އެމެރިކާގެ އިންސްޓިޓިއުޝަން ތަކުގައި އަމިއްލަ ސްޓޭމްޕް ޖެހުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އަމިއްލަ ފޮޓޯ ޖަހާފައި އެއް ޑޮލަރުގެ ފައިސާ ފޮއްޗެއް ހަދައިފިއެވެ.
އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓްގެ ކޮއިން ހެދުމާއި ބެހޭ އިދާރާ މިންޓުން، މި ރަންކުލައިގެ ކޮއިން ބުދަދުވަހު ރިލީސް ކޮށްފައިވަނީ އެމެރިކާގެ 250ވަނަ އެނިވަރސަރީ ފާހަގަ ކުރުމަށެވެ. ކޮއިންގެ މެދުގައި ޓްރަމްޕްގެ ޕޯޓްރެއިޓް ފޮޓޯއެއް ޖަހާފައިވާއިރު ފޮޓޯގެ ވަށައިގެން ”ލިބަރޓީ“ މިލަފްޒްގެ އިތުރުން ”އިން-ގޯޑް-ވީ-ޓްރަސްޓް‘ މި އިބާރާތްކޮޅު ޖަހާފައި ވެއެވެ.މިންޓުން ބުނެފައިވަނީ މިކޮއިން އާންމުކޮށް ބޭނުން ކުރުމަށް ސިސްޓަމަށް ދޫނުކުރާކަމަށާ ނަމަވެސް ލީގަލް ޓެންޑަރ ގެ ގޮތުގައި އަލަށް ނެރުނު ކޮއިން ބޭނުން ކުރެވޭނެ ކަމުގައެވެ.
ދުނިޔޭގައި ހުރި ރައީސެއްގެ ފޮޓޯ އެމެރިކާގެ ފައިސާގައި ޖެހުމަށް ފެޑަރަލް ގާނޫނުތައް މަނާ ކުރިނަމަވެސް އެނިވަރސަރީއާއި ދިމާކޮށް ޓްރަމްޕްގެ ފޮޓޯ ޖަހާފައި ރަންކުލައިގެ ކޮއިނެއް ނެރުމަށް ގާނޫނަށް ވަގުތީ ބަދަލެއް ގެނައި ކަމަށް ވެއެވެ. ކޮއިން ފެންނަނީ ރަންކުލައިގައި ވަނިކޮށް ނަމަވެސް އޭގައި އަސްލު ރަން ނުހިމެނޭ ކަމަށް ވެއެވެ. ކޮއިންގެ މައިގަނޑަކީ 88.5 އިންސައްތަ ކޮޕަރ އެވެ.ދެންހިމެނެނީ ޒިންކް،މެންގަނީސް އަދި ނިކެލް ކަމަށް މިންޓުން މައުލޫމާތު ދީފައި ވެއެވެ.
އަލަށް ނެރުނު ޓްރަމްޕް ގެ ފޮޓޯ ޖެހި އެއްޑޮލަރުގެ ކޮއިން ވިއްކަން ހުރީ 25 ކޮއިންގެ ރޯލް އެއް 61ޑޮލަރަށް އަދި 100 ކޮއިންގެ ކޮތަޅެއް 154.50ޑޮލަރަށެވެ.
މިއީ ފާއިތުވި 100 އަހަރުތެރޭ ދިރިހުރި ރައީސެއްގެ ފޮޓޯ އެމެރިކާގެ ފައިސާގައި ޖެހި ދެވަނަ ފަހަރެވެ.މީގެ 100 އަހަރު ކުރިން ، އެމެރިކާގެ 150 ވަނަ އެނިވަރސަރީ ފާހަގަކުރުމަށް އޭރުގެ ރައީސް ކެލްވިން ކޫލިޖްގެ ފޮޓޯ ޖަހާފައި ބައިޑޮލަރުގެ ކޮއިނެއް ހަދާފައި ވެއެވެ.
މާރަޗް މަހު ޓްރެޝަރީ ޑިޕާޓްމަންޓުން ހާމަ ކޮށްފައިވާ ގޮތުގައި އެމެރިކާ ޑޮލަރުގެ ކަރުދާސް ނޫޓުގައި ވަރަށް އަވަހަށް ޓްރަމްޕްގެ ސޮއި ޖެހުމަށް ވަނީ ހަމަޖެހިފައެވެ.އެއީވެސް ވެގެންދާނީ މަގާމުގައި ހުންނެވި ރައީސަކު ފުރަތަމަ ފަހަރު ކުރައްވާނެ ކަމަކަށެވެ.
![]()
