އެމެރިކާއަށް ގަލްފުގެ ގައުމުތައް ގެއްލެނީ ހެއްޔެވެ ؟

Loading

Facebook
Twitter
WhatsApp


އީރާނާ ދެކޮޅަށް އެމެރިކާއިން މިލިޓްރީ އަދި އިގްތިސާދީ ގޮތުން އެންމެ ބޮޑެތި ހަމަލާތައް ދެމުން ގެންދާއިރު އީރާނުގެ އިލައިޓް ލަޝްކަރުން އިރާގުގެ އިރްބީލް އާއި ސުލައިމާނިއާގައި ހަރަކާތްތެރި ވަމުންގެންދާ ސީ އައި އޭ އާއި ގުޅުން ހުރި އިރާގުގެ ކުރުދީ މިލިޝިއާއަށް ކުއްލި ހަމަލާތަކެއް ދީފިއެވެ.

އެމެރިކާ ސިފައިންގެ ރިޓަޔާރޑް ކާނަލް އެންތަނީ އާގިލާރގެ ދިރާސާ ރިޕޯރޓުގައި މިއީ އާންމު ކްރޮސްބޯޑަރ ހަމަލާތަކަކަށްވުރެން ބޮޑަށް ރޭވިގެން ހިންގި މިލިޓްރީ ހަމަލާއެއް ކަމުގައި ސިފަކޮށްފައިވެއެވެ.
އީރާނުގެ މިލިޓްރީ ކޮމާންޑަރުގެ މުސްތަޝާރު މޭޖަރ ޖެނެރަލް މުޖްތަބާ ޖަފާރީ މައުލޫމާތު ދެއްވާފައިވާ ގޮތުގައި އީރާނުގެ 23 ވަނަ އިލައިޓް ލަޝްކަރުން ކުރުދީންގެ އަމާޒުތަކަށް 14 ހަމަލާދިންކަމަށް ވެއެވެ. މި ހަމަލާތަކުގައި ސީ އައި އޭ އިން އީރާނާ ދެކޮޅަށް ހަރަކާތްތެރިވުމަށް ތަމްރީނު ދެމުންގެންދާ މިލިޝިއާގެ ވަރަށް ގިނަ ސްޓްރޯންގް ހޯލްޑްތަކެއް އެއްކޮށް ނައްތާލުމާއެކު މިލިޝިއާގެ އިސް މީހުންނާއެކު ގިނަ ބަޔަކު އީރާނުން ހައްޔަރުވެސް ކުރިކަމަށްވެއެވެ. އަދި ސީ އައި އޭ ގެ އިންޓެލިޖެންސް ނެޓްވާރކްތައްވެސް ވަނީ ނައްތާލާފައެވެ. އަދި އެ ހަމަލާތައް ކާމިޔާބު ކަމާއެކު ނިންމާލުމަށްފަހު އީރާނުގެ އިލައިޓް ލަޝްކަރުގެ ހުރިހާ ސިފައިން ސަލާމަތުން އެނބުރި ގައުމަށް އައި ކަމަށް ވެއެވެ. މިއީ ރައީސް ޓްރަމްޕްގެ މޫނުމަތީގައި އީރާނުން ޖެހި ވަރުގަދަ ތަފާލެކެވެ. މެދުއިރުމަތީގައި ހަރަކާތްތެރި ވަމުންގެންދާ އެމެރިކާގެ އެންމެ ޚާއްސަ މިލިޝިއާ ގުރޫޕަށް އީރާނުން ދިން ހަމަލާއަކީ މިލިޓްރީ ބަހުރުވައިން ބުނާނަމަ އެމެރިކާގެ ބަނޑުކޮޅުގައި ބާރަށް ކޮޅުފައިންޖެހުންކަމަށްވެސް ކާނަލް އާގިލާރ ސިފަކޮށްފައިވެއެވެ.
އިރްބީލް އާއި ސުލައިމާނީ އަކީ ހަމައެކަނި އީރާނާ ދެކޮޅަށް ހަރަކާތްތެރިވަމުންގެންދާ އެމެރިކާގެ ޖާސޫސީ އިދާރާ ސީ އައި އޭ ގެ ތަމްރީން މަރުކަޒެއްނޫނެވެ. އެއީ އެމެރިކާގެ ލަޝްކަރުތަކަށް މައުލޫމާތު ފޯރުކޮށް ދިނުމަށްޓަކައި ހަރަކާތްތެރި ވަމުންގެންދާ ސީ އައި އޭ ގެ މައި މަރުކަޒެވެ. ފާއިތުވެގެން މިދާ އަހަރުތަކުގައި ސީ އައި އޭ އަދި އިސްރާއީލުގެ މޮސާޑް ގުޅިގެން އީރާނާ ދެކޮޅަށް ވަރަށް ގިނަ ހަމަލާތަކެއް އެތަނުގައި ވަނީ ރާވާފައެވެ.
އިރާގުގައި ހަރަކާތްތެރި ވަމުންގެންދާ އީރާނާ ދެކޮޅު މިލިޝިއާ ގުރޫޕްތަކާއި ކުރުދީންގެ ޑިމޮކްރެޓިކް ޕާރޓީ އޮފް އީރާން އާއި ކަމާލާ ޕާރޓީ އަދިވެސް އެހެން ޖަމާއަތްތަކުން ގެންދަނީ އީރާނާ ދެކޮޅު ހަރަކާތްތައް ހިންގުމަށް ސީ އައި އޭ ގެ މިލިޝިއާއަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
އީރާނުން އެ ގުރޫޕްތަކަށް ދީފައިވާ އިންޒާރުގައި ބުނެފައިވަނީ އީރާނުގެ ހުޅަނގު ސަރަހައްދުތަކަށް ނުރައްކާކުރާނަމަ އެ ޖަމާއަތްތައް އެއްކޮށް ނައްތާލާނެކަމަށެވެ. އަދި އަހަރެމެން އިތުރު އިންޒާރެއް ނުދޭނަމެވެ.
މިލިޝިއާ ޖަމާއަތުން ހާމަކޮށްފައިވާގޮތުގައި އީރާން އިލައިޓް ލަޝްކަރުގެ ހަމަލާތަކަކީ ކުރުދިސްތާނުގެ ސެކިއުރިޓީއަށް ހުރި ވަރަށް ބޮޑު ބިރެކެވެ.
ފާއިތުވެގެންމިދާ 80 ވަރަކަށް އަހަރު ދުވަހު ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރުން ރަސްކަންކުރަމުން ގެންދިއުމުގެ ހުރިހާ ބާރަކީ ސައޫދީ އެރޭބިއާއެވެ. އެމެރިކާއިން ބޭނުންގޮތަކަށް ދުނިޔޭގެ ބާޒާރުތައް އެފުށް މިފުށަށް ޖަހައި އިގްތިސާދީ ދަތިކުރުންތައް ކުރިމަތިކޮށް ގައުމުތައް އިނދަ ޖައްސަމުންގެންދިއުމުގައި އެމެރިކާއަށް ބާރު ލިބިފައިވަނީ ޕެޓްރޯ ޑޮލަރުންނެވެ. ނަމަވެސް މިއަދު އީރާނުން ހޮރްމުޒް ކަނޑު އޮޅި ބަންދުކޮށްލައި ހޫތީ މުޖާހިދުން ރެޑްސީގެ ބާބުލް މަންދޫބް ބަންދުކޮށްލުމުން ސައޫދީ އެރޭބިއާއިން ތެޔޮ އެކްސްޕޯރޓް ކުރަމަށް ހުރަސްއެޅި އެ ގައުމުން ރެޑްސީގެ ތެރެއިން ތެޔޮ އެކްސްޕޯރޓްކުރުމަށްޓަކައި އަޅާފައިވާ ބިޔަ ހޮޅިތައްވެސް ހޫތީ މުޖާހިދުންގެ ހަމަލާތަކުގައި ގޮއްވާލުމުން ސައޫދީ އެރޭބިއާއިން ތެޔޮ އެކްސްޕޯރޓް ކުރުމުގެ ވަސީލަތްތައް އެކުގައި ބަންދުވެގެންދިޔައީއެވެ. ސައޫދީ އެރޭބިއާއަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ސައޫދީގެ ބިމާއި ވަސީލަތްތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ބައިވެރިޔާ އެމެރިކާގެ އެހީއަށް އެދުމުން ލިބުނީ “ ކަލޭމެން އަތުގައި ހުޅަނގުން ދީފައިވާ ހަތިޔާރު ހުންނާނެއޭ..ތިޔައީ އަހަރެމެންނާ ބެހޭ ހަނގުރާމައެއް ނޫނޭ ކަލޭމެން އަމިއަލައަށް ގޮތެއް ހޯދާށޭ “ ބުނެ ފިނިޖަވާބެކެވެ. ޚަބަރުތަކުން އެނގޭގޮތުގައި ވަލީ އަހްދު މުހަންމަދު ބިން ސަލްމާން ތަކުރާރުކޮށް އެމެރިކާގެ ރައީސަށް ދެންނެވުމުންވެސް ހަމައެކަނި އިންޓެލިޖެންސް ހިއްސާކޮށްދިނުން ފިޔަވައި އެހެން އެއްވެސް އެހީތެރިކަމެއް ފޯރު ނުދެއްވާނެ ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެމެރިކާއިން އެހީތެރިވެ ނުދޭނެކަން ތަކްރާރުކުރުމުން އިނގިރޭސި ވިލާތުގެ މަދަދަށްވެސް ސައޫދީ އެރޭބިއާއިން އެދުނުކަމަށާއި ލިބުނީ އެމެރިކާއިންވެސް ދިން ޖަވާބު ކަމުގައި ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ. އަދި މިސްރާއީ ތުރުކީ އަދި ޕާކިސްތާނުންވެސް ހޫތީ މުޖާހިދުންނާއި ސައޫދީ އެރޭބިއާގެ ދެކޮޅުވެރިކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާކަމަށްވެސް މީޑިއާތަކުން ހާމަކޮށްފައި ވެއެވެ. މި ހާލަތުގައި ސައޫދީ އެރޭބިއާއަށް ހުޅުވިފައިވާ މަގުތަކާދޭތެރޭ ބަހުސް ކުރައްވާ މިލިޓްރީ އަދި ސިޔާސީ ތަޖްރިބާކާރުންގެ ވިސްނުމުގައި މައިގަނޑު ދެ ގޮތަކާދޭތެރޭ ޚިޔާލު ފާޅުކޮށްފައި ވެއެވެ. ފުރަތަމަ ގޮތަކީ ސައޫދީ އެރޭބިއާއިން އިސްރާއީލާ ގުޅުމެވެ. މިއީ އެމެރިކާގެ ރައީސް ބޭނުންފުޅުވާނެ ގޮތެވެ. ދެވަނަގޮތަކީ ޗައިނާއާއި ރަޝިޔާ އަދި އީރާނުގެ ފަރާތަށް ލެނބުމެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ މައްސަލާގައި ސައޫދީ އެރޭބިއާގެ ސިޔާސީ ވިސްނުން ހުންނަގޮތުން އިސްރާއީލާއެކު ގުޅުން ގާއިމްކުރުން ވަރަށް ދުރު ކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ.
ސައޫދީ އެރޭބިއާއަށް މި ދިމާވި މައްސަލާގައި އެމެރިކާގެ އަސްލު ސިފަ ފެނިގެން އެދިޔައީ ކަމުގައި ތަޖްރިބާކާރު މުހައްލިލުންގެ ވިދާޅުވުންތަކުން މީޑިއާވަނީ ފުރާލާފައެވެ. އެމެރިކާއިން އަރަބި ގައުމުތައް އީރާނުގެ ކިބައިން ސަލާމަތްކުރުމުގެ ނަމުގައި އެ ގައުމުތަކަށް އޮޅުވާލައިގެން އެމެރިކާއިން ބޭނުންވަނީ އިސްރާއީލު ހިމާޔަތް ކުރުމެވެ. އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައި އަސްލަކީވެސް އެއީ ކަމުގައި ދުނިޔޭގެ ގިނަ މިލިޓްރީ ތަޖްރިބާކާރުންނާއި އަދި އެމެރިކާގެ މިލިޓްރީ އިސް ބޭފުޅުންވެސް އެގެންދަނީ ދުނިޔެއަށް ހާމަކޮށް ދެމުންނެވެ. ގަލްފު ސަރަހައްދުގައި އެމެރިކާގެ ބެރަށް ނުނަށާނެ ހަމައެކަނި ގައުމަކީ އީރާން ކަމާއި އިސްރާއީލުގެ ހަންފެތުރުމުގެ ސިޔާސަތަށް ގޮންޖެހުމަކަށް ވާނީވެސް ހަމައެކަނި އީރާންކަން އެމެރިކާއަށް އެނގޭތީވެ އީރާނަކީ އަރަބި ގައުމުތަކަށް ނުރައްކަލެއްކމުގެ ވަސްވާސްތަކުން އަރަބި ލީޑަރުންގެ ސިކުނޑިފުޅުތައް ކަޅުކުރަމުންގެންދަނީއެވެ. މިއަދު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި އަރަބި ގައުމުތަކުން ބޭރުގެ ހިމާޔަތަށް ނޭދި އަމިއްލަ ފައިމައްޗަށް ތެދުވުމަށާއި އީރާނަކީ ދުޝްމަނެއް ކަމުގައި ނުބެލުމަށް ތަޖްރިބާކާރުންގެ މަޝްވަރާތައް މީޑިއާގައި އޮހެމުންދަނީއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް