އިންޑިއާގެ ތެލަންގާނާގެ ނަލްގޮންޑާ ޑިސްޓްރިކްޓްގެ ސްކޫލެއްގެ ޕްރިންސިޕަލް މަރާލި މައްސަލަ، އެކަން ކުރި ފަރާތްތަކުން ކުއްލިއަކަށް ޕާޓީތަކަށާއި އަގުބޮޑު އިލެކްޓްރޯނިކް ސާމާނަށް ކުރަންފެށި ޚަރަދުތަކުގެ ސަބަބުން ފަޅާއަރައި، ގްރޭޑް 10 ގެ ދެ ދަރިވަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ކޮންޑަމައްލެޕައްލީގެ ނާގާރްޖުނާ ޕަބްލިކް ސްކޫލުގެ ޕްރިންސިޕަލް އަދި ޑިރެކްޓަރު، އުމުރުން 48 އަހަރުގެ ކައްލޫ ރޫޕާ ރެޑީ، އޭނާގެ ގޭގެ ތެރޭގައި 27 ފަހަރު ވަޅިޖަހައި މަރާލާފައި އޮއްވާ ފެނުނީ އޯގަސްޓް 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ވަގުތު ހައިދަރުއާބާދުގައި ހުރި އޭނާގެ ފިރިމީހާ ފޯނު ކުރުމުން ޖަވާބު ނުދިނުމުން ކަންބޮޑުވެގެން އަވަށްޓެރިންނަށް އެންގިއެވެ. އަދި އަވަށްޓެރިން ގޮސް ބެލިއިރު އޭނާ މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރިއެވެ.
ތަޙުޤީޤީ ޓީމުތަކުން ފަސް ގްރޫޕަކަށް ބެހިގެން ސީސީޓީވީ ފުޓޭޖްތަކާއި ފޮރެންސިކް ހެކިތަކުގެ އިތުރުން ފިންގަރޕްރިންޓްތައް ދިރާސާކޮށް، 80 އަށް ވުރެ ގިނަ މީހުންނާ ސުވާލުކުރިއެވެ. މި މައްސަލައިގެ މުހިންމު ކުރިއެރުމެއް ލިބުނީ އެންމެ ލަފުޒަކުންނެވެ. ފޯނު ކެނޑުމުގެ ކުޑައިރުކޮޅެއް ކުރިން، ރެޑީ އޭނާގެ ބޮޑުދައިތައާ ވާހަކަދައްކަމުން ދަނިކޮށް ”ބާބޫ“ (ދަރިފުޅާ/ކުޑަކުއްޖާ) މި ލަފުޒު ބޭނުންކުރިއެވެ. ފުލުހުން ބުނި ގޮތުގައި މި އިޝާރާތުގެ ސަބަބުން ތަހުގީގު ދަރިވަރުންނާ ދިމާއަށް އަނބުރާލަން ޖެހުނެވެ. އަދި ގަވާއިދުން ސްކޫލަށް ހާޒިރުނުވާ ގްރޭޑް 10 ގެ ފަސް ފިރިހެން ކުއްޖަކަށް ފުލުހުންގެ ސަމާލުކަން ހުއްޓުނެވެ. މީގެ ތެރެއިން ދެ ކުއްޖަކު ވަކިން ޚާއްޞަކޮށް ފާހަގަކުރެވުނީ، މަރުގެ ހާދިސާއަށް ފަހު ވިދިގެން އައި ދުވަސްތަކުގައި އެކުދިން ބޮޑެތި ޚަރަދުތައްކޮށް، ޕާޓީތައް ބާއްވަން ފެށުމުންނެވެ.
ބުދަ ދުވަހުގެ ހެނދުނު މި ދެކުދިން ހައްޔަރުކޮށް ސުވާލުކުރުމުން، މިއީ ރާވައިގެން ހިންގި ޤަތުލެއް ކަމަށް އެކުދިން ވަނީ އެއްބަސްވެފައެވެ. ފުލުހުން ބުނާ ގޮތުގައި މިކަމުގެ ފަހަތުގައި އޮތީ ބަދަލުހިފުމުގެ ރޫހެކެވެ. މީގެ ކުރިން މި ދެކުދިންގެ ހޮސްޓެލް ދަބަހުން ގިނަ އަދަދެއްގެ ފައިސާއާއި މޯބައިލް ފޯނެއް ފެނިގެން ރެޑީ ވަނީ އެކަން އެކުދިންގެ ބެލެނިވެރިންނަށް އަންގައި، އަދަބެއްގެ ގޮތުން އެކުދިން ހޮސްޓެލުން ވަކިކޮށް، ދުވަހުން ދުވަހަށް ސްކޫލަށް އަންނަ ދަރިވަރުންގެ ގޮތުގައި ބަދަލުކޮށްފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ޖަރީމާ ހިންގުމަށް އެ ދެކުދިން ފަސް ދުވަސް ވަންދެން ރޭވުންތައް ރާވައި، އޭނާގެ ގެ ހުންނަ ސަރަހައްދު ބަލައި ފާރަލައި، ފިންގަރޕްރިންޓް ނޭޅޭނޭހެން އަންގިއާއި ވަޅިއެއް ގަތެވެ. ޤަތުލު ހިންގި ދުވަހު، އޭގެ ތެރެއިން އެއް ކުއްޖަކު މަންކީ ކެޕަކާއި (މޫނު ނިވާކުރާ ތޮތްޕެއް) އަންގި ލައްވައިގެން އޭނާގެ ގެއަށް ވަނެވެ. އެ ކުއްޖާއަށް އޭނާގެ ކޮޓަރިން 2.5 ލައްކަ ރުޕީސް ފެނިގެން ފިލަން އުޅުމުގެ ތެރޭގައި އަޅައިގެން ހުރި ތޮފި ކަހާލައިގެން ގޮސް، ރެޑީއަށް އެއީ ކާކުކަން އެނގުނެވެ. ފަޅާއަރައިފާނެ ކަމުގެ ބިރަށް، އެ ކުއްޖާ ވަނީ ރެޑީގެ ގަޔަށް 27 ފަހަރު ވަޅި ޖަހައި މަރާލާފައެވެ.
މަރާލުމަށްފަހު، ހެކި ނައްތާލުމުގެ ގޮތުން އެކުދިން ވަނީ ލޭ ހޭކިފައިވާ އަންނައުނުތަކާއި މަންކީ ކެޕް ވަޅުލުމަށްފަހު ގޯއާއަށް ދަތުރެއް ގޮސްފައެވެ. ފަހުން ފުލުހުން ވަނީ ލޭގެ އަސަރު ހުރި ބައެއް ފައިސާއާއެކު ޖުމްލަ 1.54 ލައްކަ ރުޕީސްއާއި، ތުހުމަތުކުރެވޭ ކުދިން ގަނެފައިވާ އައިފޯނަކާއި އަދި ރެޑީގެ ފޯނު ހޯދާފައެވެ. މީގެއިތުރުން، މި ޤަތުލު ހިންގުމުގެ ކުރިން އެ ދެކުދިން ވީޑިއޯ ޕްލެޓްފޯމްތަކުން ފަސޭހައިން އަވަހަށް ފައިސާ ހޯދާނެ ގޮތްތައް ހޯދައި ބަލާފައިވާކަން ވެސް ތަޙުޤީޤަށް ވަނީ އެނގިފައެވެ.
![]()
