މައްކާއަށް އަމާޒުވި ހަމަލާއަކުން ސަލާމަތްވީ ހަމަ ކިރިޔާ!

Loading

Facebook
Twitter
WhatsApp

ޔަމަނުގެ ހޫތީން ޖަމާއަތުން މައްކާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް، އެގައުމުގެ ކޯލިޝަން ފައުޖުތަކުން ހުއްޓުވައި ގޮއްވާލާފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ. ސަރަހައްދީ ނުތަނަވަސްކަން އިތުރުވަމުންދާ މިދަނޑިވަޅުގައި މި ހާދިސާއާ ގުޅިގެން އިސްލާމްދީނުގެ އެންމެ މާތް ސިޓީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މި ހާދިސާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އިން ވަނީ ކުށްވެރިކޮށްފައެވެ. އަދި މައްކާއާއި މަދީނާ ސަރަހައްދަށް އަމާޒުކޮށް ދޭ ކަމަށް ބުނާ މިފަދަ ހަމަލާތަކަކީ މާތްވެގެންވާ ބިންތަކާއި މިސްކިތްތަކުގެ ހުރުމަތް ކެނޑުން ކަމަށް އެ ޖަމާއަތުން ސިފަކުރިއެވެ. އެ ޖަމާއަތުން ވަނީ ސައުދީ އަރަބިއްޔާއާއެކު ސާބިތުކަމާއެކު އޮތްކަން ހާމަކޮށް، އެގައުމުގެ މާތްވެގެންވާ ބިންތަކާއި އާންމު ރައްޔިތުންނާއި އިސްތިގުލާލު ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅުތަކަށް ތާއީދުކުރާކަން ފާޅުކޮށްފައެވެ.

މިކަން ހިނގާފައި މިވަނީ މުޅި ސަރަހައްދުގައި ހަނގުރާމައާއި ނުތަނަވަސްކަން ދެމިއޮތް ދަނޑިވަޅެއްގައެވެ. ސައުދީ އަރަބިއްޔާގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ ތެޔޮ ހޮޅިއަކަށް ދިން ހަމަލާއަކާ ގުޅިގެން، ޔަންބުއު ޓާމިނަލުން ތެޔޮ ބޭރުކުރުން ވެސް އެގައުމުން މިހާރު ވަނީ މެދުކަނޑާލާފައެވެ. މިއީ ދުނިޔޭގެ ހަކަތައިގެ ސަޕްލައިއާމެދު އިތުރަށް ކަންބޮޑުވުން އުފެދިގެން ދިޔަ ކަމެކެވެ. ބުދަ ދުވަހުގެ ފަތިހު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 107.82 ޑޮލަރުގައި ހުރިއިރު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ހުރީ 104.86 ޑޮލަރުގައެވެ.

މި ދަނޑިވަޅުގައި އެމެރިކާއިން ވަނީ ސައުދީ އަރަބިއްޔާއަށް ދަތުރުފަތުރު ކުރުމުގައި ސަމާލުވާންވީ ދަރަޖަ ”ލެވެލް 3“ އަށް މަތިކޮށްފައެވެ. އަދި ހަތިޔާރު އެޅި ހަމަނުޖެހުންތަކާއި، ޓެރަރިޒަމްގެ ނުރައްކަލާއި، އީރާނުން ދީފާނެ މިސައިލާއި ޑްރޯން ހަމަލާތަކުގެ ނުރައްކާ އޮތުމުން، ސައުދީއަށް ދަތުރުކުރުމާމެދު އަލުން ވިސްނުމަށް އެގައުމުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލަށް 40،000 ބަރު ބޮން ހިމެނޭ ގޮތަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ ޕެކޭޖެއް ދިނުމަށް އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ.

ކޮންގްރެޝަނަލް ބަޖެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، އީރާނާއެކު ކުރަމުންދާ ހަމަސް ދުވަހުގެ ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް 38 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. އަދި މަހުން މަހަށް މި ޚަރަދު އިތުރަށް ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ. ރިޕޯޓުގައި އިންޒާރު ދީފައިވާ ގޮތުގައި، އެމެރިކާގެ މަދުވަމުންދާ ހަތިޔާރުގެ ސްޓޮކް އަލުން ފުރިހަމަކުރުމަށް އެތައް އަހަރެއް ނަގާފާނެއެވެ.

މި ފަހުގެ ކަންތައްތައް މިހެން ހިނގަމުން މިދަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޗައިނާއަށް ދަތުރުކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ. ޗައިނާއިން ދަނީ މި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށްޓަކައި ޚާރިޖީ ގޮތުން ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް