ފުރުމާއި ފިރިމީހާގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ނޭޕާލަށް ދަތުރުކުރި އެމެރިކާގެ ޓެކްސަސްގެ ދެމަފިރިއަކު، އެ ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމަށްފަހު ގެއްލިއްޖެއެވެ. އެމީހުންގެ އާއިލާއިން މިހާރު އިންތިޒާރުކުރަމުން ދަނީ އެ ދެމަފިރިން ދިރިތިއްބާ ފެންނާނެ ކަމުގެ ފޮނި އުންމީދެއްގައެވެ.
ޓެކްސަސްގެ މާފީއަށް ނިސްބަތްވާ ރަގޫ ރާޖަން (50 އަހަރު) އަދި އަރްޗަނާ ސުރޭޝް (46 އަހަރު)، މި ދަތުރަށް ތައްޔާރުވަމުން އަންނަތާ އެއް އަހަރު ދުވަސް ވެއްޖެއެވެ. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ އަދި ގުދުރަތީ މާހައުލުގައި ހަރަކާތްތެރިވުމަށް ލޯބިކުރާ މި ދެމަފިރިން ވަނީ، ނޭޕާލް-ޓިބެޓް ބޯޑަރާއި މައުންޓް ކައިލާޝްއާ ދިމާއަށް ކުރަންޖެހޭ އުނދަގޫ ދަތުރަށް ތައްޔާރުވުމުގެ ގޮތުން ދިގު ހިނގުންތަކާއި ހައިކިންގް ހަރަކާތްތައް ބާއްވައި ތަމްރީނު ހަދާފައެވެ.
ކޮލެޖަށް ދާ އުމުރުގެ ދެ ކުދިން ތިބި މި ދެމަފިރިން ދިޔައީ ވަޓްސްއެޕް މެދުވެރިކޮށް އެމީހުންގެ ދަތުރުގެ ފޮޓޯއާއި ވީޑިއޯ އާއިލާގެ މީހުންނާ ގަވާއިދުން ހިއްސާކުރަމުންނެވެ. ފެންބޮޑުވުމުގެ ކުޑައިރުކޮޅެއް ކުރިން، ރާޖަން ވަނީ އޭނާގެ ކޮއްކޮއަށް ފޭސްޓައިމް މެދުވެރިކޮށް ގުޅައި، އެ ދެމަފިރިން ތިބި ހޮޓާ ދައްކާލާފައެވެ.
ޚަބަރު ލިބޭގޮތުގައި އެމީހުން ދަތުރުކުރި މުޅި ޓުއާ ގްރޫޕްވެސް މިހާރު ވަނީ ގެއްލިފައެވެ. އާއިލާގެ މެންބަރުން ބުނާ ގޮތުގައި އެއްވެސް ހޮސްޕިޓަލަކުންވެސް މި ދެމަފިރިން ފެނިފައެއް ނުވެއެވެ. އަދި މިހާތަނަށް އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މި ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް މަދުވެގެން 1،000 މީހުން މަރުވެ، އިތުރު އެތައް ހާސް ބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި އެމެރިކާގެ ގާތްގަނޑަކަށް 75 މީހުންގެ ޚަބަރެއް އަދިވެސް ނުވެއެވެ.
އެމެރިކާއާއި އިންޑިއާގައި ތިބި އެ ދެމަފިރިންގެ އާއިލާގެ މެންބަރުން މިހާރު ދުއާކުރަމުން ދަނީ އެމީހުން ސަލާމަތުން އެނބުރި އައުމަށެވެ. އަދި ފެންގަނޑު ބޮޑުވުމުގެ ކުރިން އެމީހުންނަށް އުސް ސަރަހައްދަކަށް ދެވިފައިވާނެ ކަމަށް އާއިލާއިން އުންމީދުކުރެއެވެ.
![]()
