ކަސްރަތުކޮށް ސްޓްރެޗް ކުރުން ފަދަ ކަންކަމަކީވެސް ޖަޕާން މީހުން އާނުކޮށް ކުރާ ކަންކަމެވެ.
ޖަޕާނުގައި މުސްކުޅިން ގިނަވެ، އެނދުމަތިވާ މުސްކުޅިންގެ ޖައްސާ އެޑަލްޓް ނެޕީ ވިކޭމިންވަރު، ބޭބީ ނެޕީ ވިކޭވަރަށް ވުރެ އިތުރު ވެފައިވާތާ ދިހަ އަހަރަށް ވުރެގިނަ އަހަރުވެފައިވާ ކަމަށް ޚަބަރު ތައް ބުނެއެވެ.
ޖަޕާނުގައި މުސްކުޅި އާބާދީ އަށް ޚާއްސަކޮށްގެން ކުންފުނި ތަކުންވެސް ތަފާތު ޕްރޮޑަކްޓް ތައް އުފައްދަންވެސް ވަނީ ފަށާފައެވެ.މިގޮތުން ހަށިގަނޑުގެ އެކިބައިބައި ހަރަކާތް ކުރުވަން އެހީތެރިވެދޭ އެކްސޯ-ސްކެލިޓަން ތަކާއި އަމިއްލަޔަށް އެޖަސްޓްވާ އައިނުތައްފަދަ ތަކެތި އުފައްދަން ވަނީ ފަށާފައެވެ.
ޖަޕާނުގެ މުސްކުޅި އާބާދީ ގެ ހާލަތު ބަދަލު ކޮށްލުމަށް މިހާރު ތިބި ކޮންމެ އަންހެނަކު އިތުރު2 ކުދިން ވިހަން ޖެހެއެވެ.ނަމަވެސް މިދިޔަ އަހަރުވެސް ޖަޕާންގެ ފަރޓިލިޓީ ރޭޓަކީ 1.14 އެވެ.
2070 ވަނަ އަހަރު އަންނަންވާއިރަށް ޖަޕާނުގެ އާބާދީ 87 މިލިއަންއަށް ތިރިވާނެ ކަމަށް ދަނީ ބެލެމުންނެވެ.މިއީ އާބާދީ އެންމެ މައްޗަށް ދިޔަ 2008 ވަނަ އަހަރުގެ އާބާދީ ކަމަށްވާ128 މިލިއަނަށް ވުރެ 30 އިންސައްތަ މަދު ވުމެކެވެ.
އުމުރުން 65 އަހަރު އަދި އެއަށްވުރެމަތިވެފައިވާ މީހުންގެ މިހާރުގެ އިންސައްތައަކީ 30 އިންސައްތަކަށްވާއިރު 2070 އަންނަންވާއިރު މިއަދަދު 40 އިންސައްތައަށް އިތުރު ވާނެއެވެ.
ސެންޓެނޭރިއަނުން ގެ ސަރވޭ 1963 ގައި ފެށި އިރު ތިބީ 153 މީހުން ކަމަށް ވެއެވެ. 1981 ގައި އެއްހާސް މީހުން ތިބިއިރު 1998 ގައި މިއަދަދުވަނީ 10،000 އަށް އަރާފައެވެ.
![]()
