އަމިއްލަ ނަފްސަށް ޖޯކްޖަހާފަ ހުނުމުގެ ގާބިލުކަން ހުރޭތަ ؟

Loading

September 3, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ބައެއްމީހުން ދެކޭ ގޮތުގައި އަމިއްލަ ނަފްސަށް ޖޯކް ޖަހާފަ ހުނުމުގެ ގާބިލްކަން ހުރުމަކީ އެމީހަކު ނަފްސާނީ ގޮތުން މެޗުއަރ ވެފައިވާ، ނުވަތަ ފުރާފުރިހަމަ ވެފައިވާ ކަމުގެ ހެއްކެކެވެ. ނަމަވެސް ރިސަރޗަރުން މިހާރު ވަނީ މިހުނަރުން ކުރާ އަސްލު އަސަރު ދެނެގަންނަން ވެސް ފަށާފައެވެ. އެފަދަ ބައެއް ފަރާތްތަކުން މިހާރު ގަބޫލު ކުރާގޮތުގައި އެގޮތަށް އަމިއްލަ ނަފްސަށް ޖޯކްޖަހާފަ ނުވަތަ މަލާމާތްކޮށްފަ ހިނިއަންނަ ކޮންމެ ފަހަރަކީ އެކަމުން ޕޮޒިޓިވް އަސަރެއް ކުރާކަމަކަށް ނުވެދާނެއެވެ. އޭގެ ބަދަލުގައި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ގެއްލުން ތަކެއްވެސް ލިބުން އެކަށީގެންވެއެވެ.
މިފަދަ ގެއްލުންތަކާ ދުރަށް ދާނީ ކިހިނެއް ؟
ބައެއް ސްކޫލް ކުދިންނަކީ ”އައުޓްކާސްޓްސް“ ނުވަތަ ހުރިހާކުދިން ބަލައި ނުގަންނަ ކުދިންނަށް ވަނީ ކީއްވެގެން ހެއްޔެވެ؟
ބައެއް ސްކޫލް ކުދިންނަކީ އެކުދިންގެ ”ޕިއަރ ގްރޫޕް“ ތަކުގައި ބައިވެރި ނުކުރެވޭ ކުދިންނަށް ވާސަބަބަު ހޯދުމަށް ނުވަދިހައިގެ އަހަރު ތަކުގައި ސައިކޮލޮޖިސްޓުން ދިރާސާތަކެއް ކުރަން ފެށިއެވެ. ރިސަރޗަރުންނަށް ފާހަގަ ކުރެވުނު ގޮތުގައި މިގޮތަށް ގްރޫޕް ތަކުން ބަލައި ނުގަންނަ ދެވައްތަރެއްގެ ކުދިން އުޅެއެވެ.އޭގެ ތެރެއިން އެއްވައްތަރަކީ އެހެން ކުދިން ބުލީކޮށް އަދި ހަރުކަށިކަން ދައްކައިގެން އުޅެން އުޅޭ ކުދިންނެވެ. އަނެއް ވައްތަރަކީ ”މީކް“ ނުވަތަ މަޑުމަޑުން ތިބޭ އަދި ކޮންމެ ގޮތެއް ހެއްދޭ ކުދިންނެވެ.
ރިސަރޗަރުން ފާހަގަކުރި ގޮތުގައި މިދެވައްތަރުގެ ކުދިން ވެސް ހިއްސާކުރާ އެއް ސިފަ ވެއެވެ. އެއީ ތިމާއަށް ރައްދުވާ ޖޯކް ބަލައިގަތުމުގެ ގާބިލިކަން ނެތުމެވެ.
ފުރަތަމަ ގްރޫޕްގެ ކުދިން ”ޓީސް“ ކުރެވޭ ހިންދު ރުޅި އާދެއެވެ. އަދި މައްސަލަ ހައްލުކުރުމަށް ހަރުކަށިކަން އިސް ކުރެއެވެ. ދެވަނަ ގްރޫޕްގެ ކުދިން ”ޓީސް“ ކުރެވޭ ހިނދު ވަރަށް ބޮޑަށް އަސަރުކޮށް ރޮއި ހަދައެވެ.އަދި ފަހަތަށް ޖެހި އެހެން ކުދިންނާއި އަމިއްލަޔަށް ވަކިވެއެވެ. ދެގްރޫޕުންވެސްގަބޫލު ކުރަނީ މަޖަލަކަށް ކުރެވޭ އެފަދަ ކަންތަކަކީ ހެޔޮ ނިޔަތެއްގައި ކުރާނެ ފަދަ ކަންކަމެއް ނޫންކަމުގައެވެ.އަދި އެފަދަ ކަންކަމުން ވަރަށް ބޮޑަށް ”އިންސަލްޓް“ ވެއެވެ.
ނަމަވެސް ސޮސައެޓީގެ މިފަދަ ކަންކަމަށް ލޯހުޅުވިފައިވާ ކުދިން ނަށް މިފަދަ ”ޓީސް“ ކުރުންތަކަކީ މައްސަލަ އަކަށް ނުވެއެވެ. އަަދި ކީއްތަ އެކަމުން މަޖާވެއެވެ.
އަޅުގަނޑުމެން އަމިއްލަ ނަފްސަށް މަލާމަތްކޮށްފަ ހެވޭނަމަ ޅައުމުރުން ފެށިގެންވެސް އެކަމުގެ ރަގަޅު ނަތީޖާ ފެނެއެވެ. ސްޓަޑީތަކުން ދައްކާ ގޮތުގައި ހަޔާތުގެ ކަންކަމާމެދު މަޖާ، އުފާވެރި ”އެޓިޓިއުޑެއް“ ނުވަތަ ގޮތްތަކެއް ގެންގުޅޭނަމަ އެމީހެއްގެ ނަފްސާނީ ދުޅަހެޔޮކަން ރަގަޅެވެ.އަދި އެމީހެއްގެ ގުޅުންތައްވެސް ރަގަޅުވެފައި ވަރުގަދައެވެ. ނަމަވެސް އަމިއްލަ ނަފްސަށް މަލާމާތްކޮށްފައި މަޖާކުރުން އެއީ ހުރިހާފަހަރަކު ރަގަޅު ކަމަކަށް ނުވާކަމަށް މިހާރު ރިސަރޗަރުން ވަނީ ބުނަން ފަށާފައެވެ.
ހަގީގަތުގައިވެސް އަމިއްލަ ނަފްސަށް މަލާމަތް ކޮށްފަ ހިނި އަންނާނެ ހެއްޔެވެ؟މިއީ މިހާރު ދިރާސާ ކުރާ ފަރާތްތަކުން ކުރަންފަށާފައިވާ ސުވާލެކެވެ. އިހުގެ ގްރީކް ފިލޯސަފަރު ޕްލޭޓޯ ވެސް އެކަމަށް އެއްބަހެއް ނުވެއެވެ. ޕްލޭޓޯގެ ފަލްސަފާއަކީ ތިމާއަށް ކުރެވޭ މަލާމާތް ނުވަތަ ”ޓީސް“ ގެ ސަބަބުން ހިނި ނާންނަ ނަމަ އެމީހަކީ ”ޖެލޮޓޮފޯބް“ އަކަށް ވުން އެކަށީގެންވާ ކަމުގައެވެ. ޖެލޮޓޮފޯބުންނަކީ ހުނުމާއި ދެކޮޅު، އަދި ހުނުމާއި މެދު ”އެކިއުޓް ސެންސިވިޓީ“ ހުންނަ މީހުންނެވެ.އަނެއްކޮޅުން ޕްލޭޓޯގެ ފަލްސަފާ ބުނާގޮތުން އަމިއްލަ ނަފްސަށް މަލާމާތްކޮށްފަ ހޭ މީހުންނަކީ އަމިއްލަޔަށް އެމީހުންނަކީ އެހެން މީހުންނަށް ވުރެ ސުޕީރިއަރ ނުވަތަ މަތީ ފަންތިއެއްގެ މީހުން ކަމަށް ގަބޫލު ކުރާމީހުންނެވެ.
ޕްލޭޓޯ ގެ ޒަމާނުގެ އެއްހާސް އަހަރު ފަހުން އިގިރޭސި ފިލޯސަފަރ ތޯމަސް ހޯބްގެ ވިސްނުން ވަނީ ޕްލޭޓޯގެ ވިސްނުމާ ތަފާތުވާން ފަށާފައެވެ. ހޯބްސް ގެ ފަލްސަފާއަކީ މާޒީގައި އެމީހަކަށް ކުރެވިފައިވާ ނުވަތަ ކުރެވުނު ”ފޫލިޝް“ ނުވަތަ ހަމަނުޖެހޭ ކަމެއްގެ މަތިން ހަނދާން ކޮށްފަ އަމިއްލަ ނަފްސަށް މަލާމާތްކޮށްފަ ހެވޭތަން އާދެއެވެ.
މިދެތަފާތު ހިޔާލުން ދައްކާދެނީ ހަމަ އެކަނި ފަލްސަފާތަކެއްގެ މައްޗަށް ބިނާވެގެން ނުތިބެ، ހަގީގީ ދުނިޔޭގެ ހަގީގީ މައްސަލަ ތަކުގެ މައްޗަށްވެސް ފަލްސަފާތައް ބިނާވަމުން އަންނަކަމެވެ.
މަޑުމަޑުން ފިލޯސަފަރުން ވަނީ ހުރިހާފަހަރެއްގައި ”ހިއުމަރ“ ނުަވަތަ މަޖަލަށް ކުރާ ކަންކަމަކީ ”ސްޕައޓް“ ނުވަތަ ރުޅިވެރިކަމުގައި ބަދަލެއް ހިފުމަށް ކުރާ ކަންކަން ނޫންކަމަށް ގަބޫލު ކުރަންފަށާފައެވެ. މިގޮތުން ގިނަ މީހުން މަޖާ ކަމެއްގެ ގޮތުގައި ބަލައިގަންނަނީ ”ސޯޝަލް ނޯމްސް“ ނުވަތަ ސޮސައެޓީގައި އާންމުކޮށް ކަންތައް ހިނގާ ގޮތަށް އަންނަ ކުއްލި ބަދަލު ތަކެވެ.
އަދިވެސް އަމިއްލަ ނަފްސަށް މަލާތް ކޮށްފަ ހެވިދާނެ ތޯ މިއީ ކުރެވެމުން އަންނަ ސުވާލެކެވެ. ފާއިތުވި ފަންސާހަކަށް އަހަރުތެރޭ ރިސަރޗް ތައް ހަދާފައިވާ ގިނަ ފަރާތްތަކުން ، އަމިއްލަ ނަފްސަށް މަލާމާތްކޮށްފަ ނުވަތަ ޖޯކް ޖަހާފަ ހެވޭތޯ، މިސުވާލު ސީދާ މީހުންނާ ކުރެއެވެ.އަދި އެމީހުން ދޭޖަވާބު ރިސަރޗަށް ބަލައިގަނެއެވެ. ނަމަވެސް 2011ވަނަ އަހަރު ޔޫރޮޕްގެ ރިސަެޗަރުން މިކަމުގައި ”އެކްސްޕެރިމެންޓަލް ސެޓަޕެއް“ ބޭނުން ކުރަން ނިންމިއެވެ.އަދި އެމީހުން ނަށް މަލާމާތް ކުރެވި ”ޓީސް“ ކުރެވޭ ހިނދު އެމީހުންގެ މޫނު މައްޗަށް އަންނަ ބަދަލު ތައް އެމީހުންަނަށް ސިއްރުން ރިކޯޑް ކުރިއެވެ.
އެމީހުން ދެވަނަ ދުވަހަކު ސްޓޫޑިއޯ އަށް ގެންގޮސްފައި އެމީހުންގެ މޫނުގެ ސިފަ މަޖާގޮތްގޮތަށް ބަދަލު ކޮށްފައިވާ ފޮޓޯ ތަކެއް އެމީހުންނަށް ދެއްކި ކަމަށް ވެއެވެ.އަދި އެފަހަރުވެސް އެމީހުންގެ މޫނުއަތީގެ އަސްލު ރިއެކްޝަން ރިކޯޑް ކުރިއެވެ.މިގޮތަށް ފޮޓޯ ދެއްކުނު އެންމެނަށް ފޮޓޯތައް މަޖާ ނުވިކަމަށް ވެއެވެ. ނަމަވެސް 80 އިންސައްތަ މީހުން ފޮޓޯ ފެނުމުން ކުޑަމިނުން ހިނިތުން ވެލިކަމަށް ވެއެވެ. އަދި މަޖާ ފޮޓޯ ދެއްކުނު 40 އިންސައްތަ މީހުންނަށް ވަރަށް މަޖާވެ ބާރަށް ހީނގަތް ކަމަށް ވެއެވެ.
މިފަދަ ހޯދުންތަކަށް ބިނާކޮށް މިހާރުގެ ރިސާޗަރ، ޕްލައިމައުތު ޔުނިވަރސިޓީގެ ސޮންޖާ ހައިންޒް ބުނެފައިވަނީ އަމިއްލަ ނަފްސަށް މަލާމާތްކޮށްފަ ނުވަތަ ޖޯކް ޖަހާފައި ހިނިއައުމަކީ ކުރެވޭ އަދި ކުރުން ރަގަޅު ކަމެއް ކަން ވަނީ ސައިންޓިފިކް ދިރާސާތަކުން ހޯދިފައި ކަމުގައެވެ.
އެންމެ ކުރަން އުނދަގޫ ހިއުމަރ އަކީ އަމިއްލަ ނަފްސަށް ޖޯކްޖަހާފަ މަޖާވުން ކަމަށް އެމެރިކާގެ ހިއުމަރ ރިސަރޗަރ މެކްޤީ 2010 ވަނަ އަހަރު ބުނެފައި ވެއެވެ. މެކްޤީ އެކުލަވާލާފައިވާ ”ސެވަން ސްޓެޕްސް ޓު ހިއުމަރ ޕްރޮގްރާމް“ ބުނާގޮތުން ތިމާ ، ތިމާޔަށް ޖޯކް ޖެހުމުގެ ކުޅަދާނަކަމަކީ އުނދަގޫ އެހެނަސް ކުރެވިދާނެ ކަމެކެވެ.ސްޓްރެސްފުލް ހާލަތް ތަކުން ހިއުމަރ ހޯދުމަކީ ވަރަށް އުދަގޫ ކަމަކަށް ވާއިރު އެއީވެސް ކުރަން ޖެހޭ ކުރެވިދާނެ ކަމެއްކަމަށް އޭނާ ބުނެފައި ވެއެވެ.
ބައެއް މީހުންނަކީ އަބަދުވެސް ސީރިއަސް ވެފައި، ހީލަންވެސް ހަނދާން ނެތިފައި ތިބޭ ބަޔަކަށް ވާއިރު މެކްޤީ ގަބޫލު ކުރާ ގޮތުގައި އަމިއްލަ ނަފްސާދިމާލަށް ހުނުމުގެ ގާބިލު ކަމަކީ އެކި ހާލަތްތަކުގައި ހިއުމަރ ހޯދަން ، ނުވަތަ މަޖާކޮށްލާ ސީރިއަސްކަން ކަނޑުވާލުމަށް ފަހިވާނެ މަގެކެވެ. އަދި އެމީހަކަށް އުފާވެރިކަމާ ހުނުން އަދި ”ލައިޓް ހާޓަޑް އެމިއުސްމަންޓް“ ނުވަތަ ކުދިކުދި ކަންތަކުންވެސް ފަސޭހައިން ހެވޭ އުފާވެރި މިޒާޖަކަށް މީހާ ގެންދާނެ ކަމެކެވެ. ރިސަރޗަރުން ބުނާގޮތުގައި އަބަދުވެސް ސީރިއަސްވެފައި ރުންކުރުވާގޮތް ވެފައި ތިވޭ މީހުން ހެއްވާލުމަކީ، ނުވަތަ އެމީހުން ގާތަށް ހިނިއައުމަކީ އެހާފަސޭހަކަމަކަށް ނުވެއެވެ.
ޕްލޭޓޯގެ ފަލްސަފާގައި ފާހަގަވި ޖެލޮޓޮފޯބުން ދެކޭ ގޮތުގައި އެހެން މީހުން އެމީހަކަށް މަލާމަތް ކޮށްފިނަމަ އޭގެ މާނަޔަކީ އަނެކާ އޭނަދެކެނީ ”ރިޑިކިއުލަސް“(ހެއްވާ) މީހެއްގެ ގޮތުގައެވެ.
ޖެލޮޓޮފޯބް އަކަށް ވުމަކީ އެމީހެއްގެ ހަޔާތް ނުވަތަ ދިރިހުރުމަށް ހިތްދަތިކަން ގެނުވާނެ ކަމަކަށް ވާއިރު، ޖެލޮޓޮފޯބް އަކަށް މީހާ ބަދަލުވާ ވަކިއެއްސަބަބު އަދި ފާހަގަ ކުރެވިފައި ނުވާކަމަށް ރިސަރޗަރުން ބުނެއެވެ.ބައެއް ފަރާތްތަކުން ބުނާގޮތުގައި އެމީހެއްގެ މައިންބަފައިންނަކީ ވަރަށް ހަރުކަށި އަދި އަދަބުދޭ ބެލެނިވެރިން ނަމަ ކުދިންގެ ކިބައިން އެސިފަ ފެނެއެވެ.އަނެއް ސަބަބަކީ ޅައިރު ބުލީ ކުރެވި، ހީނ މަލަމާތް ކުރެވުމުގެ ހާދިސާއެއް ނުވަތަ ހާދިސާތަކެއް ތަޖްރިބާ ކޮށްފައި ވުމެވެ. ތިންވަނަ ސަބަބެއްކަމަށް ރިސަރޗަރުން ފާހަގަ ކޮށްފައިވަނީ އެމީހަކު އުފަންވާއިރުވެސް ހުންނަ އޯޓިޒަމް ފަދަ ތަފާތު ކަމުގެ ސިފަތަކެވެ.
އެމީހަކު ނިސްބަތްވާ ސަރަހައްދުގެ ގޮތުންވެސް މީހުން ގާތަށް ހިނިއުމާއި ނައުން ހުންނަ ލެވެލް ތަފާތެވެ.މިސާލަކަށް ހުޅަގުގެ ގައުމުތަކަށް ނިސްބަތްވާ މީހުންނަށްވުރެ އީސްޓް އޭޝިޔާ މީހުން ކަންކަމާ ހޭލެއް ކުޑައެވެ.މިސާލަކަށް ޗައިނާގައި އާންމު ވިސްނުމަކީ ހުނުމަކީ ނުވަތަ މީހުން ހެއްވުމަކީ ކޮންމެހެން އެންމެން ކުރަން ޖެހޭ ކަމެއްނޫނެވެ.އެކަން ކުރާނީ ކޮމީޑިއަނުންނެވެ.
”ޓީސް“ ކުރެވުމުން ލުއިގޮތަކަށް ނަގައިގަންނަން ނޭގޭ ކުދިންނެކޭ އެއްފަދައިން ޖެލޮޓޮފޯބުން ނަށް ނޭދެވޭ ނަފްސާނީ އަދި އިންޓަރ ޕާސަނަލް މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ.މިފަދަ މީހުންނަށް ހަޔާތުގައި ހިތްހަމަ ނުޖެހިފައި ހުންނަން ޖެހޭ ހާލަތްތައް ގިނައެވެ. އަދި ރަހުމަތްތެރިން ހޯދަން މަސައްކަތް ނުކޮށް އެކަނިވެރިކަމުގައި ޑިޕްރެޝަންގެ ހާލަތުގައި ތިބޭތަން އާންމުކޮން ފެނެއެވެ.
ޖެލޮޓޮފޯބް ގެ އިދިކޮޅު ސިފައަކީ ޖެލެޓޮފީލިޔާ އެވެ.އޭގެ މާންއަކީ އެހެން މީހުން ތިމާއާއި ދިމާލަށް ހުނުމުން ނުވަތަ ”ޓީސް“ ކުރުމުން އެކަމުން އުފާވެރިކަން ލިބޭ މީހުންނެވެ. މިފަދަ މީހުންނަކީ ސޮސައިޓީގައި ގުޅުންތައް ވަރުގަދަ މީހުންނެވެ. ޖެލެޓޮފީލިޔާ ސިފަކުރެވޭ އަނެއްގޮތަކީ ތިމާގެ ކަންކަމުގެ އިތުރުން ވަށައިގެން ހިންގާ އެހެން ކަންކަމާމެދުވެސް ”ޕްލޭފުލް“ ނަޒަރެއް ގެންގުޅުމެވެ.
ޕްލޭފުލް ނުވަތަ ސަކަ މިޒާޖުގެ މީހުންނަކީ ކޮންމެ ދުވަހަކު ކުރިމަތިވާ ހާލަތްތަކަކީވެސް އެމީހެއްގެ ވަގުތުތައް ރަގަޅު ގޮތުގައި ފުރާލުމަށާއި އަދި އެކަމުން ފޫހިކަން ފިލުވާދޭ، ސިކުޑިއަށް ތަމްރީންތަކެއް ލިއްބައިދޭ އަދި ޒާތީ ގޮތުންވެސް ޝައުގްވެރި ކަންތައްތަކެއްގެ ގޮތުގައި ބަލައިގަންނަ މީހުންނެވެ. އަދި އެމީހަކީ ސެލްފް އެސްޓީމް ނުވަތަ އަމިއްލަ ނަފްސަށް އިތުބާރު ކުރުން ބޮޑު، އަދި ގުޅުންތައް އުފެއްދުމުގައި ކާމިޔާބް މީހަކަށް ވެއެވެ.
މިރޯޓުން ދަސްވި ކަމަކީ ކުދިން ތަރުބިއްޔަތު ކުރުމުގައިވެސް ލައިޓް-ހާޓަޑް ކަމުގެސިފަ އަށަގަނުވުން ، ނުވަތަ މަޖާކޮށްލުމަށް ގިނަގިނައިން ހިއްވަރު ދިނުން މުހިންމު ކަމެވެ. ހަޔާތުގައި މުޅިން ދިމާވާނީ ހިތްހަމަ ޖެހޭ ކަންތަކެއް ނޫނެވެ.ހިތްހަމަ ނުޖެހޭ ކަންތައް ދިމާވި ނަމަވެސް އެކަމުން މާޠުސްނުވެ ހީނލާ، ހިތްހަމަ ޖެހުން ހޯދަން ދަސްކޮށް ދިނުން މުހިންމު ކަމެވެ.
އެންމެ މުހިންމު ކަމަކީ ތިމާ އަމިއްލަ އަށް ތިމާއަށް ޖޯކް ޖަހާފަ ހުނުމުގެ ގާބިލިކަން އަށެގެނެވުން އެއީ މުހިންމު ކަމެއް ކަމެވެ. ނަމަވެސް އެކަމުގައިވެސް ބެލެންސެއް ގެންގުޅުން މުހިންމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް