އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް ހަމަލާދިނުމާ ގުޅިގެން ވޮޝިންޓަނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި، ހޮރްމޫޒް ކަނޑުއޮޅިއާއި އެ ސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކުގައި އެމެރިކާއާ ގުޅުން އޮންނަ ތިން އުޅަނދަކަށާއި ތިން ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފިއެވެ.
އައި.އާރު.ޖީ.ސީން ބުނި ގޮތުގައި އެ ޖަމާއަތުގެ ކަނޑުގެ ސިފައިން އަމާޒުކޮށްފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ”ހުއްދަ ނެތް“ މަގުތަކުން ދަތުރުކުރި އުޅަނދުތަކަކަށެވެ. އަދި އެމެރިކާއާ ގުޅުން އޮންނަ ތިން އުޅަނދަކަށް އެހެން ސަރަހައްދުތަކުން ހަމަލާދީފައިވެއެވެ. އޭގެ ފަހުން އެ ޖަމާއަތުން ވަނީ، އީރާނުގެ އުޅަނދުތައް ބަންދުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށް ބުނާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކަށާއި ގައިޑެޑް މިސައިލް ޑިސްޓްރޯޔަރަކަށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް ބުނެފައެވެ.
މި ދައުވާތައް ކޮށްފައި މިވަނީ، އައި.އާރު.ޖީ.ސީން އެމެރިކާގެ ދެ ހަނގުރާމަމަތީ މަނަވަރަކަށް ބެލިސްޓިކް މިސައިލް ފޮނުވާލުމާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ ތިން ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އިއުލާނުކުރުމާ ގުޅިގެންނެވެ. ސެންޓްކޮމް އިން ބުނި ގޮތުގައި ހަމަލާދިން އުޅަނދުތަކުގެ ތެރޭގައި ހަރަކާތްތެރި ނުވެވޭ ވަރަށް ހަލާކުކޮށްލި އެމް/ޓީ ޑައުނީ އަދި އެމް/ޓީ ސްޓާކް 1 ހިމެނެއެވެ. އަދި މުދާ ބަރުކޮށްފައި ނުވާ އެމް/ޓީ ކައިލޯގެ ފަޅުވެރިން އެ އުޅަނދު ދޫކޮށް ދިއުމަށް އެންގުމަށްފަހު، އެ އުޅަނދު ވަނީ އެއްކޮށް ހަލާކުކޮށްލާފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ފަހުން ބުނި ގޮތުގައި އެމް/ޓީ ކައިލޯ ވަނީ އޮމާން ކަނޑުގެ ސަރަހައްދަށް އަޑިއަށް ގޮސްފައެވެ.
އީރާނުގެ ސިފައިން އެމެރިކާގެ އުޅަނދުތަކަށް ހަމަލާދިނުން ކުރިއަށް ގެންދާނަމަ، އެގައުމުގެ ތެޔޮ ޓޭންކަރުތައް ”ހަލާކުކޮށް، އަޑިއަށް ފައްތާލާނެ“ ކަމުގެ އިންޒާރު އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވަނީ ދެއްވާފައެވެ. އަދި ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ ވިދާޅުވީ، އެމެރިކާގެ ބޭނުމަކީ އެމެރިކާގެ ސިފައިން ހިމާޔަތްކުރުމާއެކު އައި.އާރު.ޖީ.ސީއަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދިނުން ކަމަށެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ގައުމުގެ ވިޔަފާރި އުޅަނދުތަކަށް ދިން ހަމަލާތައް ކުށްވެރިކޮށް، އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ނަތީޖާގެ ޒިންމާ އެމެރިކާއާއި އޭގެ ބައިވެރިން އުފުލަންޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
އެންމެ ފަހުން ހިނގި މި ކުރިމަތިލުންތަކުގެ ސަބަބުން، ދެފަރާތުން ދެމުންދާ މި ހަމަލާތައް އިތުރަށް ފުޅާވެ، ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އަދި މީގެ ސަބަބުން ވޮޝިންޓަނާއި ތެހެރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
![]()
