ޕާކިސްތާނުގެ ހޮސްޕިޓަލެއްގެ ނާސަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއިން ސަލާމަތްވި ހަމައެކަނި ތުއްތު ކުއްޖާ ސަލާމަތްކުރި ނަރުސް، 14 ކުދިން މަރުވި އެ ބިރުވެރި ވަގުތުކޮޅުގެ ހަނދާންތައް އާކޮށްފިއެވެ.
އިސްލާމްއާބާދުގެ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ގެ ސްޓާފް ނަރުހެއް ކަމަށްވާ ރަޒިއާ ނޫރީން، އޮގަސްޓް 26 ވަނަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 6:38 ހާއިރު ހެނދުނުގެ އިންޖެކްޝަންތައް ތައްޔާރުކުރަން ހުއްޓާ، ނާސަރީގެ އެއާކޮންޑިޝަނަރ ކައިރިން އަލިފާން ރޯވެފައިވާތަން ފެނުނެވެ. އޭނާ ވަގުތުން އެ ކޮޓަރިއަށް ވަދެ، އެއް ކުއްޖަކު ސަލާމަތްކޮށްގެން ބޭރަށް ނެރުނެވެ. އަދި އެހެން ކުދިން ސަލާމަތްކުރުމަށް އެނބުރި ވަނުމަށް މަސައްކަތްކުރިއެވެ.
ނޫރީން ބުނި ގޮތުގައި ”ބާރުގަދަ ގޮވުމެއް ގޮވި“ އެވެ. އަދި ނާސަރީގެ އެތެރެ ބޯ ދުމުން ވަގުތުން ފުރިގެން ދިޔަ ކަމަށް އޭނާ ކިޔައިދިނެވެ. އޭނާއާއި އިތުރު ދެ ސިއްހީ ޚިދުމަތްތެރިއަކު ބާކީ ތިބި ކުދިންނާ ހަމައަށް ވާސިލްވުމަށް މަސައްކަތްކުރި ނަމަވެސް، އަލިފާންގަނޑު ފެތުރި އަދި ކޮޓަރިން ކަރަންޓު ދިއުމުގެ ސަބަބުން އެ ކުދިންނާ ހަމައަށް ދެވޭ ގޮތެއް ނުވިއެވެ.
އެ ހާދިސާ ހިނގި ވަގުތު ނާސަރީގައި، ވިހޭތާ މާގިނަ ދުވަސް ނުވާ 15 ކުދިން ތިއްބެވެ. އޭގެ ތެރެއިން 14 ކުދިން މަރުވި އިރު، ނޫރީން ސަލާމަތްކުރި ދުވަސްނުފުރާ ވިހާފައިވާ ކުއްޖާ، ހާދިސާ ހިނގިތާ ހަފުތާއެއް ފަހުންވެސް އޮތީ އައިސީޔޫގައި ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއްގައެވެ.
ސަރުކާރުގެ ތަހުގީގު ރިޕޯޓް ބުނާ ގޮތުގައި އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ. ނަމަވެސް ތަހުގީގު ކުރާ ފަރާތްތަކުން ބަލަމުންދަނީ އެއާކޮންޑިޝަނަރ، އިންކިއުބޭޓަރ ނުވަތަ ކަރަންޓު ޝޯޓެއް ވެގެން ހިނގި ކަމެއް ކަމަށެވެ. އަދި އެ ވަގުތު މަސައްކަތުގައި ތިބި ނަރުހުންނާއި ޑޮކްޓަރުން ކުދިން ދޫކޮށްލާފައި ފިލި ކަމަށް ބުނާ ވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށްވެސް އެ ތަހުގީގުން ވަނީ ހާމަވެފައެވެ.
ސަރުކާރުގެ ނަރުހެއްގެ ގޮތުގައި 21 އަހަރު ޚިދުމަތްކޮށްފައިވާ ނޫރީންއަށް ބުރާސްފަތި ދުވަހު ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ޝަރަފު އަރުވާފައެވެ. އޭނާއަށް 10 މިލިއަން ޕާކިސްތާން ރުޕީސް (36،000 އެމެރިކާ ޑޮލަރު) ގެ ޗެކެއް ދެއްވައި، ”ސިތާރާ-އި-ޚިދުމަތް“ ގެ ގައުމީ އިނާމު އަރުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި އެވޯޑާއި ޝަރަފު ލިބުނު ނަމަވެސް، ސަލާމަތް ނުކުރެވުނު ކުދިންގެ ހަނދާންތަކުން އޭނާއަށް އަދިވެސް އަސަރުކުރަމުންދާ ކަމަށް ނޫރީން ބުންޏެވެ. އަލިފާނުގެ ހާދިސާއަށް ފަހު އޭނާއަށް ނިދަން އުނދަގޫވެފައިވާއިރު، ކެއްސުމާއި އެ ކުދިންގެ ރުއިމާއި ހަޅޭކުގެ އަޑުތައް ތަކުރާރުކޮށް ހަނދާނަށް އަންނާތީ އޭނާ ދަނީ ތަހައްމަލު ކުރަމުންނެވެ.
”އަޅުގަނޑު ވަރަށް ދެރަވޭ،އަޅުގަނޑަށް ބާކީ ތިބި ކުދިން ސަލާމަތެއް ނުކުރެވުނު.“ އޭނާ ބުންޏެވެ.
![]()
